ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 10:13
ސްޕޭން ކުޅުންތެރިން ވޯލްޑްކަޕް ތައްޓާއެކު
ސްޕޭން ކުޅުންތެރިން ވޯލްޑްކަޕް ތައްޓާއެކު
ފީފާ
އަންހެން ފުޓްބޯޅަ
ސްޕޭނުގެ އަންހެން ކުޅުންތެރިން އިހުތިޖާޖަށް ނުކުންނަނީ
އެންމެ ބޮޑު ޑިމާންޑަކީ މުސާރަ ބޮޑުކޮށްދިނުން

މުސާރަ އާއި ފޯރުކޮށްދޭ ވަސީލަތްތަކުގެ ގޮތުން ފުޓްބޯޅައިގައި ހަމަހަމަ ކަމަށް ގޮވާލައި ސްޕޭނުގެ އަންހެން ކުޅުންތެރިން އިހުތިޖާޖު ކުރަން ތައްޔާރުވެއްޖެ އެވެ.

މި ގޮތުން ނިންމާފައިވަނީ ސްޕެނިޝް ލީގުގެ ފުރަތަމަ ދެ މެޗު ނުކުޅެ ދޫކޮށްލުމަށެވެ.

އަންހެން ކުޅުންތެރިންގެ ފަރާތުން ސްޕެނިޝް ޕްލޭޔާސް އެސޯސިއޭޝަނުން އެންމެ ބޮޑަށް ގޮވާލަމުންދަނީ ކުޅުންތެރިންނަށް ދޭ މުސާރައިގެ ލިމިޓް އިތުރުކުރުމަށެވެ. އެއީ ސްޕޭނުގެ އަންހެން ފުޓްބޯޅަ ލީގު ޕްރޮފެޝަނަލް ލީގަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އަންހެން ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރައަކަށްމިހާރު ދެވެނީ 16000 ޔޫރޯ އެވެ. ކުޅުންތެރިން އެދެނީ މި އަދަދު މި ސީޒަނުގައި 25000 ޔޫރޯ އަށް ބަދަލުކޮށް، އަންނަ އަހަރުގެ ސީޒަނުގައި 30000 ޔޫރޯ އަށް ބޮޑުކުރުމަށެވެ.

ނަމަވެސް ސްޕެނިޝް ލީގުން ބުނަނީ މިއީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއްނޫން ކަމަށެވެ. މި ބަދަލު ގެނެސްފިނަމަ ފޫ ނުބެއްދޭވަރުގެ މާލީ ގެއްލުންތަކާ ކުރިމަތިވާނެ ކަމަށެވެ. އެލީގުން ބުނީ އެމީހުން ކުރި ދިރާސާއިން ކުޅުންތެރިންނަށް ދެވޭނެ އެންމެ ބޮޑު މުސާރައަކަށް ހެދެން އޮތީ 18000 ޔޫރޯ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި އަދަދު 25000 ޔޫރޯ އަށް ބަދަލުކުރެވިދާނެ ކަމަށެވެ.

ނަމަވެސް ސްޕޭނުގައި އަންހެން ކުޅުންތެރިންނަށް ތަފާތު ކުރާ މައްސަލަ ވަރަށް ބޮޑަށް ވަނީ ފެންމަތިވެފަ އެވެ. ހާއްސަކޮށް ސްޕޭނުގެ އަންހެން ޓީމު ވޯލްޑްކަޕް ކާމިޔާބު ކުރުމުން ކުޅުންތެރިއެއްގެ ތުންފަތަށް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެއް ބޮސް ދިން މައްސަލަ ވަނީ ހޫނުވެފަ އެވެ. އޭނާ މިހާރު ވަނީ ފީފާއިން ސަސްޕެންޑްކޮށްފަ އެވެ. އަދި ވޯލްޑްކަޕުގެ ކުރިން ކޯޗު ބައެއް ކުޅުންތެރިންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށްބުނެ ކުޅުންތެރިން ޕެޓިޝަނެއްގައި ވެސް ސޮއިކުރި އެވެ. އޭނާ ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސްޕޭނުގައި އަންހެން ޓީމަށް ފިރިހެން ޓީމާ އެއް ހަމައެއްގައި އެންމެ ގިނަކަންކަން ކޮށްދޭ އެއް ކުލަބަކީ ބާސެލޯނާ އެވެ. މި ގޮތުން އެކުލަބުން ވަނީ ވަސީލަތްތައް ހަމަހަމައަށް ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި އެއް ވަސީލަތްތަކެއް ޕްރެކްޓިހާއި ޖިމް އާއި މެޗު ކުޅުމަށް ބޭނުންކުރުމާއި ބޯނަސް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

- ކޮމެންޓް