އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވާލި ހަތަރު މެމްބަރުންގެ ބަހުގެ ހަމަލާތަކެއް އެ ކޮމިޝަނަށް ރައްދު ކުރައްވައިފި އެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގުރާމްގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ އެ ދާއިރާގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ. ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ގޮންޖައްސަވައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމުގައި އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައެއް ނެތް ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅަން. ކަނޑައެޅިގެން ގާނޫނުތަކާއި ގަވައިދާ ހިލާފަށް އެ ބޭފުޅުން އަމިއްލައަށް ބާރުވެރިކަމެއް ލިބިގަނެ ދިވެހިރާއްޖޭގެ ދުސްތޫރާ ހިލާފަށް ކުރެއްވި ކަމެއް އެކަމަކީ،" ވަހީދު ވިދާޅުވި އެވެ.
މެމްބަރުންގެ ގޮނޑީ ގެއްލިގެންދާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުންކުރި ހުކުމާ ގުޅިގެން ގޮނޑި ގެއްލުވާލީ ވަހީދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ އިތުރު ޝަރުތުތަކެއް ކަނޑައަޅާ، ހުކުމް ކުރުމުގެ ކުރިން ޕީޕީއެމް އިން ވަނީ އޭނާ ޕާޓީން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަން އެ ކޮމިޝަނުންވެސް ޔަގީންކޮށް ދިން ކަމަށް ވަހީދު ވިދާޅުވި އެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުން ބައްލަވަން ޖެހޭނީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެ ކޮމިޝަނުގައި އެދޭ ތާރީހަށް ނޫން ކަމަށާއި ޕާޓީން އެމީހުން ވަކިވި ތާރީހަށް ކަމަށްވެސް ވިދާޅުވި އެވެ.
މާޒީގައި ކޮށްފައިވާ ކަމަކަށް ރިޔާއަތްކޮށް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ނުކުރެވޭ އެ ކޯޓުގެ އަމުރުގައި ބުނެފައިވާއިރު، މެމްބަރު ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފުވެފައިވާތީ ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށެވެ.
މި ޕްރޮގުރާމްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުވެސް ވިދާޅުވީ އޭނާ ޕާޓީންވި ކަމަށް 29 މާޗްގައި އަންގާފައިވާއިރު އޭގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާކަން އެ ކޮމިޝަނުން ޔަގީންކޮށްދިން ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕާޓީން ވަކިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް އޭނާ އަމިއްލައަށް ފޯމަކުންވެސް ހުށަހެޅުއްވި ކަމަށްވެސް އަމީތު ފާހަގަ ކުރެއްވި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު ވިދާޅުވީ އޭނާ އަކީ އަމިއްލަ ގޮތުން މަޖިލިސް ގޮނޑިއަށް ކުރަމަތިލައްވައިގެން އިންތިހާބުވި ބޭފުޅަކަށް ވާއިރު ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ގޮނޑި ގެއްލެން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ. އިންތިހާބުވިއިރު، އޭނާގެ ސިޔާސީ ފިކުރަކީ ޕީޕީއެމްގެ ފިކުރެއް ނޫން ކަމަށާއި ސުޕްރީމް ކޯޓްގެ ހުކުމަށް ރިޔާއަތްކުރާއިރު ވެސް ގޮނޑި ގެއްލުވާ ނުލެވޭނެ ކަމަށް، މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި މެމްބަރު ލަތީފް، ބޮޑުސުވާލަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ. ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގަތޫީ މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ ގޮނޑިއަށްއ އިންތިހާބުވުމަށް ފަހު އެވެ.
"އިލެކްޝަންސް ކޮމިޝަންވެސް އޮތީ ތަސައްރަފު ނުފުދިފަ، ނުވަތަ ސަރުކާރުގެ ދިގު އަތް ނޫނީ އުދުޅި ބާނައިގެން އެ ބޭފުޅުންނަށް ވެސް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެ،" ލަތީފު ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދުވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ސުޕްރީމް ކޯޓުންގެ ކޮށްފައިވާ ހުކުމާ ހިލާފަށް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަން ވަނީ ޕީޕީއެމްގެ ޖަގަހަ އަކަށް ބަދަލުވެފައި،" ސައުދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕީޕީއެމްގެ ދަފްތަރުން އެ ހަތަރު ބޭފުޅުން ވަކިކޮށްދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހުގެ އެ ޕާޓީން ހުށަހަޅާފައިވާތީ، ދަފްތަރުން އެ ބޭފުޅުންގެ ނަން އުނިކޮށްފައިވާކަން ހަމަ އެ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.