ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު ލާއިންސާނީ އަނިޔާތަކާއެކު މަރާލި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ އިސްމާއީލް ރަޝީދު ބަންދުކުރުމަށް ދަށު ކޯޓުން އަމުރުކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
އިސްމާއިލް ރަޝީދު 15 ދުވަހަށް ބަންދުކުރުމަށް ޖޫން މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އަންގާރަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައަކީ އިސްމާއީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވެނީ އޭޕްރީލު 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާއާއި އިތުރު ބަޔަކު ބައިވެރިވެގެން، ޔާމީން ރަޝީދުގެ ފަހަތުން، އޭނާއަށް ފާރަލަމުންގޮސް ޔާމީން ރަޝީދު ދިރިއުޅޭ މ. ސްޕެޓިއުލާ ގޭ ތެރެއަށް، ޔާމީން ރަޝީދު ވަނުމުން، ޔާމީން ރަޝީދު ހިފަހައްޓާ ޔާމީން ރަޝީދަށް ތޫނު ހަތިޔާރުން ޙަމަލާ ދިނުމުގެ ސަބަބުން ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައިގައި އިސްމާޢީލް ރަޝީދުގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ އިސްމާއިލް ރަޝީދު ބަންދުކުރުމަށް އެދިފައިވަނީ އޭނާ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ ވަރަށް އަނިޔާވެރިކޮށް ހިންގާފައިވާ ޢަމަލަކަށްވާތީ މިކަމުގެ ސަބަބުން މުޖްތަމަޢުގައި ދިރިއުޅޭ ފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވުމުގެ ސަބަބުން، އިސްމާޢީލް ރަޝީދު ދޫކޮށްލައިފިނަމަ މިބާވަތުގެ ޢަމަލެއް ތަކުރާރުކޮށްފާނެކަމަށް ބެލެވޭތީއާއި، މައްސަލައިގައި ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީއާއި، އަދި މިމައްސަލައަކީ މީހެއްގެ މަރު ހިމެނޭ މައްސަލައަކަށްވުމުން، އިސްމާޢީލް ރަޝީދު މުޖްތަމަޢުގެ ތެރެއަށް ދޫކޮށްފައި ހުރެއްޖެނަމަ އޭގެ ސަބަބުން މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށްޓަކައި ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލާގައި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، އިސްމާޢީލް ރަޝީދު މި ޢަމަލުގައި ބައިވެރިވިކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މަޢުލޫމާތާއި އަދި މި ޢަމަލު ހިންގުމުގައި އިސްމާޢީލް ރަޝީދު ބައިވެރިވާކަން އަންގައިދޭ ސީ.ސީ.ޓީ.ވީ ފޫޓޭޖްއާއި، މި ޢަމަލު ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އެހެންފަރާތްތަކާއި އިސްމާޢީލް ރަޝީދާއި އޮންނަ ގުޅުން ދައްކުވައިދޭ ކޯލް ޗާޓް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލާގެ ޒާތާއި ބާވަތަށް ބަލާއިރު، އެ މައްސަލައަކީ ޤަސްދުގައި މީހުން މެރުމާއި، ޓެރަރިޒަމާއި އަދި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތަކެއް ހިމެނޭ މައްސަލައަކަށްވާއިރު، އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްކަމާއި، ޤަސްދުގައި މީހުން މެރުމަކީ، އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ އަދި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ކަނޑައަޅައި ބަޔާންކޮށްފައި ވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެކަންކަން ފާހަގަކޮށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އިސްމާޢީލް ރަޝީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެ ކަމަށެވެ. އެ މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އެވެ.
މީގެކުރިން، އިސްމާއިލް ރަޝީދުގެ ބަންދަށް ކްރިމިނަލް ކޯޓުން މެއި މަހުގެ 10 ވަނަ ދުވަހު ޖެހި 15 ދުވަސް ވެސް ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް، ޖޫން މަހުގެ 15 ދުވަހު އެ މައްސަލައިގައި ވެސް ހައިކޯޓުން ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިސްމާއިލް ރަޝީދު ހައްޔަރުކޮށްފައިވާއިރު، އޭނާގެ އާއިލާއިން ބުނާގޮތުގައި ފުލުހުން ވަނީ އޭނާ ފްރޭމްކޮށްފަ އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު އިސްމާއިލް ރަޝީދުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމާއިލް ރަޝީދު ހައްޔަރުކުރުމަށް ފަހު ފުލުހުން އެދިފައިވަނީ، ފުލުހުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި އިސްމާޢީލް ރަޝީދު ތަޙްޤީޤަށް ބަޔާނެއް ދިނުމަށް ކަމަށެވެ އަދި ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުން، އިސްމާޢީލް ރަޝީދުގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުކޮށް އޭނާ މިނިވަންކުރާނެކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިސްމާއިލް ރަޝީދުގެ އިތުރުން، ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ދެން ހައްޔަރުކޮށްފައިވަނީ އިސްމާއިލް ހައިޝަމް ރަޝީދުއާއި އަހުމަދު ޒިހާން އިސްމާއިލް އެވެ.