ޤައުމު އިސްލާހް ކުރުމަށްޓަކައި ރީތިކޮށް މަޑުމަޑުން ކަންކަން ކޮށްގެން އެކަން ކުރެވޭކަށް މިހާރު ނެތްކަމަށާއި މުޅި ރާއްޖެ އިހުތިޖާޖަކަށް ގޮސް، ސީދާ ހަރަކާތައް ނިކުންނަން ވެއްޖެކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވެއްޖެއެވެ.
އެމެންބަރުން މިހެން ވިދާޅުވީ އެމްޑީޕީން ބުދަ ދުވަހުގެރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީން ބުދަ ދުވަހުގެރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އޮތީ ޕީޕީއެމުން ކުރިން ވަކިކޮށްފައިވާ 4 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާ ގުޅިގެން ޤައުމީ މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަ ކުރުމެވެ.
ޤައުމީ މަޖިލީހުގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވިދާޅުވީ މިހާރު ސަރުކާރާއި މިނިވަން މުއައްސަސާތަކުން ޤާނޫން އަސާސީއާއި ޤާނޫނުތަކަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށާއި ކަންކަުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށެވެ. އަދި ޤާނޫން އަސާސީއެއް މިހާރު ނެތްފަދަ ކަމަށާއި ޤައުމު މިވަނީ ވަރަށް ދަށު ދަރަޖައަށް ވެއްޓިފައި ކަމަށް އެމެންބަރުން ވިދާޅުވިއެވެ.
އެމެންބަރުން ވިދާޅުވީ ޤާނޫން އަސާސީއާއި ޤާނޫނުގައިވާ ރީތިގޮތައް ކަންކުރެއްވި ނަމަވެސް ސަރުކާރާއި މިނިވަން މުއައްސަސާތަކުން ޤާނޫނީ އިމުގެ ބޭރުން ކަންކުރައްވަމުންދާ ކަމަށެވެ. އަދި އެގޮތައް ކަންކުރައްވާނަމަ ދުވަހަކުވެސް އިސްލާހީ ބަދަލެއް ނުގެންނެވޭނެ ކަމަށާއި މަޑުން ނުތިބެ ސީދާ ހަރަކާތައް ނިކުންނަން ވެއްޖެ ކަމަށެވެ.
ބައެއް މެންބަރުން ވަނީ މުޅި ރާއްޖެއިން މާލެއަށް މީހުން އެރުމަށް ގޮވާލައްވާފައެވެ. އަދި މާލެ ނާދެވޭ މީހުން އެރަށެއްގައި މާލެއާ އެއްވަގުތެއްގައި އިހުތިޖާޖް ކުރަން ޖެހޭކަމަށް އެމެންބަރުން ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް މެންބަރުން ވިދާޅުވީ އިހުތިޖާޖު ނުވަތަ ސީދާ ހަރަކާތް ވީ އެންމެ އަވަހަކަށް ފެށުމަށާއި އެހަރަކާތް ނިންމަން ވާނީ ކޮޅެއްގައި ޖައްސާފައި ކަމަށެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ބޭއްވި ޤައުމީ މަޖީލީހުގެ މި ބައްދަލުވުން ނިންމަވާލައްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، މެންބަރުންގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު އެމްޑީޕީން ކުރަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ގުޅިފައިވާ ހަތަރު ޕާޓީން ރާވާ ކަންކަން އެޕާޓީތަކާ ގުޅިގެން ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.