Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 18:54
މަޖިލީހުގެ މެމްބަރުން ކަމަށްވާ ވައްޑެއާއި ސައުދު އަދި އަމީތު، އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން
މަޖިލީހުގެ މެމްބަރުން ކަމަށްވާ ވައްޑެއާއި ސައުދު އަދި އަމީތު، އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން
ރާއްޖެއެމްވީ
ޕީޕީއެމްގެ މައްސަލަ
ވައްޑެ، ސައުދު އަދި އަމީތު ޕީޕީއެމުން ވަކިކޮށްފައިވާކަން އީސީއަށް އަންގައިފި
ވަހީދު ވަކިކޮށްފައިވަނީ މިދިއަ މާރޗް މަހުގެ 28 ވަނަ ދުވަހު
އަމީތު ވަކިކޮށްފައިވަނީ މިދިއަ މާރޗް މަހުގެ 29 ވަނަ ދުވަހު
ސައުދު ވަކިކޮށްފައިވަނީ މިދިއަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމުން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގާފައިވާކަމަށް އެމެމްބަރުން ވިދާޅުވެއްޖެ އެވެ. 

އެ ތިން މެމްބަރުން ޕީޕިއެމުން ވަކިކޮށްފައިވާކަން ޔަގީން ކުރުމަށްޓަކައި އަންގާރަ ދުވަހު މެންދުރު ފަހު އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެމުން ވަހީދު ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކޮށްފައިވަނީ މިދިއަ މާރޗު މަހު 28 ވަނަ ދުވަހު ކަމަށެވެ. އަދި އަމީތު ޕީޕީއެމުން ވަކިކޮށްފައިވަނީ މާރޗު މަހުގެ 29 ދުވަހު އެވެ. ސައުދު ޕީޕިއެމުން ވަކިކޮށްފައިވަނީ މިދިއަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ.

ވަހީދު ވިދާޅުވީ އެ ތިން މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާކަން އެމެމްބަރުންނަށް އެންގުމުގެ އިތުރުން ޕީޕީއެމްގެ ރަސްމީ އީމެއިލުން އިލެކްޝަނަށް ސިޓީއަކުންވެސް އަންގާފައިވާ ކަމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް އެތިން މެމްބަރުންގެ ހާޒިރުގައި ވިދާޅުވެފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ އެ ތިން މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާކަމުގެ ލިޔުން ލިބުނުކަމަށް އެންމެ ބޮޑަށް ޔަގީންވާކަމަކީ އިލެކްޝަންސް ކޮމިޝަނަށް އެ ލިޔުންތައް އެންޓަރ ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

ވަހީދު ވިދާޅުވީ ޕީޕީއެމުން އެ ތިން މެމްބަރުން ވަކި ނުކުރާކަމަށް ދައްކަން ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވެފައިވާކަން ވަރަށް ރަނގަޅަށް ފެންނަން ކަމަށެވެ.

ވަހީދު ވިދާޅުވީ އެ ތިން މެމްބަރުންގެ ޕީޕީއެމް ވަކިކޮށްދިނުމަށް މީގެކުރިން އެދިފައިވީނަމަވެސް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އެބޭފުޅުންނަށް ޖަވާބެއް ދީފައިނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ވަހީދު ވިދާޅުވީ ބުދަ ދުވަހު އެ ތިން މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާކަމުގެ ލިޔުން ލިބޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"ޕީޕީއެމް އޮފީހުން އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމުން ވަކިކޮށްފައިވާ ސިޓީ ފޮނުވާފައިވޭ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އަޅުގަނޑުމެން އޮންނާނެ ޕީޕީއެމްގެ ދަފްތަރުން އަޅުގަނޑުމެން އުނިކޮށްދެއްވުމަށް. އަދި ޕީޕީއިން ވަކިވާ ފޯމު ފުރުމަށްފަހު، އެފޯމް ވެސް އިލެކްޝަނަށްވެސް ވާނީ ލާފަ. މިއިންވެސް އެއްވެސް ލިޔުމަކަށް އަޅުގަނޑުމެންނަށް ޖަވާބެއް ނުދެއްވާ. އެއީ އަޅުގަނޑުމެންގެ ހައްގެއް. އިލެކްޝަންސް ކޮމިޝަން ބުނެފައިވަނީ މާދަމާ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށް،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތަކަށް ލިބެންޖެހޭ ހައްގަކަށް އުނިކަން އަންނާނެ ގޮތަކަށް އެއްވެސް މިނިވަން މުއައްސަސާއަކުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކަކީ ދިވެހިރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދެންޖެހޭ މުއައްސަސާތަކަށްވާއިރު އެކަމުގައި ދެމިތިބުމަށް މިނިވަން މުއައްސަސާތަކަށް އަމީތު ވަނީ ގޮވާލައްވާފަ އެވެ.

"އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ފޯރުކޮށްދެންޖެހޭ މިންވަރަށް ފޯރުކޮށްދީފައިނުވާތީ ކަންބޮޑުވަން. މައުލޫމާތު ހޯދުމާއި ލިބިގަތުގެ ގާނޫނުގެ ދަށުން އެމައުލޫމާތުތައް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން،" ސައުދު ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވުމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އެބޭފުޅުން ނަން އޮތްނަމަ އުނިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވީނަމަވެސް މިއަދާ ހަމައަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

ސަރުކާރުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް އޮތް މިންވަރު މިކަމުންވެސް ހާމަވެގެންދާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް