ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފައިވާ އިރު އެ ކުންފުންޏަށް ދެ ފަޅު ރަށް ދޫކޮށްފައިވާކަން އެނގިއްޖެއެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށް ނިމްސްއާ ރަސްމީކޮށް ހަވާލުކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އިންޑިއާގެ "ދި އިކޮނޮމިކް ޓައިމްސް"ގެ ހެލްތު ވޯލްޑްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އިތުރަށް މޯލްޑިވްސް ސްޕޭސް ރިސަރޗު އޮގްނައިޒޭޝަންގެ ނަމުގައި ޖައްވު ދިރާސާކުރާ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ނިމްސް މެޑިސިޓީއާ ހަވާލުކޮށްފައި ވާކަމަށެވެ.
"ދި އިކޮނޮމިކް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ނިމްސް މެޑިސިޓީގެ މެނޭޖިން ޑިރެކްޓަރ ފައިޒަލް ޚާން ވިދާޅުވީ، ހޮސްޕިޓަލުގެ އިތުރަށް ދެ ފަޅުރަށް ވެސް އެ ކުންފުންޏަށް ދޫކޮށްފައި ވަނީ 50 އަހަރަށް ކަމަށެވެ.
މިފަޅުރަށްތަކުގައި މެޑިކަލް އެޑިއުކޭޝަން ސެންޓަރެއްގެ އިތުރަށް، ޖެނެޓިކް ރިސަރޗް ސެންޓަރަކާއި އޭވިއޭޝަން އެކެޑެމީއެއް އަދި މެރިން އިންޖިނިއަރިން ކޮލެޖު، ހޮލިސްޓިކް ޓްރީޓްމެންޓް ސެންޓަރެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގު 3.9 ބިލިއަން ރުފިޔާއަށް އަރާ އިރު ހަމައެކަނި ލިބުނު ބިމުގެ އަގު 1.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ނިމްސް މެޑިސިޓީން ބުނެ އެވެ.
އެ ކުންފުނިން މަސައްކަތް ކުރަނީ މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި އެނދުގެ ކެޕޭސިޓީ ދެ ގުނަ އިތުރު ކުރުމަށެވެ. އެގޮތުން އެނދު ކެޕަސިޓީ ގާތްގަނޑަކަށް 150 އަށް އިތުރުކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.
މި މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ގާތްގަނޑަކަށް 143 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ އިރު ކެތު ލެބެއްގެ އިތުރުން، ސިއްހީ ހިދުމަތައް ބޭނުންވާ ބައެއް އިކުއިޕްމެންޓް ހޯދުމަށް އޯޑަރު ދީފައިވާ ކަމަށް ފައިޒަލް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދެވަަނަ ފިޔަވަހީގެ ދަށުން، އަންނަ އަހަރު ނިމުމުގެ ކުރިން، މެޑިކަލް ކޮލެޖެއްގެ އިތުރަށް ނާސިން ކޮލެޖެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކޮލެޖުގެ ތެރެއިން ރާއްޖޭގެ ކިޔަވާ ކުދިންނަށް ވަކި ވަރަކަށް ޖާގަ ހަމަޖައްސާފައިވާ އިރު ސަރަހައްދީ ގައުމުތަކުން ވެސް އައިސް ކިޔެވުމުގެ ފުުރުސަތު ލިބިގެންދާނެ ކަމަށް ނިމްސް މެޑިސިޓީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވި އެވެ.
ރާއްޖޭގައި މޯލްޑިވްސް ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން ގާއިމް ކުރާ އިރު މިކަން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ސްޕޭސް ރިސަރޗް ސެންޓަރުގައި މަސައްކަތްކޮށް ރިޓައަރ ކޮށްފައިވާ ސައިންސް ވެރިންގެ އެހީގަ އެވެ. ޖައްވަށް އިތުރު ސެޓެލައިޓްތައް ފޮނުވުމަށް މި ސައިންޓިސްޓުން މިހާރު ވެސް ތައްޔާރުވަމުންދާ ކަމަށް ފައިޒަލް ޚާން ވިދާޅުވި އެވެ.
ނިމްސް އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ނިންމާފައި ވަނީ މަލްޓި ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލެއްގެ ގޮތުގައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ފޭދޫ ފިނޮޅު ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ދީފައިވާ އިރު ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި އިއުލާން ކުރަން ނުޖެހޭ ގޮތަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެއަށް އަމަލުކުރަން ފަށާފަ އެވެ.
ރާއްޖޭގެ ރަށްތައް މިފަދަ ގޮތްގޮތަށް ދޫކުރަމުންދާތީ، އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެެހެން ނަމަވެސް އެފަދަ އިސްލާހުތައް މަޖިލީހުން ފާސްކުރުމަށް ގިނަ މެންބަރުންތަކެއް ވޯޓުދޭކަން ފާހަގަކޮށްލެވެ އެވެ.