ޖުލައި 26 ވަނަ ދުވަހު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ އަންނަ ހަފްތާގެ ތެރޭގައެވެ.
މިއީ ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް، ނަވާޒް ޝަރީފް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކަށްވާއިރު މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރަށްން ދައުވަތު އެރުވި އެވެ.
އެހެންނަމަވެސް އެމަނިކުފާނުގެ ބަލި ހާލަތު ހުންނެވިގޮތުން އެފަހަރު ރާއްޖެ ވަޑައިނުގެން ދަތުރު ކެންސަލް ކުރެއްވީއެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ރާއްޖޭގައި ފާހަގަކުރި މިނިވަން 50 އަހަރުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ނަވާޒް ޝަރީފަށް ދައުވަތު އެރުވުނު ނަމަވެސް އެފަހަރުވެސް ވަނީ ދަތުރު ކެންސަލްކުރައްވާފައެވެ.
އެފަހަރުގެ ދަތުރުފުޅު ކެންސަލްކުރެއްވީ ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވުމާ ގުޅިގެންނެވެ. އެހެންކަމުން މިނިވަން 50 ގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ އެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.
އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ގައުމާ މުހާތަބު ކުރައްވާނެއެވެ.
މީގެ އިތުރުން، ޖުލައި 27 ވަނަ ދުވަހުގެ ހަވީރު، ގައުމީ ކެޑޭޓް ކޯ ގެ ފަރާތުން މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ޕެރޭޑާއި ރޫޓް މާޗް މާލޭގައި އޮންނާނެ އެވެ.
ނަވާޒު ޝަރީފުގެ މި ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން އެއްޗެއް ހާމައެއް ނުކުރެ އެވެ.