މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް ރޭ ދަންވަރު ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން 632 މީހުން މަރުވެ، އެތައް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން، މަރުވި މީހުންގެ އަދަދު އަށްސަތޭކައަށްވުރެ މައްޗަށް އަރައެވެ. ބިންހެލުމުގައި ގިނަ އަދަދެއްގެ އިހުގެ އިމާރާތްތަކެއް ވެއްޓިފައިވާއިރު، ބައެއް އިމާރާތްތަކުގެ ގާފުނިތަކުގެ ދަށުގައި ބައެއް މީހުން އަދިވެސް ވަޅުލެވިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި 6.8ގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ގަޑިން ރޭ 23:11ގައި ހައިއެޓްލަސް މައުންޓަންއަށް، ބިމުގެ 18.5 ކިލޯމީޓަރު އަޑިންނެވެ. އަދި އޭގެ 19 މިނިޓް ފަހުން 4.9ގެ ބާރުމިނުގައި އާފްޓަރ ޝޮކެއް އައިސްފައިވާކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
އިންޓީރިއަރ މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި މި ކާރިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މަރަކޭޝްއާއި، އޭގެ ދެކުނުގެ ބައެއް ހިސާބުތަކުންނެވެ. މަރުވި މީހުންގެ އިތުރުން 153 މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި ވެއެވެ.
ބިންހެލުމުގައި މަރަކޭޝް އޯލްޑް ސިޓީގެ ބައެއް އިމާރާތްތައް ވެއްޓިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި އާއިލާއެއް، ވެއްޓުނު ގެއެއްގެ ދަށުވެފައި ވާކަމަށް އޭއެފްޕީންވެސް ރިޕޯޓްކޮށްފައި ވެއެވެ.
ބިންހެލުމުގެ އަސަރު 350 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް ރަބާތުއާއި ކަސަބްލަންކާގެ އިތުރުން، އަވައްޓެރި އަލްޖީރިއާއަށްވެސް ކުރި ކަމަށް ޚަބަރުތައް ބުނެއެވެ. ބިންހެލުން އައުމާއެކު ގިނަ މީހުން އިޚްތިޔާރުކުރީ ގޭތެރެޔަށް ނުވަދެ ބޭރުގައި ތިބުމަށް ކަމަށް ވެއެވެ. އަދި ސަރުކާރުންވެސް އަންގާފައިވަނީ އަދި އިހަށް ގެތަކަށް ނުވަނުމަށް ކަމަށް ވެއެވެ.
ބިންހެލުން އައި ހިސާބަކީ ވަރަށް ދުރު، ރަށްފުށުގެ ހިސާބަކަށް ވުމާއެކު، މަރުވި މީހުންގެ އަސްލު އަދަދު ދެނެގަންނަން އަދިވެސް ވަގުތު ނަގާނެ ކަމަށް ވެއެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވުމާއެކު، އެމީހުންނަށް ބޭނުންވާ ލޭ ދިނުމަށް ނިކުތުމަށް ސަރުކާރުން އާންމުންނަށް އަންގާފައިވެއެވެ.