ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 15:52
ޙާމިދު ބިން ޙީނާ
ޙާމިދު ބިން ޙީނާ
ޓްވީޓަރ
މޮރޮކޯ ބިންހެލުން
ދަރިފުޅު މަރުވެދިޔައީ ބައްޕަ ބުނެގެން ވަޅިއެއް ބަލައި ދިޔަ ވަޤުތު އައި ބާރުގަދަ ބިންހެލުމުގައެވެ!
މޮރޮކޯ އަށް އައީ 7.0ގެ ބާރު މިނުގެ ބިންހެލުމެއް

ދުވަހަކީ ސެޕްޓެމްބަރ މަހުގެ 10 ވީ އާދީއްތަ ދުވަހެވެ. އަސަރާއެކު ޙާމިދު ބިން ޙީނާ ކިޔައި ދެވޭތޯ މަސައްކަތް ކުރަމުން އެ ދަނީ، ހުކުރު ދުވަހުގެ ރޭގެ ވަޤުތެއްގައި މޮރޮކޯ ގުޑުވާލި ވަރުގަދަ ބިންހެލުމުގެ ކާރިޘާގެ ހިނދުކޮޅެއް ކުރިން ކަންވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އެ ބިންހެލުމުގެ ކާރިޘާއަކީ ޙާމިދުގެ ދަރިފުޅު، މަރުވާން، މި ދުނިޔެއާއި ވަކިވެގެން ދިޔަ ހިތާމަވެރި ކާރިޘާއެވެ.

ޙާމިދުގެ ޢާއިލާއިން ތައްޔާރު ވަމުން ދިޔައީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށެވެ. ކާ މޭޒަށް ނަގާފައި އޮތް މެލަންއެއް ފަޅާލުމަށްޓަކައި ވަޅިއެއް ގެނެސްދިނުމަށް ޙާމިދު، އޭނާގެ ހަގު ފިރިހެން ދަރިފުޅު ގާތުގައި އެދުނެވެ. އެ ވަޤުތު ވެގެން ދިޔައީ ރެކްޓަރ މިންގަނޑުން 7.0ގެ ބާރު މިނުގައި އައި ވަރުގަދަ ބިންހެލުމުގައި މޮރޮކޯ ގުޑުވާލި ބިންހެލުން އައި ވަގުތަށެވެ.

ޙާމިދުގެ ޢާއިލާއިން ޖަމާވެ ތިބި ކާމޭޒު ހުރި ކޮޓަރި ދިޔައީ ހެލެމުންނެވެ. ބޮކިތައް ނިވި ކަރަންޓު ކެނޑުނެވެ. ޢިމާރާތުގެ ސީލިންގްގެ ބައިތައް ކުދިކުދިވެގެން ފައިބަން ފެށިއެވެ. އެ ގެއަކީ ހައި އެޓްލަސް ފަރުބަދަމަތީގައި އޮންނަ އެކަހެރި އަވަށެއްގައި، އެންމެ އިހުގެ ގޮތަށް އަޅާފައި ހުރި ގެއެކެވެ.

"އެކަންތައްގަނޑު ފެށުނީ ރޭގަނޑު 11 ނޫނީ 11:30 އެހާ އިރު. އަހަރަމެން ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން. ދަރިފުޅު ގާތު ބުނީ، މޭވާ ކޮށާލަން ބަދިގެއިން ވަޅިއެއް ގެނެސްދޭށޭ. އެ ދަރިފުޅަށް، އެ ވަޅިއެއް ނުގެނެސްދެވުނު. ބަދިގެއިން ދަރިފުޅު ނުކުތް ވަގުތަކީ ބިންގަނޑު ހެލިގަތް ވަގުތަށްވީ. އޭނަ ދުއްވައިގަތީ ފެންނަން މިއޮތް ގާކުނޑިތަކާ ދިމާއަށް. އޭނަ އޮތީ އޭގެ ދޮޅު މީޓަރު ނޫނީ 2 މީޓަރު އަޑީގަ، ވަޅުލެވިފަ."
ޙާމިދު ބިން ޙީނާ؛ މޮރޮކޯގެ ބިންހެލުމުގައި މަރުވި މަރުވާންގެ ބައްޕަ

ހުރިހާ ކަމެއް ވަމުން ދިޔައީ ކަނު އަނދިރީގައެވެ.

އެއްވެސް އަލިކަމެއް ނެތް އޭރު. އަހަރަމެން ތިބީ ކަނު އަނދިރީގަ. ހިރަފުސްގަނޑުގެ ތެރޭގަ. ބިންގަނޑު ހެލެމުން ދިޔަ އަޑު އަހަރަމެންނަށް އިވުނު. ފާރުތައް ވެއްޓެމުން ދިޔަ އަޑު އިވުނު. އެކަމަކު، ފުރަތަމަ ރެއަކާ ނުލި އެ ވަނީ ކީއްކަމެއް. ދެން އަހަރެންގެ ފިރިހެން ދަރިފުޅު ފޯނުތައް ހޯދައިގެން، ޓޯޗުގެ ގޮތުގަ އެ ބޭނުންކޮށްގެން ބެލީ. އޭރު މި ފެންނަނީ މުޅި އަވަށް ސުންނާފަތިވެފަ އޮތް މަންޒަރު.
ފާޠިމާ ބަޖުދީޖު؛ މޮރޮކޯގެ ބިންހެލުމުގައި މަރުވި މަރުވާންގެ ބައްޕަ

ޙާމިދުއާއި އޭނާގެ ދެން ހުރި ފިރިހެން ދަރިފުޅު މުޢާޛު، ހުޅުވިފައި ހުރި ދޮރެއްގެ ތެރެއިން، ގޭގެ ފަހަތުގައި އޮތް ގޯޅިގަނޑު ތެރެއަށް ދެމިގަތެވެ. އޭރު އެ ގެ ދިޔައީ ބިމާ ހަމަވަމުންނެވެ.

"ބިންގަނޑު ހެލި ނިމުނީމަ އަހަރަމެން ތިރިއަށް ފައިބައިގެން އައި އިރު، ގާތަކާ ހެދި ދޮރު އޮތީ ބެދިފަ. އެކަމަކު، އަވަށްޓެރިއެއްގެ ގޭ ތެރެއިން ލާފަ އަހަރަމެންނަށް ނުކުމެވުނު. އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅާއި، ކުޑަ އަންހެން ދަރިފުޅު، ގާކުނޑިތަކުގެ ތެރޭގަ ތާށިވެފަ އޮތް މަންޒަރު އަހަރަމެން ދުށިން. އެމީހުންގެ ބޯ އެކަނި ފެންނަން އޮތީ. އަހަރަމެން އެމީހުން ދަމަން މަސައްކަތް ފެށިން. ދެން އަހަރެންގެ ފިރިމީހާ އައިސް އެމީހުން ސަލާމަތް ކޮށްދިނީ."
ފާޠިމާ ބަޖުދީޖު؛ މޮރޮކޯގެ ބިންހެލުމުގައި މަރުވި މަރުވާންގެ ބައްޕަ

އެ ހައިޖާނުގަނޑުގެ ތެރެއިން އަނބިމީހާ އަމީނާއާއި، ކުޑަ އަންހެން ދަރިފުޅު މަރްޔަމްވެސް ސަލާމަތް ކުރެވުނެވެ. ހެލެމުން ދިޔަ ހެލުންގަނޑު ހަމައަކަށް އެޅި، ހިރަފުސްގަނޑު މަޑުޖެހިލުމާއެކު، މަރުވާނަށް ސަލާމަތް ނުވެވޭކަން ޙާމިދަށް އެނގުނެވެ.

ޢުމުރުން އެންމެ 8 އަހަރުގެ މަރުވާން އޭރު ވަނީ ގޭގެ މާ އެތެރެއަށް ގޮސްފައެވެ. އޭނާ އޮތީ ވެއްޓިފައި ވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުގައި، މީޓަރެއް ހާ ފުން މިން އަޑީގައެވެ. އެ ތުއްތު ހަށިގަނޑު، ގާކުނޑިތަކުގެ ތެރެއިން ނެރެވުނީ ޖެހިގެން އައި ދުވަހުއެވެ. ޢިމާރާތުގެ ބައިތައް ނެގުމަށް ޙާމިދުއަށް އެހީތެރިކަން ފޯރުކޮށްދޭން އައީ، 5 ގަޑިއިރެއްހާއިރުގެ ދަތުރެއްގެ ދުރުމިނުގައި އޮންނަ ކަސަބްލަންކާގައި ތިބި އޭނާގެ އަޚުންނެވެ.

ރޭގަނޑުގެ ވަޤުތު. ކަރަންޓެއްނެތް. އެއްވެސް އެއްޗެއް ނުފެނޭ އަހަރަމެންނަކަށް. އޭރު، އެ އަނދިރިގަނޑުގެ ތެރެއިން އަހަރަމެންގެ ގައި މައްޗަށް ގާތައް ފައިބަނީ. އަހަރެން ވަރަށް އަވަސްކޮށްލިން. ނަޞީބަކުން އެމީހުންގެ ގޭޓު ހުރީ ހުޅުވާފަ. އައި މަގުމަތީގަ އަނިޔާވެފަ އިން އަހަރެންގެ އަނބިމީހާއާއި 2 ދަރިން އަހަރެން ސަލާމަތް ކުރިން. އަހަރެންގެ ފިރިހެން ދަރިފުޅު އޮތީ ތާށިވެފަ، އަނެއް ދުވަހު ހެނދުނު ވަންދެން. ކަސަބުލަންކާއިން އޭނާގެ ބޮޑުބޭބެމެން އައިސް އެތަނުން އޭނަ ނަގައިދިނީ.
ޙާމިދު ބިން ޙީނާ؛ މޮރޮކޯގެ ބިންހެލުމުގައި މަރުވި މަރުވާންގެ ބައްޕަ

ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ރޭ، މޮރޮކޯ ގަޑިން ގާތްގަނޑަކަށް 11:30 އެހާ އިރު އައި ބިންހެލުމަކީ 1900 ވަނަ އަހަރަށް ފަހު އެ ޤައުމަށް އެންމެ ބާރުގަދަ ބިންހެލުން ކަމަށް މަޢުލޫމާތު ލިބެއެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 2100 ށް ވުރެ މައްޗަށް އަރާފައި ވާ އިރު، ޒަޚަމްވީ މީހުންގެ ޢަދަދުވެސް ހަމަ އެހާމެ ގިނައެވެ.

- ކޮމެންޓް