މޮރޮކޯއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ރިލީފް ފަންޑަށް 70،000ށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.
ރެޑް ކްރެސެންޓުން ބުނީ މޮރޮކޯއަށް 8 ސެޕްޓެންބަރު 2023 ވަނަ ދުވަހު އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 14 ސެޕްޓެންބަރުން 21 ސެޕްޓެންބަރަށް ހުޅުވާލި ރިލީފް ފަންޑަށް މުޅި ޖުމްލަ 70،931.64 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މި ފަންޑުން އެހީވުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރު.ސީ)ގެ ފަރާތުން މޮރޮކޯގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެރެފައިވާ 100 މިލިޔަން ސްވިސް ފްރެންކްސްގެ އިމަރޖެންސީ އެހީގެ އިލްތިމާސްއަށެވެ.
މިފަންޑަށް ލިބިފައިވާ ފައިސާ އައި.އެފް.އާރު.ސީ އާއި ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރެޑް ކްރެސެންޓުން ދަނީ ކުރަމުންނެވެ.
ރެޑް ކްރެސެންޓުން ބުނީ ދިވެހިންގެ ފަރާތުން މިފަންޑަށް ލިބިފައިވާ ފައިސާ ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ހަވާލު ކުރެވޭނެ ކަމަށެވެ. އަދި މޮރޮކޯގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މިފައިސާއިން ފޯރުކޮށްދެވޭ އެހީތެރިކަން ދިވެހި ކްރެސެންޓް މެދުވެރިކޮށް އާއްމު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށެވެ.