ޖަރުމަނުގައި ބަޔާން މިއުނިކް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ގޯލް ކީޕަރު އޮނާނާ ނަގައިފިއެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑްވެސް އަދި ބަޔާން މިއުނިކްވެސް ކުޅުނު ފުރަތަމަ މެޗު 4-3 ން ކާމިޔާބުކުރީ ބަޔާން މިއުނިކެވެ. މެޗަށްފަހު ޔުނައިޓެޑްގެ ކީޕަރު އޮނާނާ ބުނީ ހުރިހާ ޒިންމާއެއް ނަގަން ޖެހެނީ އޭނާ ކަމަށާއި, ޓީމް ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް ޓީމްގެ ހިތްވަރު އެލި ގޭމް ބަދަލުވީ އޭނާގެ ސަބަބުން ކަމަށެވެ. ބަޔާންއަށް ފުރުޞަތެއް ނުދީ ޔުނައިޓެޑުން ކުޅެމުން ދަނިކޮށް, އޭނާ ބަލަހައްޓަމުން ދިޔަ ގޯލަށް ބަޔާންއިން ފޮނުވާލި ފުރަތަމަ ބޯޅަ ވަނީ އޭނާގެ މިސްޓޭކުން ކަމަށް މިސީޒަންގައި ޔުނައިޓެޑާ ގުޅުނު ކީޕަރު ބުންޏެވެ. 28 ވަނަ މިނެޓުގައި ބަޔާންއިން ލީޑް ނެގީ ސާނޭ ޖެހި ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހާފް ނިމުމުގެ ކުރިން ބަޔާންއިން ދެވަނަ ލަނޑެއް ޖަހާ ލީޑް ފުޅާކުރީވެސް އޮނާނާގެ މިސްޓޭކާއެކުއެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ޖަހާ އުއްމީދެއް ހޯދި ނަމަވެސް އެކަން ދެމިއޮތީވެސް ތިން މިނެޓެވެ. ބަޔާންއަށް ލިބުނު ޕެނަލްޓީއަކުން ކޭން ފަރަގު ބޮޑުކުރިއެވެ. ޔުނައިޓެޑަށް ދެވަނަ ފަހަރަށް އުއްމީދެއް ހޯދައިދިނީ 88 ވަނަ މިނެޓުގައި ކަސެމީރޯއެވެ. އެކަމަކު މިފަހަރުވެސް އެއުއްމީދު ދެމިއޮތީ އެންމެ ތިން މިނެޓެވެ. ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޓެލް ލަނޑު ޖަހާ ބަޔާންގެ ލީޑް ފުޅާކޮށްދިނެވެ. އޭގެ ދެމިނެޓު ފަހުން ކަސެމީރީ ޔުނައިޓެޑަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް ނަތީޖާ ހަމަހަމަ ކުރާނެ ފުރުޞަތެއް ނުލިބުނެވެ.
މެޗަށްފަހު ކީޕަރު އޮނާނާ ބުނީ ކީޕަރެއްގެ ދިރިއުޅުމަކީ މިއީ ކަމަށާއި, މެޗުން ބަލިވުމުގެ ޒިންމާ ނަގަން ޖެހެނީ އޭނާ ކަމަށެވެ. އޭނާގެ މިސްޓޭކްގެ ސަބަބުން މެޗުގެ ކޮންޓްރޯލް ގެއްލި, މެޗު އަތުން ދޫވީ ކަމަށެވެ.
އަހަރެން އަދި ވަރަށް ގިނަ ކަންކަން ސާބިތުކޮށްދޭން ޖެހޭ. ޔުނައިޓެޑްގައި އަހަރެންގެ ފެށުން މިދަނީ ރަނގަޅަކަށް ނޫން, އަހަރެން ބޭނުންވި ގޮތަކަށް ނޫން. މިމެޗަކީ އަހަރެންގެ އެންމެ ދަށް އެއް މެޗު.އޮނާނާ/ މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު
ރިޕޯރޓްތައް ބުނާ ގޮތުން ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަނީ އޮނާނާގެ ބަދަލުގައި އެހެން ކީޕަރެއް ހޯދާށެވެ. އޮނާނާއަށް ޔުނައިޓެޑްގެ ސަޕޯޓަރުންގެ ނުރުހުންވެސް ވަނީ ބޮޑުވެފައެވެ.