Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 15:48
މައްސަލަ ހުށަހެޅުމަށްފަހު މައްސަލަ ހުށަހެޅި ބޭފުޅުން މީޑިއާއަށް މަޢުލޫމާތު ދެއްވަނީ
މައްސަލަ ހުށަހެޅުމަށްފަހު މައްސަލަ ހުށަހެޅި ބޭފުޅުން މީޑިއާއަށް މަޢުލޫމާތު ދެއްވަނީ
އިސްމާއިލް ނާއިލް ނަޝީދު
މެންބަރުންްގެ ގޮނޑިގެއްލުން
ގޮނޑި ގެއްލުނު ކަމަށް އިޢުލާނު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
މައްސަލަ ހުށަހެޅީ 4 ބޭފުޅުން ވަކިން
4 ދާއިރާގައި ބައި-އިލެކްޝަން ބާއްވާނެކަން ވަނީ ހާމަކޮށްފައި
އީސީއިން ބުނީ ގޮނޑި ގެއްލުވާލީ ސުޕްރީމް ކޯޓުގެ ޙުކުމަކަށް ރިޢާޔަތްކޮށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ނިންމައި އިލެކްޝަން ކޮމިޝަނުން އެ ދާއިރާތަކުގެ ބައި-އިލެކްޝަން އިޢުލާނު ކުރުމުން، ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު ބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ޕީޕީއެމްގެ ދަފްތަރުން އެ ހަތަރު ބޭފުޅުން ވަކިކޮށްދިނުމަށް އެދި އަންގާރަ ދުވަހުގެ އެ ޕާޓީން ހުށަހަޅާފައިވާތީ، ދަފްތަރުން އެ ބޭފުޅުންގެ ނަން އުނިކޮށްފައިވާކަން ހަމަ އަންގާރަ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

އެ ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގައި، އިލެކްޝަންސް ކޮމިޝަނުން ހަވާލާދީފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބްވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބްވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރކަމުން ވަކިވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެވެ.

ގޮނޑި ގެއްލުނު ކަމަށްބުނާ ހަތަރު މެންބަރުންގެ ފަރާތުން ވަކިވަކިން އެ މައްސަލަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުގެ ރިސެޕްޝަނުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

4 ބޭފުޅުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އީސީއިން ނިންމި ނިންމުން ބާތިލުކޮށްދީ، އެ ދާއިރާތަކުގެ ގޮނޑި ހުސްނުވާ ކަމަށް ނިންމައިދިނުމަށާއި، އިޢުލާނުކޮށްފައިވާ ބައި-އިލެކްޝަން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ހޯދައިދިނުމަށެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު، ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، އެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެފައިވާ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށާ، ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ގޮންޖައްސަވައި ކަމަށެވެ.

ވައްޑެ ވިދާޅުވީ ވީހާވެސް އަވަހަކަށް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، އަޑުއެހުންތައް ވީހައިވެސް އަވަހަކަށް ބާއްވައިދެއްވައި، މައްސަލައިގައި ނިޔާ ކަނޑައަޅުއްވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު މުޙައްމަދު އަމީތު ވިދާޅުވީ މައްސަލައިގައި ވަރަށް އަވަހަށް އިންސާފު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، މި މައްސަލައަކީ ގޮނޑި ގެއްލުނު ކަމަށްބުނާ މެންބަރުގެ އިތުރުން 5000 ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން، ސައުދު ޙުސައިން ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ނިންމުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ނިންމުމެއް ކަމަށާ، މުއައްސަސާތަކުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފުވުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސބަަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެތެރޭގައި މެންބަރަކު އިންތިޚާބް ކުރަންވާނެ ކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިޚާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބް ކޮށްގެންނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 16:44
ފާތުމާ
މިރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި މިހާރު ނެއް މިނިވަން ކޯޓެއް، މިނިވަން އެއްވެސް ހުކުމެއްވެސް ނާދެއެވެ. އެހެންވީމާ ތިޔަމައްސަލަވެސް ހިޔެއް ނުވޭ ހިނގާނެ ހެންނެއް ވެސް އެހާލަސްވާނެ ބަލާތި އިލެކްސަން ކޮމިޝަން އިން އެ ނިންމި ގޮތަށް ނޫންތޯ ތިޔަކޯޓުން ތާއީދު ކުރާނީ؟ ތީ ގާނޫނު މުގުރާލާ ކޯޓް! ތީ ގައުމުގެ މަސްލަހަތު ނަގާލާ ކޯޓް!