ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 22:45
ލަނޑުޖެހުމަށްފަހު ހާލަންޑް އުފާ ފާޅުކުރަނީ
ލަނޑުޖެހުމަށްފަހު ހާލަންޑް އުފާ ފާޅުކުރަނީ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ހާލަންޑުގެ ހެޓްރިކާއެކު ސިޓީއަށް ބޮޑު މޮޅެއް
 
ސިޓީން މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާލިން ބްރައުޓް ހާލަންޑުގެ ހެޓްރިކާއެކު ސިޓީއިން ފުލަމް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އަންގާރަ ދުވަހު ހާލަންޑަށް ވަނީ ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައެވެ. އެޔަށްފަހު ބުރާސްފަތި ދުވަހު ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ލިބިފައިވަނީ ހާލަންޑަށެވެ. ފުލަމް އާ ދެކޮޅަށް ހެޓްރިކް ހަދައި، ހާލަންޑު ވަނީ އޭނާގެ ކާމިޔާބު ހަފްތާއައްް އިތުރު ފުރިހަމަ ކަމެއް ގެނެސްފައެވެ.

ހޮނިހިރު ދުވަހުގެރޭ ސިތީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ފުލަމްގެ ރީމް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އަކޭ އެވެ.

ހާލަންޑު ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 58 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި، ސިޓީއަށް ދެ ލަނޑުގެ ފަރަގެއް ހޯދަދީފައެވެ. އެޔަށްފަހު، 70 ވަނަ މިނެޓުގައި އަލްވަރޭޒްއަށް ކުރި ފައުލް އަކާ ގުޅިގެން ސިޓީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ހާލަންޑް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އޭނާ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ.

ސިޓީއިން ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. 12 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ފުލަމް އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް