ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 15:16
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
މުހައްމަދު ޝަރުހާން
އިބްރާހިމް ދީދީގެ މައްސަލަ
ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!
ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް
ދެން އަޑުއެހުމެއް އޮންނާނީ އޯގަސްޓް 8 ވަނަ ދުވަހު
އިޖުރާއީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދީފި އެވެ.

އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ލިޔެކިޔުންތައް ހޯމަ ދުވަހު ހަވާލުކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ބާއްވާފައިވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިބްރާހިމް ދީދީއަށް ލިބިވަޑައިގަންނަވާ ހައްގުތައް، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވެ ދެއްވުމުން، އިބްރާހިމް ދީދީ ވަނީ ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވައިފަ އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ މި މައްސަލައަކީ 2012 ވަނަ އަހަރު ދައުވާކުރެވި އަދި 2015 ގައި ޓެރަރިޒަމުގެ ދައުވާކޮށް މައްސަލަ އަނބުރާ ގެންގޮސްފައިވާ މައްސަލައަކަށްވާއިރު، މި ދައުވާ އުފުލުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އަލުން ދައުވާ ނުކުރާނެ ކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލް ލިޔުމެއް ދިނުމަށް ފަހު އަލުން ދައުވާ ކޮށްފައިވާއިރު މިފަދަ މައްސަލައެއް ކުރިއަށް ގެންދެވޭނީ ގާނޫނީ ވަކީލަކާއެކު ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ދައުވާ ނުކުރާނެ ކަމަށް ބުނެ 2015 ވަނަ އަހަރު ލިޔުމެއް ދިނުމަށް ފަހު، މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އަލުން ދައުވާކޮށްފައިވާތީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި އިބްރާހިމް ދީދީ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައެއްގައި މުރާޖައާ ކުރުމަށް ނުވަތަ ދިރާސާކުރުމަށް ނޫން ގޮތަކަށް މައްސަލަ އަނބުރާ ގެންގޮސްފި ނަމަ އެ މައްސަލައެއްގައި ދެން އަލުން ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައެއްގައި ދައުވާ ނުކުރާނެކަން އެމީހަކަށް ޕީޖީ އޮފީހުން އަންގާފައި ވާނަމަވެސް އެފަދަ މައްސަލައެއްގައިވެސް ދައުވާ ނުކުރެވޭނެކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމެއްގައެވެ.

އިބްރާހިމް ދީދީގެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އޯގަސްޓް 8 ވަނަ ދުވަހުގެ މެންދުރު 2:30 ގަ އެވެ.

- ކޮމެންޓް