ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 12:43
ޕްރޮފެސަރ ގޭމްބިންގެ ޓީމުން، ސަރޖަންޓް ނިއުމަންގެ ހަށިގަނޑުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރީ ބޯޓު ވެއްޓިފައި އޮތް ސަރަޙައްދުގައި 2 ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ މިޝަންއެއްގެ މަސައްކަތުން
ޕްރޮފެސަރ ގޭމްބިންގެ ޓީމުން، ސަރޖަންޓް ނިއުމަންގެ ހަށިގަނޑުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރީ ބޯޓު ވެއްޓިފައި އޮތް ސަރަޙައްދުގައި 2 ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ މިޝަންއެއްގެ މަސައްކަތުން
ރޮއިޓާސް
ސަރޖަންޓް ނިއުމަންގެ ހަށިގަނޑު
ދެވަނަ ބޮޑު ހަނގުރާމާގައި ބޮން އަޅަން ދުއްވަނިކޮށް ވެއްޓުނު ބޯޓުގައި އިން ސަރޖަންޓްގެ ހަށިގަނޑުގެ ބައިތައް އުފަން ވަޒަނަށް!
 
އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ ސަރޖަންޓެއްގެ މަޤާމު ފުރަމުން ދިޔަ އަރވިންގް އާރް ނިއުމަން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ މެއި 22، 1943 ގައި

"މި ދަރި އަނބުރާ ޤައުމަށް ގެންދިއުމަށްޓަކައި އަހަރަމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކާ މަތިވެފައި އޮތް ޒިންމާގެ އިތުރަށްވެސް މަސައްކަތްތަކެއް ކުރީ މި ހިތްތިރިކަމާއި ޝަރަފަށްޓަކާ"، ކަނޑުއަޑީގެ އާޘާރާއި ތަރިކައިގެ ތަޖުރިބާކާރެއް ކަމަށް ވާ ޕްރޮފެސަރ ޓިމީ ގޭމްބިން ބުނެލިއެވެ.

އެއީ އެތައް އަހަރެއްގެ މަސައްކަތެވެ. މި ދައްކަނީ ދުނިޔެ ދުށް 2 ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މޯލްޓާގެ ރަށްބޭރުން ކަނޑުގެ ސަރަޙައްދަށް ވެއްޓުނު އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުގައި އިން ސިފައިންގެ މީހާގެ ހަށިގަނޑުގެ ބައިތައް، ކަނޑުގެ އަޑިން ނެގުމަށް ކުރި މަސައްކަތުގެ ވާހަކައެވެ.

އަހަރެންގެ ލީޑަރުކަމުގެ ދަށުން މަސައްކަތް ކުރި ޓީމުގަ އުޅޭނެ 15 ވަރަކަށް މީހުން. މިކަން ކުރަން ފުރުޞަތު ލިބުނީމަ، އަހަރަމެންގެ ތެރެއިން އެއްވެސް މީހަކު ބޮޑާ ނުވެ، ހިތްތިރި ކަމާއެކު މަސައްކަތް ކުރީ. ޑީޕީއޭއޭއިން އަހަރަމެންގެ މައްޗަށް ކުރި އިތުބާރަށްޓަކާ ފަޚްރުވެރިވަން. މި ދަރި އަނބުރާ ޤައުމަށް ގެންދިއުމަށްޓަކައި އަހަރަމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކާ މަތިވެފައި އޮތް ޒިންމާގެ އިތުރަށްވެސް މަސައްކަތްތަކެއް ކުރީ މި ހިތްތިރިކަމާއި ޝަރަފަށްޓަކާ. މިއީ މިއަދާ ހަމައަށްވެސް ޓީމުން ކުރި އެންމެ ހިތްގައިމު އެއް މަސައްކަތް.
ޓިމީ ގޭމްބިން؛ ޔުނިވަރސިޓީ އޮފް މޯލްޓާގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް މެރިޓައިމް އަރކިއޮލޮޖީ

އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ ސަރޖަންޓެއްގެ މަޤާމު ފުރަމުން ދިޔަ އަރވިންގް އާރް ނިއުމަން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ މެއި 22، 1943 ގައެވެ. އޭނާ އޭރު ދުއްވަމުން ދިޔައީ ބީ-24ޑީ ލިބަރޭޓަރ ގެ ނަން ދީފައި ވާ މަތިންދާ ބޯޓެވެ. އެއީ އިޓަލީވިލާތުގެ ބަނދަރުމަތީ ސަރަޙައްދުން ދަތުރުކޮށް ބޮން އެޅުމަށް ކުރިއަށް ގެންދިޔަ މިޝަންގައި ބައިވެރިވަމުން ދިޔަ ބޯޓެކެވެ. ނަމަވެސް ބޯޓުގެ އިންޖީނަށް މައްސަލަތަކެއް ކުރިމަތިވެ، ކިރިޔާ މޯލްޓާއާ ހިސާބަށް ދެވުނު ކަމެވެ. މޯލްޓާގެ ކަނޑުގެ ސަރަޙައްދަށް ބޯޓު ވެއްޓުނީއެވެ.

ރޭއްޖޯ ކަލާބްރިއާ ސަރަޙައްދުން ބޯޓުގެ އިންޖީނަށް މައްސަލަތަކެއް ދިމާވެގެން މޯލްޓާއާ ދިމާއަށް ދަތުރު ކުރަމުން ދިޔައީ. އެކަމަކު، ސިސިލީ މަތިން ބޯޓަށް ހަމަލާއެއް އަރާ، ދެން ހުރި އިންޖީނުތަކަށްވެސް ގެއްލުންވީ. މޯލްޓާއަށް ބޯޓު ޖައްސަން، ޕައިލެޓަށް ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހުން އޭނައަށް މަޖުބޫރު ވީ، މާސަކްސްލޮކް ބޭ ސަރަޙައްދަށް ބޯޓު ވައްޓާލަން. ބޯޓުގަ ތިބި 10 ކުރޫއިންގެ ތެރެއިން 9 މީހަކު ސަލާމަތް ކުރީ އިނގިރޭސި ވައިގެ އަސްކަރިއްޔާގެ ރެސްކިއު ލޯންޗެއްގަ. އެކަކު ދިޔައީ ބޯޓާ އެކީ އަޑިއަށް.
ޓިމީ ގޭމްބިން؛ ޔުނިވަރސިޓީ އޮފް މޯލްޓާގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް މެރިޓައިމް އަރކިއޮލޮޖީ

ޑިފެންސް ޕީއޯޑަބްލިއު/އެމްއައިއޭ އެކައުންޓިންގް އޭޖެންސީ (ޑީޕީއޭއޭ)ގެ ޓީމާއެކު މަސައްކަތް ކުރަމުން ދިޔަ އަރކިއޮލޮޖހިސްޓުންގެ ޓީމުގައި އިސްކޮށް ހުރީ ޕްރޮފެސަރ ގޭމްބިންއެވެ. ޕްރޮފެސަރ ގޭމްބިންގެ ޓީމަކ ބޯޓު ވެއްޓުނު ސަރަޙައްދުގެ 3ޑީ ޗަރޓް ކުރަހާ، ސަރޖަންޓް ނިއުމަންގެ ހަށިގަނޑުގެ ބައިތައް ނެގުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާ ކުރި ޓީމެކެވެ.

ބޯޓުވެއްޓިފައި އޮތް ސަރަޙައްދު ދެނެގަތީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ޕްރޮފެސަރ ގޭމްބިންގް ޓީމުން އެ މަސައްކަތް ކުރީ ސައިޑް-ސްކޭނަރ ސޯނަރ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ކަނޑު އަޑީގެ ސަތަހައިގެ މަންޒަރުތަކެއް އުފައްދައިގެންނެވެ. އަދި ފެނު އަޑީގައި މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅެވޭ އުޅަނދެއް ބޭނުން ކޮށްގެން ބޯޓުގެ ބައިތައް ހުރި ސަރަޙައްދުގެ ޗަރޓެއް ތައްޔާރު ކުރިއެވެ. 3ޑީ މޮޑެލް އުފެއްދީ، ފޮޓޯގްރެމެޓްރިކް މަންޒަރުތައް ބޭނުންކޮށްގެންނެވެ.

ޕްރޮފެސަރ ގޭމްބިންގެ ޓީމުން، ސަރޖަންޓް ނިއުމަންގެ ހަށިގަނޑުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރީ ބޯޓު ވެއްޓިފައި އޮތް ސަރަޙައްދުގައި 2 ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ މިޝަންއެއްގެ މަސައްކަތުންނެވެ. އެ މިޝަންތަކުގައި، މޯޓުގެ ބައިތަކުގެ ވަށައިގެން އޮތް ސަރަޙައްދާއި، ބޮޓުގެ އެތެރޭގެ ބައިތަކުގައިވެސް އަތްފުނާ އަޅާފައިވެއެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ކަނޑުގެ 58 މީޓަރު އަޑީގައެވެ.  

ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ހޯދަމުން ދިޔަ އެތި ލޯމަތިން ކަހާލައިގެން ދިއުމުގެ ފުރުޞަތު އޮތްކަން. ކަނޑުގެ އަޑިން އެއްޗެހިތައް ނަގަން ފަށަ ހިސާބުން، ދުރު ފެންނަ ނިސްބަތް ހަމަ ސުން ރޭޓާ ހިސާބަށް ވެއްޓިގެން ދާނެ. ހޯދަމުން ދާ އެއްޗަކީ... އެނގެއެއްނު، ވަރަށް ކުޑަކުޑަ އެތިކޮޅަކަށްވެސް ވެދާނެ.
ޓިމީ ގޭމްބިން؛ ޔުނިވަރސިޓީ އޮފް މޯލްޓާގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް މެރިޓައިމް އަރކިއޮލޮޖީ

އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަނޑުގެ އަޑިން ނެގީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ޑީޕީއޭއޭގެ ސައެންސްވެރިން ވަނީ، ނެގި ސާމްޕަލްތަކުގެ ޓެސްޓުތަކާއި އެނަލިސިސްތައް ހަދާފައެވެ. އެއަށްފަހު ވައިގެ އަސްކަރިއްޔާގެ ލިޔެކިޔުންތަކާއި ޑީއެންއޭ އަދި ދަތުގެ ސާމްޕަލްތައް ނަގައިގެން ހޯދި ހޯދުންތަކުން، އެއީ ސަރޖަންޓް ނިއުމަންގެ ހަށިގަނޑުގެ ބައިތައް ކަން ކަށަވަރު ކުރިއެވެ.

ކަނޑުގެ އަޑިން ނެގި، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ ސަރޖަންޓް ނިއުމަންގެ ހަށިގަނޑުގެ ބައިތައްކަން ކަށަވަރުކޮށް، ރަސްމީކޮށް އެކަން ޢިއުލާން ކުރީ މި ހިނގާ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ޑީޕީއޭއޭއިން ދަނީ، އެމެރިކާގެ އަސްކަރިއްޔާގެ ޚިދުމަތުގައި އުޅެނިކޮށް ވީތަނެއް ނޭނގި ގެއްލިފައި ވާ މީހުންނާއި އެ ނޫންވެސް ގޮތް ގޮތުން ގެއްލިފައި ވާ މީހުންނާ ބެހޭ މަޢުލޫމާތު ހޯދާ، އެ މީހުންގެ ޢާއިލާއަށް އެ ކަންކަން ޙިއްސާ ކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
60%
0%
0%
0%
0%
40%
ކޮމެންޓް