ރާއްޖޭގެ އާބާދީ ދަނީ 'އޭޖް އިން ޕޮޕިއުލޭޝަން' އަކަށް ބަދަލުވަމުންކަމަށާއި، 60 އަހަރުން މަތީގެ މީހުންނަށް ހަރަކާތްތެރިވެ އުޅެވޭނެ ވަސީލަތްތައް ގާއިމްކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ރައީސް ސާލިހު ވިދާޅުވީ މިހާރު އާބާދީގެ 4 އިންސައްތަ އަކީ 60 އަހަރުން މަތިކަމަށާއި، 2030 އަންނަ އިރުގައި އެ އަދަދު 7 އިންސައްތައަށް ބަދަލުވެ، 2054 ވަނަ އަހަރު އަންނަ އިރުގައި 14 އިންސައްތައަށް ބަދަލުވުމުން ރާއްޖޭގެ އާބާދީ 'އޭޖް އިން ޕޮޕިއުލޭޝަން' އަކަށް ބަދަލުވާނެ ކަމަށެވެ.
ދުރާލާ ކަންތައްތަކެއް ރާވަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ހުކުރު ދުވަހުގެ ރޭ އެ ޕާޓީ އިން ބޭއްވި އުފާވެރި މާލެ ޖަލްސާގައި ވަރަށް ތަފްސީލްކޮށް ހާމަކޮށްފައިވާނެކަމަށެވެ. އެގޮތުން، 60 އަހަރުން މަތީގެ މީހުންނަށް ލިބޭ ބެނިފިޓްސް އިތުރުކުރުމާއެކު، އެ މީހުންނަށް ހަރަކާތްތެރިވެ އުޅެވޭނެ ވަސީލަތްތައް އެކި ރަށްރަށުގައި ސެންޓަރުތައް ގާއިމްކޮށް، އެއްތަނަކަށް އެއްވެ ބައްދަލުވެ ހަރަކާތްތައް ހިންގޭނެ ކަހަލަ ސެންޓަރުތަކެއް ގާއިމް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިޓެއަރ ކުރާއިރުގައި އަމިއްލަ މަސައްކަތެއް ފެށޭ ގޮތަށް ފަސޭހައިން ލުއި ލޯން ދޭ ގޮތަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ޒުވާން ޖީލަށް އަލިއަޅުއްވާލައްވައި، ރައީސް ސާލިހު ވިދާޅުވީ ދެން ވެރިކަމާއި ހަވާލުވެ ގައުމު ހިންގަން ތިބި ބަޔަކީ ޒުވާނުންކަމަށާއި، މި ސަރުކާރުގެ ފްރީ ޑިގްރީ ޕްރަގްރާމް އާއި، ސްކޮލަޝިޕް ސްކީމްތަކާއި ތަމްރީންތަކާއި، ސްކިލްސްމީ ޒުވާނުނަށް ދެވޭ ގޮތަށް މަގުފަހިކުރުމުގެ މައިގަނޑު މަގުސަދަކީ ގައުމަށް ފައިދާ ކުރުވަނިވި ޒުވާނުންތަކެއް ބައްޓަން ކުރުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް އަޅަމުން ދާކަމަށާއި، އޭގެ ފައިދާ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ސްޕޯޓްސް ފެސިލިޓީސްތައް އެކި ކަންކޮޅުތަކުގައި އަޅައި، ޒުވާނުންނަށް އޭގެ ފައިދާ އާއި މަންފާ ލިބޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްހީ ދާއިރާއަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ސިއްހީ ދާއިރާ އޮތީ ފެއިލްވެފައިކަމަށާއި، ހާއްސަކޮށް އާސަންދައަށް އޮތީ ފަރުވާކުރަން ޖެހިފަކަމަށެވެ. އަދި މި ސަރުކާރުން އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ބަލްކް ޕްރޮކިއުމަންޓް އަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށާއި ޔޫރަޕުން ސީދާ ބޭސް ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުންތައް ކުރިއަށް ގެންދެވޭކަމަށާއި ބައެއް ބޭސްތަކުގެ އަގު ދަށް ކުރެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިހާރުވެސް 71 ބޭހުން 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.