ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 19:01
ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އަންހެން ރިލޭ ޓީމް
ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އަންހެން ރިލޭ ޓީމް
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: އަންހެން ރިލޭ ޓީމުން އިތުރު ލޯ މެޑައްޔެއް ހޯދައިފި
މި އިވެންޓުގައި ރާއްޖެއިން ދުވެފައިވަނީ މުޒްނާ، ހިމްނާ، ލަޔާނާ އަދި ޒިވާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އަންހެން ރިލޭ ޓީމުން އިތުރު ލޯ މެޑައްޔެއް ހޯދައިފިއެވެ.

މިއީ މިއަހަރުގެ މުބާރާތުގައި ގައުމީ އަންހެން ރިލޭ ޓީމުން ހޯދި ދެވަނަ ލޯ މެޑައްޔެވެ. ހޮނިހިރު ދުވަހު ގައުމީ ޓީމުން ލޯ މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އަންހެން ޓީމް ރިލޭ އިވެންޓުންނެވެ. މި އިވެންޓުގައި ރާއްޖެއިން ދުވެފައިވަނީ ހައްވާ މުޒްނާ ފާއިޒް، އައިޝަތު ހިމްނާ ހަސަން، އާމިނަތު ލަޔާނާ މުހައްމަދު އަދި ޒިވާ މޫސާ ޝަފީއު އެވެ.

ގައުމީ ޓީމުން ލޯ މެޑަލް ހޯދާފައިވަނީ ތިން މިނެޓު 52.99 ސިކުންތުން ރޭސް ނިންމައިގެނެވެ. ތިން މިނެޓު 45.78 ސިކުންތުން ނިންމައިގެން ރަން މެޑަލް ހޯދީ މަޑަގަސްކަރަ އެވެ. އަދި ތިން މިނެޓު 52.76 ސިކުންތުން ނިންމައި، ރިހި މެޑަލް ހޯދީ މޮރިޝަސް އެވެ. މީގެއިތުރުން މި އިވެންޓުގައި ވާދަކޮށްފައިވަނީ ރިޔޫނިއަން އާއި ސީޝެލްސް އެވެ. މަޔޯޓް އާއި ކޮމޮރޮސް ހާޒިރުވެފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ބައެއް އިތުރު އިވެންޓުތަކަށް ބަލާއިރު، ފިރިހެން 800 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ ހުސައިން ރިޒާ އާއި ހުސައިން ފަޒީލް ހާރޫން ވާދަކޮށްފައިވެއެވެ. ހަތަރުވަނަ އަށް ރިޒާ ނިންމާލިއިރު، ފަޒީލް ވަނީ ހަވަނައިގައި ރޭސް ނިންމާފައެވެ. މީގެއިތުރުން، އަންހެން 800 މީޓަރު ދުވުމުގެ ފައިނަލުގައި ފަސޫހާ އަހުމަދު ވާދަކޮށްފައިވެއެވެ. މި އިވެންޓުން ފަސޫހާ އަށް ލިބުނީ ނުވަ ވަނަ އެވެ.

ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ ފިރިހެން ޓީމް ރިލޭ އިވެންޓުގައިވެސް ރާއްޖެއިން ވަނީ ވާދަކޮށްފައެވެ. މި އިވެންޓުގައި ރާއްޖެއިން ދުވެފައިވަނީ ހުސައިން ޒީކް ސުއާދު، ހުސައިން ރިޒާ، ހަސަން ސާއިދު އަދި އަބްދުލް ރަޝީދު އިސްމާއިލް އެވެ. މި އިވެންޓުން ރާއްޖެއަށް ލިބުނީ ހަތްވަނަ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރުގެ މިކްސް ރިލޭ ޓީމާއި ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ އަންހެން ރިލޭ ޓީމުންވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ބައިން ރާއްޖޭގެ އަބްދުއްރައްޒާގު އާއި ފާތިމަތު އިބްރާހިމްވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

- ކޮމެންޓް