ފާރިސް މައުމޫން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައިވާ ބައެއް މީހުންގެ މޫނަށް ޕެޕާ ސްޕޭ ޖަހައިފިއެވެ.
އެ ސަރަހައްދަށް ދިޔަ މީހުންގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ މޫނަށް ވެސް ވަނީ ޕެޕާ ސްޕރޭ ޖަހާފަ އެވެ.
ފާރިސް މައުމޫން ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައި ވަނީ 10:30 ހަށެެވެ. އެ ސަރަަހައްދުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުންދާއިރު ފުލުހުން ވަނީ ކްރިމިނަލް ކޯޓު ސަރަހައްދުގެ ވަކި ހިސާބަކުން ބަންދުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓަށް އެކި ބޭނުންތަކުގައި ދާ މީހުންނަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. އެ ގޮތުން މެންދުރު އޮތް އެހެން ޝަރީއަތްތަކަށް ނޯޓުކުރަން ދިޔަ ފަރާތްތަކަށް ވެސް ކޯޓަށް ވަނުމަށް ހުރަސް އަޅާފައި ވެއެވެ.
ފާރިސް މައުމޫން އަންގާރަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ އިރު، މިދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ދުވަސްވަރެކެވެ.
އެގޮތުން މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕީއެމްއަށް ގެއްލިފައިވާ އިރު 45 މެންބަރުގެ ސޮޔާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. މި މައްސަލަ މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ، މެންބަރުންނާއި ، ސިޔާސީ އިސްވެރިންގެ އެކި މައްސަލަތައް އަންނަނީ ބަލަމުންނެވެ. މިގޮތަށް ކަންކަން ކުރައްވަނީ، އިދިކޮޅުފަރާތްތަކަށް މަޖިލީހުގެ ތެރެއިން ކާމިޔާބުވާނެކަން ޔަގީންވާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.