ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 21:09
ރާއްޖޭގެ އަންހެން ރިލޭ ޓީމް: ފޮޓޯ- މުހައްމަދު ޝާބިން / އެމްއޯސީ
ރާއްޖޭގެ އަންހެން ރިލޭ ޓީމް: ފޮޓޯ- މުހައްމަދު ޝާބިން / އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި
 
ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޓީމްގައި ދުވެފައިވަނީ ހިމްނާ، ރޫޔާ، އަހްނާ އަދި އަލްހާ

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ އަންހެން ޓީމް ރިލޭ ގައި ވާދަކޮށް ރާއްޖޭގެ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

ހުކުރު ދުވަހު ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޓީމްގައި ދުވެފައިވަނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިން އެވެ. ގައުމީ ޓީމުން ތިންވަނަ ހޯދާފައިވަނީ 47.03 ސިކުންތުން ރޭސް ނިންމައިގެނެވެ. 44.82 ސިކުންތުން ނިންމައި، ރަން މެޑަލް ހޯދާފައިވަނީ މަޑަގަސްކަރައެވެ. އަދި 46.56 ގެ ޓައިމިން އަކާއެކު ރިހި މެޑަލް ހޯދީ މޮރިޝަސް އެވެ.

އަންހެން ޓީމް ރިލޭގައި އިތުރަށް ވާދަކޮށްފައިވަނީ ރިޔޫނިއަން އާއި ސީޝެލްސް އެވެ. މަޔޯޓް އާއި ކޮމޮރޮސް އިން މި އިވެންޓުގައި ދުވެފައެއް ނުވެއެވެ.

ހުކުރު ދުވަހު ކުރިޔަށްދިޔަ ފިރިހެން 200 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ ހަސަން ސާއިދު އާއި މުހައްމަދު މިންހާލް ޝާމިން ވަނީ ވާދަކޮށްފައެވެ. 21.58 ސިކުންތުން ނިންމައި، ސާއިދަށް ލިބިފައިވަނީ ފަސްވަނަ އެވެ. އަދި 22.55 ސިކުންތުން ނިންމައި، މިންހާލް އަށް ލިބިފައިވަނީ އަށްވަނަ އެވެ.

ރާއްޖޭގެ އާމިނަތު ލަޔާނާ މުހައްމަދު ވަނީ އަންހެން 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފައެވެ. 26.30 ސިކުންތުން ނިންމައި، ލަޔާނާ އަށް ލިބުނީ އަށްވަނަ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރުގެ މިކްސް ރިލޭ ޓީމުންވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ބައިން ރާއްޖޭގެ އަބްދުއްރައްޒާގު އާއި ފާތިމަތު އިބްރާހިމްވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް