ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދަށް ތާވަލުކޮށްފި އެވެ.
އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ލިޔެކިޔުންތައް ހޯމަ ދުވަހު ބަދަލުކޮށްފައިވާއިރު، ލިޔެކިޔުންތައް ހަވާލުކުރުމަށް ފަހު، މައްސަލައިގެ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހު ފެށުމަށް ތާވަލުކުރި އެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
އިބްރާހިމް ދީދީގެ އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.
އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައެއްގައި މުރާޖައާ ކުރުމަށް ނުވަތަ ދިރާސާކުރުމަށް ނޫން ގޮތަކަށް މައްސަލަ އަނބުރާ ގެންގޮސްފި ނަމަ އެ މައްސަލައެއްގައި ދެން އަލުން ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައެއްގައި ދައުވާ ނުކުރާނެކަން އެމީހަކަށް ޕީޖީ އޮފީހުން އަންގާފައި ވާނަމަވެސް އެފަދަ މައްސަލައެއްގައިވެސް ދައުވާ ނުކުރެވޭނެކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމެއްގައެވެ.