ކ. މާލެ
|
19 ސެޕްޓެންބަރ 2023 | އަންގާރަ 16:34
ކޭމްޕު ސަރަޙައްދުގައި ދިރިއުޅެމުންދާ ކުދިންނަށް ޚާއްޞަކޮށްގެން އަމިއްލަ ކުންފުންޏަކުން ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ ސަރަޙައްދަށް އެއްވެ ތިބި ކުދިންގެ މޫނުމަތިންވެސް ފެންނަ
ކޭމްޕު ސަރަޙައްދުގައި ދިރިއުޅެމުންދާ ކުދިންނަށް ޚާއްޞަކޮށްގެން އަމިއްލަ ކުންފުންޏަކުން ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ ސަރަޙައްދަށް އެއްވެ ތިބި ކުދިންގެ މޫނުމަތިންވެސް ފެންނަ
ރޮއިޓާސް
މޮރޮކޯއަށް އައި ބިންހެލުން
މަރުގެ ތުންފަތްމައްޗަށް ހުށަހެޅުނު މޮރޮކޯގެ ކުޑަކުދިންގެ ހިތްތަކަށް އުފާވެރިކަމެއް
 
ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުންނަށް ޚާއްޞަ ކޮށްފައި އޮތް ކޭމްޕު ސަރަޙައްދުގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ޕާކެއް ދަނީ ތަރައްޤީ ކުރަމުން

ފާއިތުވެދިޔަ ޤަރުނަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި މޮރޮކޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުންނަށް ޚާއްޞަ ކޮށްފައި އޮތް ކޭމްޕު ސަރަޙައްދުގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ޕާކެއް ތަރައްޤީ ކުރަމުން ދާ މަންޒަރު ބަލަން، ޢުމުރުން 11 އަހަރުގެ ފާޠިމާ ޒަހްރާ ހުރިއިރު، އެ މައުސޫމު މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ އުފާވެރިކަމެވެ.

ސެޕްޓެމްބަރ 8 ވީ ހުކުރު ދުވަހުގެ ރޭގަނޑު 11 ޖަހާ އެހާކަން ހާއިރު، ރެކްޓަރ މިންގަނޑުން 6.8 ގެ ބާރު މިނުގައި އައި ވަރުގަދަ ބިންހެލުމުގައި ފާޠިމާގެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަމިޒްމިޒްގައި ފާޠިމާއާއި އޭނާގެ ޢާއިލާ ދިރިއުޅެމުން ދިޔަ އިމާރާތް ހަލާކުވުމާއެކު، އެ ގެ ދޫކޮށް ނުކުތުމަށް އެ ޢާއިލާއަށް މަޖުބޫރުވީއެވެ.

އެމީހުން، އަހަރަމެންނަށް މިތަން ހަދާދޭތީ އަހަރެން ވަރަށް އުފާވޭ. ކުޅެލާ ހެދޭނެތީ ވަރަށް އުފާވޭ. ބައިވަރު ކުޅޭ އެއްޗިއްސާ އެކީ އެމީހުން މިތަން އެ ހަދާ ދެނީ ހަމަ އަހަރަމެން އުފާކޮށްދޭން. އަހަރަމެންނަށްޓަކައި މިކަން ކޮށްދޭތީ، އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް އަހަރަމެން ޝުކުރު އަދާ ކުރަން.
ފާޠިމާ ޒަހްރާ؛ މޮރޮކޯގެ ކުޑަކުއްޖެއް

ބާރުގަދަ ބިންހެލުމުގެ ވަރުގަދަ ލޮޅުންގަނޑު އަރައިގެން އައި އިރު ފާޠިމީ އިނީ ގޭގައި ނިންމުމަށް، ސްކޫލުން ދީފައި ހުރި ފިލާވަޅުތައް ނިންމާށެވެ. ފާޠިމާ އިނީ އެކަނި މައި އެކަންޏެވެ.

ހަނދާން ނައްތާލަން ވަރަށް އުނދަގޫ. ވަރަށް ދަތި. ލޮޅުމެއް އަރާ، ހެލޭ ކަމުގެ އިޙުސާސް ވާން ފެށިއިރު އަހަރެން އިނީ ކޮޓަރީގަ. އެކަނި މައި އެކަނި. ހޯމްވޯކް ހަދަން އިނީ. އަހަރެން ވަރަށް ބޮޑަށް ބިރުގަތް. ޝޮކެއްގަ އިނީ. އަހަރެން ހީ ކުރީ ޤިޔާމަތް ވީ ކަމަށް.
ފާޠިމާ ޒަހްރާ؛ މޮރޮކޯގެ ކުޑަކުއްޖެއް

ބިންގަނޑު ހެލިގަތް އިރު ފާޠިމާގެ ބައްޕަ، ޖަމާލް ވީ މަސައްކަތު ގޮހެވެ. ޖަމާލްއަކީ އަމިޒްމިޒްގައި ހިންގާ ކޮފީ ޝޮޕެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. ހާދިޘާ ހިނގުމާއެކު ޖަމާލް، އޭނާގެ ގެއާ ދިމާއަށް ދުއްވައިގަތެވެ. ގެއަށް ދެވުނު އިރު އޭނާގެ 2 ފިރިހެން ދަރިންނާއި އަންހެން ދަރިފުޅާއި އަންހެނުންވެސް ވަނީ ގޭތެރޭގައި ތާށިވެފައެވެ.

ޢުމުރުން 53 އަހަރުގެ ޖަމާލްއަށް، އޭނާގެ ޢާއިލާއާ ހިސާބަށް ދެވުނީ އަވަށްޓެރިންގެ އެހީއާއެވެސް އެކުގައެވެ.

ފާޠިމާމެން ދިރިއުޅެމުން ދިޔަ ގެ ހުރި ސަރަޙައްދުގައި މިއަދު އޮތީ ހުސް ގާކުނޑިއެވެ. ފާޠިމާއާއި އޭނާގެ ޢާއިލާ މިހާރު ދިރިއުޅެމުން ދަނީ، ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ކޭމްޕެއްގައެވެ. ނަމަވެސް، އެ ތަނަށް އަދި ހޭނެވޭ ގޮތެއް ނުވެއެވެ.

ގެއެއް ކަހަލައެއް ނޫން މިތަނެއް. ރޭގަނޑަށް ވަރަށް ފިނިވޭ. ދުވާލު އެހާ ހޫނު ވޭ. ހަވީރު އަތަށް އަޅާލީމަވެސް ފިނި އިޙުސާސް ކުރެވޭ. އެއްވެސް އަރާމެއް ނެތް މިތާކު. މިތާ ދިރިއުޅެން ވަރަށް އުނދަގޫ.
ފާޠިމާ ޒަހްރާ؛ މޮރޮކޯގެ ކުޑަކުއްޖެއް

ކޭމްޕު ސަރަޙައްދުގައި ދިރިއުޅެމުންދާ ކުދިންނަށް ޚާއްޞަކޮށްގެން އަމިއްލަ ކުންފުންޏަކުން ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ ސަރަޙައްދަށް އެއްވެ ތިބި ކުދިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުޖާލާ ކަމެވެ. މައިންބަފައިންނަށްވެސް ކުރެވެނީ ފޮނި ޢުއްމީދުތަކެކެވެ. އެ ބިރުވެރި ރޭގެ ހަނދާންތަކުން ކުޑަ ނަމަވެސް ވަޤުތުކޮޅަކަށް ދަރިން ދުރުކޮށްލަދޭނެ ކަމުގެ ޢުއްމީދެވެ.

މިތަނުން މިކަހަލަ ކަމެއް ފެނުމަކީ ހެޔޮ ފާލެއް. އަހަރަމެންގެ ލޯ ކުރިމަތީގަ އަހަރަމެންގެ ދަރިންނަށް ތިބެވޭނެތާދޯ. އެ ވީ ކަންތައްގަނޑަށް ފަހު، އަހަރެންގެ އަންހެން ދަރިފުޅު އިންނަނީ ގޭ ތެރޭގަ. ވަރަށް ބަލިކޮށް އުޅެނީ. މި ޕާކުން، އެ ދަރިފުޅުގެ ހިތްދަތިކަމަށް ލުޔެއް ލިބޭނެ. މި ޕާކު ހެދުމުގެ ކުރިން، އަހަރަމެން ވަރަށް ބިރުން އުޅުނީ، ބަޔަކު އައިސް އަހަރަމެންގެ ދަރިންކޮޅު ވަގަށް ގެންގޮސްދާނެތީ. މިހާރު އަހަރަމެންނަށް ފެންނާނެތާ ދޯ ދަރިން އުޅޭ ނުއުޅޭ ގޮތް. ﷲ އަށް ޙަމްދު ހުރި. މިކަހަލަ ކަމެއް ކުރަން ބޭނުން ކޮންމެ ބަޔަކަށް، އަހަރަމެން މަރުޙަބާ ކިޔަން.
ޖަމާލް އައިތު ޚާކީ؛ ޒަހްރާގެ ބައްޕަ

ޖަމާލްގެ ވާހަކަތަކަށް، ޙާމިދު އައިތު ފާކިރުވެސް އެއްބަސްވިއެވެ. ބިންހެލުނު ރޭގެ ހަނދާން ވާ ކޮންމެ ފަހަރަކު، މި މަރުވަނީ އޭ އޭނާގެ ދަރިފުޅަށް އިޙުސާސް ކުރެވޭ ކަމަށް ޙާމިދު ކިޔައިދިނެވެ.

މީ ވަރަށް ހިތްގައިމު އިސްނެގުމެއް. މިކަމެއް ކޮށްދިން ޖަމިއްޔާއަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. އެ ކުދިންގެ ހިތުގަ އޮތް ބިރު، ފިލުވާލެވިދާނެ. ބިންހެލުނު ވަޤުތު ހަނދާން ވާ ކޮންމެ ފަހަރަކު، އަހަރެންގެ ދަރިފުޅަށް މިހާރުވެސް ހީވަނީ ބިންގަނޑު ހެލޭހެން. މަރުވާކަށް ބޭނުމެއް ނޫނޭ ބުނާނެ. ކުޅެލާ ހަދަން މިކަހަލަ ޕާކެއް ލިބުނީމަ، އެ ވެދިޔަ ކަންތައް ހަނދާން ނައްތާލެވޭނެތާދޯ.
ޙާމިދު އައިތު ފާކިރު؛ މޮރޮކޯގެ ރައްޔިތެއް

އެންމެ ފަހުން އާންމު ކުރި ރަސްމީ ރެކޯޑްތަކަށް ބަލާއިރު، ސެޕްޓެމްބަރ 8 ވަނަ ދުވަހުގެ ރޭގަނޑު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 2946 އަށް އަރާފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ވަނީ 5674 އަށް އަރާފައެވެ. އެ ކާރިޘާއަކީ 1960 ވަނަ އަހަރަށް ފަހު މޮރޮކޯއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިޘާއެވެ. އަދި 1900 ވަނަ އަހަރަށް ފަހު އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް