Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 10:15
ބަންޑާރަނައިބު މުހައްމަދު އަނިލް
ބަންޑާރަނައިބު މުހައްމަދު އަނިލް
އަޒުމޫން އަހުމަދު
ޚިޔާނާތުގެ ފައިސާ
ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަން ކޮމިޝަނެއް އުފައްދައިފި
ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް
ފަސް މެންބަރުންގެ ކޮމިޝަނެއް
ކޮމިޝަނުގެ މުއްދަތަކީ އެއް އަހަރު ދުވަސް

ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ ހޯދަން "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ"ގެ ނަމުގައި ކޮމިޝަނެއް ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން ބުރާސްފަތި ދުވަހު އުފައްދަވައިފި އެވެ.

 

މިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

 

އަނިލް ވިދާޅުވި ގޮތުގައި އެ ކޮމިޝަން އުފައްދަވާފައިވަނީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން، ޖުލައި 17 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ލަފާ އެރުވުމުންނެވެ.

 

މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ހޯމް މިނިސްޓަރު އަހްމަދު އަޒުލީނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުޖްތާާޒާއި ޚަދީޖާ ޙުސައިން އާއި ޑޮކްޓަރ އިބްރާހީމް މަހުފޫޒް އަދި ގާނޫނީ ވަކީލް މުހައްމަދު ސަލީމް(ރޭނީޒް ސަލީމް) އެވެ. ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު އަޒްލީނެވެ.

 

މި ކޮމިޝަންގެ މަގުސަދުގެ ތެރޭގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުން ހިމެނެ އެވެ.

 

އަނިލް ވިދާޅުވީ މި ކޮމިޝަން އުފެއްދެވުމުގެ ބޭނުމަކީ ޚިޔާތާގެ އާ މައްސަލަތަކެއް ބެލުން ނޫން ކަމަށާއި، ކޮމިޝަނުން ބަލާނީ އޭސީސީއާއި އޮޑިޓާރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްތަކުގައި ހުރި މައްސަލަތައް ކަމަށެވެ. އަދި މި ކޮމިޝަނަށް މައްސަލައާ ގުޅޭ ގޮތުން ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ވެސް ލިބިފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

 

މައްސަލަތަކާއި ގުޅިގެން އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު ވެސް ކޮމިޝަނަށް ދީފައިވާއިރު، ދައުލަތުން ގެއްލިފައިވާ ފައިސާތަކާއި ގުޅޭ ޖިނާއީ މައްސަލަތަކުގައި ފުލުހުންނާއި ޕިޖީ މެދުވެރިކޮށް ފިޔަވަޅު އެޅުމާއި އެމައްސަލަތައް ކުރިއަށްދާ މިންވަރު ބެލުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ދީފަ އެވެ.

 

އަހަރު ދުވަހުގެ މުއްދަތަށް އުފެއްދި މި ކޮމިޝަނުން މަހަކު އެއްފަހަރު ރިޕޯޓެއް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވަން ޖެހެ އެވެ.

 

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް "ނޭޝަނަލް އިންކުއަރީ ކޮމިޝަން" ގެ ނަމުގައި ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް ކޮމިޝަނެއް އުފެއްދެވި އެވެ. އެ ކޮމިޝަން އުވާލާފައިވަނީ 2012 ވަނަ އަހަރުގެ 7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު އެވެ. އެ ކޮމިޝަނުން ބަލަމުން ދިޔަ އެންމެ ބޮޑު މައްސަލައަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވުނު 800 މިލިއަން ޑޮލަރު ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އެވެ. އެ މައްސަލައިގައި ކުރެވޭ ތުހުމަތުތައް މިއަދާ ހަމައަށް ވެސް ރައީސް ޔާމީން ދޮގު ކުރައްވަ އެވެ.

 

ދައުލަަތަށް ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސް ޔާމީން ކޮމިޝަނެއް އުފެއްދެވި އިރު، މީގެ ކުރިން ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ 80 އިންސައްތަ ފައިސާ ރާއްޖެއިން ބޭރުގައި ހުރި ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތު ރައީސް ޔާމީނަށް ވެސް ކުރެވޭއިރު، އެމަނިކުފާނުގެ ކުރީގެ ނައިބު އަހުމަދު އަދީބް ވިދާޅުވެފައިވަނީ އެ 80 އިންސައްތަ ފައިސާ ހަވާލުކޮށްފައިވަނީ ސީދާ ރައީސް ޔާމީންއާ ކަމަށެވެ.

 

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގެއްލުނު ކަމަށް ބުނާ 1.22 ބިލިއަން ރުފިޔާގެ ތެރެއިން ރާއްޖެއިން ބޭރުގައި 80 އިންސައްތަ ފައިސާ ހުރި ކަމަށް ބުނާއިރު، އެއީ 976 މިލިއަން ރުފިޔާ އެވެ.

 

އޮޑިޓް ރިޕޯޓްތަކާއި އޭސީސީގެ ތަހުގީގީ ރިޕޯޓްތަކުގައިވާ ފައިސާ ހޯދުމަށް ކޮމިޝަނެއް އުފެއްދެވިއިރު މިއަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު މ. މުލަކުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ އޭސީސީއާއި ފުލުހުން ކަމަށާއި އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީން ވަކި ބަޔަކަށް މަތިކޮށްފައިވާ އޮތް ކަމެއް އަވަސް އަރުވައި، ސިޔާސީ ކުލަޖައްސައިގެން ކުރުމަށް ކޮމިޝަނެއް ނަގައިގެން މައްސަލަތައް ބަލައި ހެދުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

"އޮޑިޓް ރިޕޯޓްތަކުގައި ހުރި ވާހަކަތައް ނަގައިގެން، ފުލުހުންގެ ތެރެއިން ކުރާ ތަހުގީގެއް، އޭސީސީއިން ކުރާ ތަހުގީގަކީ އޭގައި ސަރުކާރުން އެ ބައިވެރިވާނެ ކަމެއް ނޫން. އެހެންވީމާ، އިސްވެ ސަރުކާރަކުން ކުރަންޖެހޭ ކަމަކަށްނުވާތީ، އޭރު ހުރި މައްސަލަތައް ރިޔާސީ ކޮމިޝަން ހަދައިގެން ނުނިންމަނީ. އަޅުގަނޑުގެ ޟަމީރު ގަބޫލުކުރާ ކަމެއްނޫން، ޤާނޫނުއަސާސީން ވަކިބަޔަކަށް މަތިކޮށްފައި އޮތް ކަމެއް، އަވަސްއަރުވާލާފައި ކުރުމަށްޓަކައި، ސިޔާސީ ސިފައެއް އެއަށް ގެނެސްގެން ކުރުމަށްޓަކައި، އިޚްތިޔާރު ނުލިބޭ ކަމެއްގައި، ކޮމިޝަނެއް ނަގައިގެން މައްސަލަތައް ބަލައި، މީހުން ގަން ހިންގާ ހެދުމަކީ އެއީ އަޅުގަނޑުގެ ސަރުކާރުން ކުރާނެ ކަމެއްނޫން. އެހެންވީމާ، އެކަން ކުރަންއޮތީ އޭސީސީ އެހެންވީމާ، އޭސީސީއިން އެ މައްސަލަތައް ގެންދާނެ." ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 17:59
މުންދު
ހާދަ އިންސާފްވެރިކޮށް އުފެއްދި ކޮމިޝަނެކޭދޯ؟ މީނަ ބޭނުންމައްސަލަތައް ބަލަންއުފެއްދިކޮމިޝަނެއްތީ... ރައްޔިތުންނަށް މައްސަލަ ހުށަނޭޅޭނެތާ އެންމެފުރަތަމަވެސް ރައްޔިތުން ބޭނުންވާނީ ރައްޔިތުންގެ ހަޒާނާ ދިރުވާލި މައަސަލަ ބަލަންވިއްޔާ، އޭރުން ކުއްވެރިވާނީ ކޮމިޝަން އުފެއްދިމީހާ އާއި އެކޮމިޝަނަށް އައްޔަނުކުރިމީހުން، މަޙްސަރުގަ ހިސާބް ބައްލަވާއިރު ހުރިހާކަމެއްބެލިގެންދާނެ، ވިސްނާލުންމުހިއްމު