Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 20:36
އިބްރާހިމް މުހައްމަދު ސޯލިހު
އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެއެމްވީ
އިބްރާހިމް މުހައްމަދު ސޯލިހު
މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ
ފުރަތަމަ ދައުރުގައި 14 ޖަލްސާ
މިދައުރުގައި އެންމެ 7 ޖަލްސާ މިހާތަނަށް ބާއްވާފައިވަނީ
މަޖިލީހަކީ އީސީއަށް ލަފާދޭ ތަނެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނެ ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ 60 މިނިޓަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަޖިލީހުގެ ޤަވާއިދުތަކުގެ ތެރެއިން އެކަމަށް އެދޭނެ ކަމަށާއި މަޖިލީހުގައި ކުރަން ޖެހިފައިވާ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

 

މަޖިލީހުގެ ޖަލްސާތައް ބާއްވައި ދިނުމަށް އެދި 26 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

"ފުރަތަމަ ދައުރުގައި 14 ޖަލްސާ. މިދައުރުގައި އެންމެ 7 ޖަލްސާ މިހާތަނަށް ބާއްވާފައިވަނީ. ކޮންމެ ހަފްތާއަކު 3 ޖަލްސާ ބާއްވަން ޖެހޭ. ޤަވާއިދުގެ ތެރެއިން އެބަ ލިބިދޭ މަޖިލިސް ބާއްވަން ފުރުޞަތުތަކެއް، އެކަމަށް އެދޭނަން" އިބޫ ވިދާޅުވިއެވެ.

 

މަޖިލީހުގެ ކަންތައްތައް ކުރިއަށްދަނީ ފުރިހަމަ ބާރުވެރިކަމާއި އެކުގައިތޯ ސުވާލު ދެންނެވުމުން އިބޫ ވިދާޅުވީ އެފަދަ ބާރުވެރިކަމެއް މިއަދު މަޖީލިހަށް ލިބިގެންވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި މަޖިލީހުގެ ގޮނޑި ގެއްލުނު ދާއިރާތަކުގެ ބައި އިލެކްޝަނެއް ބޭއްވުމަށްފަހު ނޫނީ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވެފައި ވުމަކީ އެކަމުގެ އެއް ހެކި ކަމަށެވެ. އަދި މިކަމުންވެސް ދޭހަވަނީ މަޖިލީހުގެ ކަންތައްތަކުގެ ތެރެއަށް ރައީސް ޔާމިން ވަދެވަޑައިގަންނަމުންދާ މަންޒަރު ކަމަށް އިބޫ ވިދާޅުވިއެވެ.

 

އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އީސީއަށް ލަފާދޭ ތަނެއް ނޫން ކަމަށާއި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ނިންމި ނިންމުމަކީ ސީދާ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި ޙިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.

 

އެހެންކަމުން މިއަދުން މިއަދަށް އިލެކްޝަންގައި ތިބި މީހުންނަކީ ވަކި ކުރަން ޖެހޭ ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މެމްބަރުންގެ ގޮނޑިއާއި ދޭތެރޭ އެއްވެސް ސުވާލެއް އުފެއްދިއްޖެ ނަމަ އިލެކްޝަންސް ކޮމިޝަނުން ދާން ޖެހޭނީ އެކަން ސާފު ކުރުމަށް ސުޕްރީމް ކޯޓަށް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

 

"ގޮނޑި ގެއްލުނު ކަމަށް ނިންމާފައިތިބި މެމްބަރުންނަކީ ކުރިން ޕާޓީން ވަކިކޮށްފައި ތިބި މެމްބަރުން. މިޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޤަބޫލުކުރަން. އަމީން ޢާންމުވެސް ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤާނޫނީ އިމުގެ ތެރެއިން" އިބޫ ވިދާޅުވިއެވެ.  

 

މިގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު މިހުކުމުގެ ތެރޭގައި އީސީއަށް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެންނުވާ ކަމަށާއި ގޮނޑި ގެއްލުކަން ނިންމަން ޖެހޭނީ ޤާނޫނު އަސާސީގެ ބުނާ ގޮތުން ސުޕްރީމް ކޯޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަކި ވަކި ކަންތައްތަކެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ބާތިލް ހުކުމެއް ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް