ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 14:31
ހެލްތު މިނިސްޓްރީ ހިންގަމުންދާ އިމާރާތް
ހެލްތު މިނިސްޓްރީ ހިންގަމުންދާ އިމާރާތް
ގޫގުލް
ނިޕާ ވައިރަސް
އިންޑިއާގައި ނިޕާ ވައިރަސް ފެތުރޭތީ މިދަނީ އެކަން މޮނިޓަރ ކުރަމުން: އެޗްޕީއޭ
މިބަލި ރާއްޖޭގައި ފެތުރުން ކުޑަ
ދިވެހިން އުޅޭ ހިސާބެއްގައި ކޭސްއެއް ފެނިފައިނުވޭ
މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް

ފުރާނައަށް ނުރައްކާތެރި ނިޕާ ވައިރަސް އިންޑިއާގައި ފެތުރޭތީ މޮނިޓަރ ކުރަމުންދާ ކަމަށާއި، މިބަލި ރާއްޖޭގައި ފެތުރުން ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އިންޑިއާއަކީ ދިވެހިން ބޭސްފަރުވާގެ ކަންކަމުގައި އަދި ވިޔަފާރީގެ ކަންކަމުގައި އާއްމުކޮށް ދަތުރުކޮށް އުޅޭ ގައުމެކެވެ.

އެޗްޕީއޭއިން ބުނީ މި ބަލި ފެނިފައިވާ އިންޑިއާގެ ސްޓޭޓް، ކެރެލާގެ ހާލަތު މިހާރު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިވަގުތު ކޭސްތައް ދިވެހިން އުޅޭ ހިސާބަކުން ފެނިފައިނުވާ ކަމަށެވެ. އަދި ރާއްޖެއަށް މި ވައިރަސް ފެތުރުމުގެ މިންވަރު ކުޑަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް ކޭސްތައް ބަލައި މޮނިޓަރ ކުރަމުންދާނެ ކަމަށެވެ.

މިބަލިޖެހުމުން ހުން އައުމާއި، ގައިގައި ރިއްސުމާއި އަދި ކަރުގައި ރިއްސައެވެ. ބަލީގެ އަސަރު މާބޮޑަށް ކޮށްފިނަމަ ހޭނެތުމާއި ފިޓް ޖެހުން ފަދަ ކަންކަން ދިމާވެއެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާ އިން ކަމަށް ވެއެވެ. މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތަ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީ ވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.

ދޭތެރެ ދޭތެރެއިން ކެރަލާގައި މިބަލި ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ. އަދި މިބަލީގައި 2018 އިން ފެށިގެން މިހާތަނަށް ކުޑަ ކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަރުވެސް ވެފައިވެއެވެ. މި ފަހަރު މި ބަލީގެ އައުޓްބްރޭކްގައި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ބަލި ފެތުރިދާނެކަމުގެ ބިރަށްޓަކައި ކެރަލާގައި ބައެއް ސްކޫލްތަކާއި އޮޕީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި އާއްމު ދަތުރުފަތުރު ވެސް ވަނީ ހުއްޓާލާފައެވެ.

- ކޮމެންޓް