ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެމްބަރަކު ޕީޕީއެމްގެ ދަފްތަރުން ވަކިކޮށްފައިވާ ކަމުގެ ލިޔުން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އެ ހަތަރު ބޭފުޅުން ޕީޕީއެމްގެ ދަފްތަރުން ވަކިކޮށްފައިވާކަމުގެ ލިޔުންގެ އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުމުގެ އިޖުރާއަތުތަކަކީ އޭނާ ހަމަޖައްސަންޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެއީ އަޅުގަނޑު ކަނޑައަޅަންޖެހޭ ކަމެއް ނޫން. ރިޔާސަތުގެ ކަމެއް،" މަޖިލީހުގެ އަމީން އާއްމު ވިދާޅުވި އެވެ.
ޕީޕީއެމްއިން އެ ހަތަރު މެމްބަރު ވަކިކުރައްވާފައިވާކަމާއި މަޖިލީހަށް އެކަން އަންގާފައިވާ ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވެސް ވަނީ އަންގާރަ ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.
ވައްޑެ އާއި އަމީތު އަދި ސައުދު ވަނީ އަންގަރަ ދުވަހުގެ މެންދުރު ފަހު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން އެބޭފުޅުން ޕީޕީއެމްގެ ދަފްތަރުން ވަކިކޮށްފައިވާކަމުގެ ލިޔުން ހޯއްދެވުމުގެ މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އަންގާރަ ދުވަހު އެލިޔުން އެ ބޭފުޅުންނަށް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 45 މެމްބަރުންގެ ސޮޔާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅުމާއެކު ސަރުކާރުންނާއި ޕީޕީއެމުން ދަނީ މަސީހުގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ކުރި ސޮއި އަނބުރާ ނެގުމަށް ގޮވާލަމުންނެވެ. ސޮއި ނުނަގައިފިނަމަ އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ މަސައްކަތްތަކެއްވެސް ދަނީ ކުރަމުންނެވެ.