ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 17:01
އާސެނަލް އާއި ޕެރިސް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލް އާއި ޕެރިސް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
ވިމެންސް ޗެމްޕިއަންސް ލީގު
ވިމެންސް ޗެމްޕިއަންސް ލީގުން އާސެނަލް ކަޓައިފި
މިދިޔަ އަހަރުގެ މުބާރާތުން އާސެނަލް ކެޓީ ސެމީ ފައިނަލުން

ވިމެންސް ޗެމްޕިއަންސް ލީގުގެ ކޮލިފައިން ސްޓޭޖުގައި ފްރާންސްގެ ޕެރިސް އެފްސީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފިއެވެ.

އާސެނަލް ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ އަހަރުގެ މުބާރާތުން އެ ޓީމު ކެޓީ ސެމީ ފައިނަލުންނެވެ. މިއަހަރުގެ ކޮލިފައިން ސްޓޭޖުގައި ޕެރިސް އެފްސީ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ގާތްގާތުގައި މަތިލްޑޭ ބޯޑިއު ވަނީ ދެ ލަނޑު ޖަހައި ޕެރިސް އަށް ދެ ލަނޑުގެ ފަރަގެއް ހޯދަދީފައެވެ. އެޔަށްފަހު އާސެނަލްގެ ފުރަތަމަ ލަނޑު ރޫސޯ ކާމިޔާބުކޮށްދިން އިރު، ޖެން ބީޓީ ގެ ލަނޑާއެކު އާސެނަލް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވުމުން އެކްސްޓްރާ ޓައިމްގެ ދެ ހާފު ކުޅެފައިވެއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޕެރިސް އަށް އަނެއްކާވެސް ލީޑު ނަގައިދިނީ ޖޫލީ ސޯޔަރ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ރޫސޯ ވަނީ އިތުރު ލަނޑެއް ޖަހައި، އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ.

ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. ޕެރިސް އެފްސީ މޮޅުކޮށްދިނީ ކީޕަރު ނަނަޑޯޒީ އެވެ.

- ކޮމެންޓް