ބޫޓާން ގައި މިހާރު ކުރިޔަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމު ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ އިންޑިއާއިން ހޯދައިފިއެވެ.
އިންޑިއާ އިން ރާއްޖޭގެ ޤައުމީ ޓީމުގެ މައްޗަށް ކުރިހޯދާފައިވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅެ، ގިނަ ވަގުތު މެޗުގެ ކޮންޓްރޯލް ގެންގުޅެފައިވަނީ އިންޑިއާއިންނެވެ.
ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ އިންޑިއާގެ އެޓޭކުތައް ހުއްޓުވުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، މެޗުގެ 22 ވަނަ މިނެޓުގައި އިންޑިއާގެ ވިޝާލް ޔާދަވް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. އެޔަށްފަހު މެޗުގެ 36 ވަނަ މިނެޓުގައި މުހައްމަދު ކައިފް ވަނީ ލަނޑެއް ޖަހައި، އިންޑިއާގެ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފު ނިމުނުއިރު އިންޑިއާ ކުރީގައި އޮތީ ދެ ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން އިންޑިއާ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހާފު ފެށިގެން އަށް މިނެޓުގެ ތެރޭގައި ލެވިސް ވަނީ އިންޑިއާގެ ތިންވަނަ ލަނޑު ޖަހާފައެވެ. އެޔަށްފަހު 63 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ އައިބޯލަންގް އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި މަންބަކުޕަރް ވަނީ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. އިންޑިއާއިން ވަނީ ފަހުން ހަތް މިނެޓުގެ ތެރޭގައި އިތުރު ތިން ލަނޑު ޖަހާފައެވެ. އައިބޯލަންގް އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، އެމްޑީ އަރުބާޝް ވަނީ ދެ ލަނޑު ޖަހާފައެވެ.
ސެމީ ފައިނަލް މެޗުގައި އިންޑިއާ ކައިރިން ޤައުމީ ޓީމު ބޮޑުތަފާތަކުން ބަލިވިނަމަވެސް، ސެމީ ފައިނަލާ ހަމަޔަށް ދިޔުން އެއީ ޤައުމީ ޒުވާން ޓީމަށް ބޮޑު ކުރިއެރުމެކެވެ. މިއީ 16 އަހަރުން ދަށުގެ ޓީމު މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.