ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 11:12
ނަބީލް ޚުރައިމީ؛ ބޫޓު ހަދާ މީހެއް
ނަބީލް ޚުރައިމީ؛ ބޫޓު ހަދާ މީހެއް
ރޮއިޓާސް
ބޫޓު މަރާމާތުކުރުން
80 އަހަރުވީ މެޝިނަކާއެކު ބޫޓު މަރާމާތުކުރުމުގެ މަސައްކަތުގައި 74 އަހަރުގެ ނަބީލް ދެމިހުރީ ކީއްވެ؟
 
އޭނާއަށް ދަސްވެފައިވާ ހުނަރާއި، ޒަމާންވީ އާލާތްތައް ބޭނުންކޮށްގެން، ނަބީލް ކުރާ މަސައްކަތަކަށް ވެފައި އޮންނަނީ ބޫޓާއި ދަބަސް މަރާމާތުކުރުން
 
ނަބީލްގެ ފިހާރަގަނޑުގައި ހުންނަނީ އެންމެ 2 މެޝިން

ގުދުސްގައި ހަވާދުގެ ބާވަތްތައް ވިއްކާ ބާޒާރުތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ބާޒާރު ކަމަށްވާ އަލް-އަތަރީން ސޫގުގެ ތެރެއަށް ވަދެގެން ދާއިރު، މާ ގިނަ އިރުތަކެއް ނުވެ، ކޮންމެ މީހެއްގެ ލޮލުގައިހެން އަޅައިގަންނަ އެއް މަންޒަރަކީ ކުޑަ ފިހާރަގަނޑެއްގެ ތެރޭގައި، ކުޑަކުޑަ މަރުތޭލެއް ހިފައިގެން އިނދެ ބޫޓު މަރާމާތުކުރަމުން ދާ މަންޒަރެވެ. އެ މީހަކީ، އުމުރުން މިހާރު 74 އަހަރު ފުރިފައިވާ ނަބީލް ޚުރައިމީއެވެ.

ބޫޓު މަރާމާތު ކުރުމުގެ މަސައްކަތުގައި ނަބީލް އުޅޭތާ މިހާރު ބައި ގަރުނަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ މަސައްކަތަކީ އޭނާގެ ކާފައާއި، ބައްޕަގެ ފަރާތުން ނަބީލަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން އޭނާ ކުރަމުންދާ މަސައްކަތެކެވެ. އޭނާއަށް ދަސްވެފައިވާ ހުނަރާއި، ޒަމާންވީ އާލާތްތައް ބޭނުންކޮށްގެން، ނަބީލް ކުރާ މަސައްކަތަކަށް ވެފައި އޮންނަނީ ބޫޓާއި ދަބަސް މަރާމާތުކުރުމެވެ.

އަހަރެންގެ ބައްޕައާ ކާފައަކީ، ޚާން އަލް-ޒައިތު ބާޒާރުގެ އެންމެ ހިތްގައިމު ސަރަހައްދުގަ، ބޫޓު ހެދުމުގެ މަސައްކަތް ކުރި ބައެއް. މީ މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އަހަރެމެންނަށް ކުރެވޭ މަސައްކަތެއް. ﷲގެ ތަނަވަސް ރަހުމަތްފުޅާއެކު، މި މަސައްކަތުން، އަހަރެމެންނަށް އެބަ ދިރިއުޅެވޭ.
ނަބީލް ޚުރައިމީ؛ ބޫޓު ހަދާ މީހެއް

ނަބީލްގެ ގާތުން ޚިދުމަތް ހޯދަން އަންނަ މީހުންނައިގެން އޭނާގެ ފިހާރަ، ގިނަ ވަގުތު އޮންނަނީ ފުރިފައެވެ. އަންހެނުންނާއި ފިރިހެނުން އޭނާގެ ގާތުން ޚިދުމަތް ހޯދައެވެ. ހަލާކުވެފައިވާ ބޫޓުފަދަ ސާމާނު، ކުޑަ ޚަރަދަކުން މަރާމާތު ކޮށްލައިގެން އަލުން ބޭނުން ކުރަން އެދޭ މީހުންނެވެ.

މިތާ މީނީ ބޫޓު ހަދާ މީހެއް. މާނައަކީ ކަލޭމެންގެ ބޫޓުތައް މަރާމާތު ކޮށްލަދެވޭނޭ 5 ޝެކްލްއަށް، މިސާލަކަށް. އެހެންނޫނީ މި ޖެހެނީ އެ ހަލާކުވި ބޫޓެއް އެއްލާލާފަ، އާ ބޫޓެއް ގަންނަން. ބުނަން މިއުޅޭ ވާހަކައަކީ، އަހަރެމެންގެ މި ހުނަރުވެރިކަން ނެތި ދިޔަދީގެން ނުވާނެއޭ. މުއްސަނދިންނަށް ވިއަސް، ފަގީރުންނަށް ވިއަސް، ހުރިހާ އެންމެންނަށްވެސް މި ޚިދުމަތް ލިބެންޖެހޭނެ.
ނަބީލް ޚުރައިމީ؛ ބޫޓު ހަދާ މީހެއް

5 ޝެކްލްއަކީ ގާތްގަނޑަކަށް އެމެރިކާ ޑޮލަރުގެ 1 ޑޮލަރެވެ.

އުމުރު ކިތަންމެ ދޮށިވެގެން ދިޔަ ކަމުގައި ވީނަމަވެސް، ނަބީލް ނިންމީ މަސައްކަތާ ދުރަށް ނުދިއުމަށެވެ. އެއާ ޚިލާފަށް، ކޮންމެ ދުވަހަކުވެސް، އަމަލީ މަސައްކަތުގައި ހޭދަކުރާ ޖުމުލަ ވަގުތު މަދުކޮށްލީއެވެ. ނަބީލްގެ ފިހާރަގަނޑުގައި ހުންނަނީ އެންމެ 2 މެޝިނެވެ. އެތަނުން އެއް މެޝިނަކީ، 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މެޝިނަކަށް ވާއިރު، ދެން ހުރި މެޝިނަކީ، ނަބީލްގެ ކާފަގެ މެޝިނެކެވެ. އެއީ ގާތްގަނޑަކަށް 80 ވަރަކަށް އަހަރު ވެފައިވާ މެޝިނެކެވެ.

އަހަންނަށް އެނގޭ ގޮތުގަ، އަހަރެންގެ ކާފަ މަސައްކަތް ކުރިއިރު މި މެޝިނު ބޭނުން ކުރި. އެއީ މީގެ 80 އަހަރު ކުރި. އަހަރެންގެ ބައްޕަވެސް. މި މެޝިނުގަ އަހަރެން މަސައްކަތް ކުރާތާވެސް މިހާރު 50ށްވުރެ ގިނަ އަހަރު ވެދާނެ. މި ކަހަލަ އެއްޗެއްސަކީ އިންސާނުންނަށްވުރެ އުމުރު ދިގު އެއްޗެހި.
ނަބީލް ޚުރައިމީ؛ ބޫޓު ހަދާ މީހެއް

މި ޒަމާނަކީ އާ ޓެކްނޮލޮޖީއާއި އޮންލައިން ވިޔަފާރި މެކުހަށް ޖަހާފައި  އޮތް ޒަމާނަކަށް ވާއިރު، ގަނެވިއްކުމަށް ލިބިފައިވާ އިންތިހާ ލުއި ފަސޭހަ ކަމަކީ، ނަބީލްގެ ޒަމާންވީ މަސައްކަތަކަށް ކުރިމަތިވެފައި އޮތް ނުރައްކަލެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. ނަމަވެސް އޭނާއަށް ދަސްވެފައިވާ ފަންނުވެރިކަން، ވީހާވެސް ގިނަ ދުވަހަކަށް ދެމި ހުންނާނެ ގޮތް ހަދައި، ހެޔޮ އަގެއްގައި ބޫޓު މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ނަބީލް ނިންމީއެވެ.

ނަބީލްގެ ފިހާރަ ހުންނަނީ ގަދީމީ ގުދުސް ސިޓީގައެވެ. އެތަނަކީ ފަލަސްތީނުގެ މުސްލިމުންނާއި އިޒްރޭލުގެ ޔަހޫދީން، އެތަނުގެ ފުރިހަމަ މިލްކުވެރިކަމާމެދު ތަޅާފޮޅަމުން އަންނަ ސަރަހައްދެކެވެ. މުޅި ގުދުސަކީ މިހާރުވެސް އިޒްރޭލުން ގަބޫލުކުރާގޮތުގައި އެމީހުންގެ ވެރި ރަށެވެ. ކަން މިހެން އޮތްއިރު، ފަލަސްތީނުން ދަނީ، މުސްތަގުބަލުގައި އުފެދިގެންދާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރި ރަށަކީ، އިރުމަތީ ގުދުސްކަމުގައި ހަމަޖެއްސުމަށް އެދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް