ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 18:59
އުރީދޫ މަސްރޭސް 2023
އުރީދޫ މަސްރޭސް 2023
އުރީދޫ
އުރީދޫ މަސްރޭސް
އުރީދޫ މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފި
 
މަސްރޭހުގެ ރެކޯޑްތައް މުގުރާލާފައިވޭ
 
މިއަހަރުގެ މަސްރޭސް ވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް
 
74 ޓީމުން ބައިވެރިވެފައިވޭ

އުރީދޫ މަސްރޭސް 2023 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އުރީދޫއިން ބުނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ގައި ކުރިއަށް ގެންގޮސް ކޮންމެ ސިޓީ އަކުން 1 ވަނަ 2 ވަނަ 3 ވަނަ އާއި އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްތައް ހޮވާފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މުބާރާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިއެވެ. 74 ޓީމުން ބައިވެރިވެ މަސްވެރިންގެ ކުޅަދާނަ ހުނަރު ދައްކާލާ، މަސްރޭހުގެ ރެކޯޑްތައް މުގުރާލާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މަސްރޭސް ވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށް އުރޫދީން ބުނެއެވެ.

އެގޮތުން އުރީދޫ މަސްރޭސް 2022 ގައި ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ގެ ރެކޯޑު މުގުރާލާ މި އަހަރުގެ މުބާރާތުގައި މޮޅުވި ޓީމު ތަކުގެ ތެރެއިން ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސް ވަނީ 1326.45 ޕޮއިންޓް ހޯދާފައެވެ. ހަމައެއާއެކު ކުޅުދުއްފުށި ސިޓީއިން ބުޅިކެނޑި ޓީމުން 1214.25 ޕޮއިންޓް ހޯދައިފައިވާއިރު މާލި ސިޓީއިން މުބާރާތް ކާމިޔާބު ކުރީ ސޮނީ ފިޝިން ޓީމުން 860 ޕޮއިންޓް ހޯދައިގެންނެވެ.

އުރީދޫ މަސްރޭސް 2023 ގައި ތާރީހީ ބޭނުންތައް:

އުރީދޫ މަސްރޭސް 2023 ގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަފާސް ހިސާބަކީ މި އަހަރު އުރީދޫ މަސްރޭހުގެ ތާރީހުގައި މުޅިން އަލަށް ހިބަރު ބާނާފައިވާކަމެވެ. ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަން ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ 3 ހިބަރު ބާނާ ތާރީހު ހަދައިފަ އެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދޭ ކާމިޔާބީއެކެވެ.

އުރީދޫ މަސްރޭހުގެ ތާރީހުގެ ތެރެއަށް ވަދެގެން ދާ ދެވަނަ ކަމަކީ ކައްޓެޅީ ގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ބާނާފާވާކަމެވެ. ކަނޑު ގެ އެންމެ އަޑީގައި ދިރިއުޅޭ މި މަހަކީ ބޭނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ބާވަތެކެވެ. ކައްޓެޅި މަސް ބާނާފައިވަނީ ދެ ޗެމްޕިއަން ޓީމް ކަމަށްވާ އައްޑޫ ސިޓީގެ ޓީމް ފެހުރިހި އާއި ފުވައްމުލައް ސިޓީގެ ޓީމް ރީފް ރައިޑާސް އިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަރަމުން އަންނަ ތަފާތު ކަނޑުގެ ދިރުންތައް މި ނާދިރު ބޭނުންތަކުން ދައްކުވައިދެއެވެ.

އުރީދޫ މަސްރޭސް 2023 ގެ އެންމެ ބަރު މަސްތައް

އެންމެ ބަރު މަސް ކެޓަގަރީގައި ވެސް ހިތްގައިމު ތަފާސް ހިސާބުތަކެއް ފެނިގެން ދިޔައިރު، ސީ ގިއާ މޯލްޑިވްސްގެ ޚާއްސަ ގިފްޓް ޕެކް ހާސިލްކުރި ހުނަރުވެރި މަސްވެރިން ވަނީ ތަފާތު މަސްތަކެއް ބާނާފައެވެ. މާލެ ސިޓީ އިން ޓީމް ސޮނީ ފިޝިންގް އިން ވަލީދު 17.54 ކިލޯގްރާމް ބަރުދަނުގައި ހުރި ބޮޑު މުޑަހަންޖެއް ބާނާފައިވާއިރު، ކުޅުދުއްފުށި ސިޓީއިން އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ބުޅި ކެނޑިން ހަސަން އަލީ އެވެ. 25.85 ކިލޯގްރާމްގެ އަގުހުރި ހިބަރެއް ބާނާ ހަސަން ވަނީ ކުރިއަށް އޮތް މުބާރާތްތަކަށް ބޮޑު ހިތްވަރެއް ހޯދައިދީފި އެވެ. އައްޑޫ ސިޓީ ގެ ޗެމްޕިއަން ޓީމް - ޓީމް ފެހުރިހިން ނަޖާ 5.5 ކިލޯގެ ބަރުދަނުގައި ހުރި ފާހަގަކޮށްލެވޭ ވާހޫ (ކުރުމަސް) ބާނާފައިވާއިރު، ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސްގެ އަބްދުالله އިބްރާހިމް 8.05 ކިލޯގްރާމްގެ ރޫބީއަކާ އެކު އެންމެ ދެކުނުގެ ސަރަހައްދުގެ އަގުހުރި މަސްވެރިކަން ފެނިގެންދިޔައެވެ.

އެންމެ ހުނަރުވެރި އަންހެން އަދި ފިރިހެން ކެޔޮޅު

މި މުބާރާތުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މޮޅު ފިރިހެން އަދި އަންހެން ކެޔޮޅު ގެ އަގު ވަޒަންކޮށްފައިވެ އެވެ.

މާލެ: ޓީމް ކްރަންޗީޒްގެ ނައުޝާދު އެންމެ މޮޅު ފިރިހެން ކެޔޮޅު ގެ ލަގަބް ހޯދީ ޖުމްލަ 17 މަސް ބާނައިގެންނެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅު ގެ ޝަރަފު ޑެޓިއުންފިޝިންގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މަސްވެރިކަމަށް ލޯބިކުރާ ފެޒޫ އަށެވެ. ކުޅުދުއްފުށި ސިޓީން އެންމެ މޮޅު ފިރިހެން މަސްވެރިޔާގެ މަގާމް 16 މަސް ބާނާ ޓީމް ލައްޓީގެ އާދަމް ހިލްމީ ހޯދިއިރު، އެންމެ މޮޅު އަންހެން ކެޔޮޅު މަގާމު ޓީމް ދަމާ ނާގާގެ ޚަދީޖާ މޫސާ ވަނީ ކާމިޔާބުކޮށްފައެވެ. އައްޑޫ ސިޓީން ޖުމްލަ 7 މަސް ބާނާ ޓީމް ހެޕީ މާކެޓުގެ އިބްރާހިމް އަބްދުالله އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވާއިރު އެންމެ މޮޅު އަންހެންކެޔޮޅުގެ މަގާމަށް ހޮވުނީ ޓީމް ފެހިރިހީގެ އަޒްލިފާ އަޒީޒެވެ. އަދި ފުވައްމުލައް ސިޓީން އެންމެ މޮޅު މަސްވެރިޔާގެ މަގާމް އަބްދުالله އިބްރާހިމް ހޯދީ ޖުމްލަ 17 މަސްބާނައިގެންނެވެ. އަދި ފުވައްމުލައް ސިޓީގެ އެންމެ މޮޅު އަންހެން ކެޔޮޅު ކާމިޔާބު ކޮށްފައިވަނީ ޓީމް މޭރި ބޮލް އިން ސަފާ އަދްނާނެވެ.

އުރީދޫއިން ބުނީ އުރީދޫ މަސްރޭސް 2023 އަކީ ހަމައެކަނި މަސްވެރިކަމުގެ މުބާރާތެއް ނޫން ކަމަށެވެ. އެއީ ރެކޯޑްތައް މުގުރާލައި، މަދުން ނޫނީ ނުބޭނޭ މަސްތަކާއި، ރާއްޖޭގެ މަސްވެރިންގެ އާދަޔާ ހިލާފު ހުނަރުތައް ދައްކާލި މުބާރާތެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް