ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 19:44
ޑަބަލްސް ފައިނަލަށްފަހު ރަފާ އާއި ދީމާ
ޑަބަލްސް ފައިނަލަށްފަހު ރަފާ އާއި ދީމާ
އެމްއޯސީ
އައިއޯއައިޖޯ
އައިއޯއައިޖީ: މިފަހަރުވެސް ފައިނަލުގައި ރަފާ އާއި ދީމާ، ފިރިހެން ފައިނަލަށް ޝައްފާން
މިއާއެކު ރާއްޖެއަށް ވަނީ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓުންވެސް ތިން މެޑަލް ޔަގީންވެފައި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ފައިނަލުން މިފަހަރުވެސް އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ޖާގަހޯދިއިރު، ފިރިހެން ސިންގަލްސް ފައިނަލުން މުހައްމަދު ޝައްފާން އިސްމާއިލް ޖާގަހޯދައިފިއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރުގެ މުބާރާތުގެވެސް ފައިނަލުގައި ވާދަކޮށްފައިވަނީ ރަފާ އާއި ދީމާ އެވެ. އެ މުބާރާތުން ރަފާ ބަލިކޮށް ރަން މެޑަލް ހޯދާފައިވަނީ ދީމާ އެވެ. މީގެއިތުރުން، މިއީ ފިރިހެން ސިންގަލްސް ފައިނަލުން ޝައްފާން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ދީމާ ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީ ގައި މޮރިޝަސްގެ ކިނޫ، ސީދާ ހަތަރު ސެޓުން ބަލިކުރުމަށްފަހުއެވެ. ދީމާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 11-6، 11-3، 11-4 އަދި 12-10 ގެ ނަތީޖާއަކުންނެވެ.

ސެމީގައި ރަފާވެސް ވާދަކޮށްފައިވަނީ މޮރިޝަސްގެ ކުޅުންތެރިޔަކާއެވެ. މޮރިޝަސްގެ ޖަލިމް ކައިރިން ރަފާ މޮޅުވެފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު 11-7 ން ކާމިޔާބުކުރީ ޖަލިމް އެވެ. ނަމަވެސް، ރަފާ ވަނީ ޖެހިގެން އައި ހަތަރު ސެޓު ކާމިޔާބުކޮށް، ފައިނަލުން ޖާގަ ހޯދާފައެވެ. ރަފާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 12-10، 11-6، 11-9 އަދި 11-9 ގެ ނަތީޖާއަކުންނެވެ.

ޝައްފާން ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީގައި މޮރިޝަސްގެ ކުޅުންތެރިޔަކު 4-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު 11-1 ން ކާމިޔާބުކުރީ ޝައްފާން އެވެ. ނަމަވެސް، މޮރިޝަސް ކުޅުންތެރިޔާ ވަނީ 11-7 ން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ޝައްފާން ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް، ފައިނަލުން ޖާގަ ހޯދާފައެވެ. އެ ސެޓުތައް ޝައްފާން ކާމިޔާބުކޮށްފައިވަނީ 11-4، 11،8 އަދި 11-7 ގެ ނަތީޖާއަކުންނެވެ.

މިއާއެކު ރާއްޖެއަށް ވަނީ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓުންވެސް ތިން މެޑަލް ޔަގީންވެފައެވެ.

- ކޮމެންޓް