ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ކޮންމެ ކެންޑިޑޭޓަކުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުއްޓުމެއްނެތި ރައްޔިތުންގެ އަރިހަށް ވަޑައިގެން ތާއީދު ހޯއްދެވުމަށެވެ.
މިފަދަ ދަނޑިވަޅެއްގައި ވާދަވެރި ކެންޑިޑޭޓުންނަށްވުރެ މޮޅު ވާހަކަފުޅެއް ދެއްކެވޭތޯ ކޮންމެ ކެންޑިޑޭޓަކުވެސް ބައްލަވައެވެ. އެ ގޮތުން، ރަށްރަށުގެ ކެމްޕޭން ބައްދަލުވުންތަކުގައާއި، ޖަލްސާތަކުގެ ޕޯޑިއަމްދޮށުގައި ހުންނަވައި މި ކަނޑުއްވާ ސަޅިބައިސާތަކަކީ އައު ކަމަކަށް ހަމަ ގައިމުވެސް ދިވެހި ރައްޔިތުންނަކަށް ނުވާނެވެ. އެ ބޭފުޅުން މި ދައްކަވާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ދައްކަވާ ވާހަކަފުޅުތަކެއް ނަމަވެސް، ބައެއް ފަހަރު ވިދާޅުވެވޭ ވާހަކަފުޅުތަކަކީ ޚުދު އެ ބޭފުޅުންނަށްވެސް ފަހުމުވެވަޑައިނުގެން ދެއްކެވޭ ވާހަކަފުޅުތަކެކެވެ.
ނިކަން ބައްލަވާށެވެ! މި ކެންޑިޑޭޓުންގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކޮންމެ ފަހަރަކުވެސް ދިވެހި ރައްޔިތުން ބޮޑު އަކުރުން 'ނޯ' ޖަހާއިރުވެސް، އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓަކު ފެނިގެން އެބަދެއެވެ. އެ މަނިކުފާނުގެ ހިތްޕުޅަށް ތަސައްލީއެއް ނުލިބޭ މިންވަރު ސާފުކޮށް ހާމަވެގެންދެއެވެ.
އެހެން ފަހަރުތަކާ ޚިލާފަށް، މިފަހަރު އެމަނިކުފާނު ކުރިމަތިލައްވާފައި މިވަނީ 'ހުރިހާ ކަމެއް ފުރިހަމަވެވަޑައިގެން' ހުންނަވައި ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ދާދި ފަހަކުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް، އަޅުގަނޑަށް ފަހުމުނުވެގެން މި އުޅެނީ، މި ކަމަނާ މި ވިދާޅުވާ 'ހުރިހާ ކަމެއް ފުރިހަމަ ވެވަޑައިގެންފައިވާ' ބޭފުޅަކު އިންތިޚާބުގައި ވާދަ މިކުރައްވަނީ ކޮން އެއްޗެއް އުނިވެގެންކަމެވެ. ހަމަ ހަގީގަތުގައިވެސް އެ މަނިކުފާނު އެ އުޅުއްވަނީ ރައްޔިތުންނަށް ހެޔޮ އެދިގެން، ރައްޔިތުންނަށް އޮތް ލޯބި ކޮޅުންލައިގެންތޯއެވެ؟ ގައުމުދެކެ ވެވަޑައިގަންނަވާ ލޯބިންތޯއެވެ؟ ނޫނީ ވެރިކަމުގެ ދަހިވެތިކަމުގައިތޯއެވެ؟
ކޮވިޑުގެ ނުރައްކާތެރި ހާލަތުގައި މި ބުނާ ރައްޔިތުންދެކެ ލޯބިފުޅުވާ، ރައްޔިތުންނަށް އޯގާތެރި މަނިކުފާނު ކަންކުރެއްވި ގޮތް ނިކަން ބައްލަވާށެވެ! އެ ހާލަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބިކަހާލުގައި ޖެއްސެވީވެސް ހަމަ ރައްޔިތުންނާއި މުވައްޒަފުން ދެކެ ވެވަޑައިގަންނަވާ ލޯބިންތޯއެވެ؟
ރައްޔިތުންނަށް އެންމެ ހިތް ދަތިކަން ލިބުނު ވަގުތުގައި ވަޒީފާއިން ވަކިކުރައްވައި، މުސާރަ ނުދެއްވައި ހާލުގައި ޖެއްސެވީވެސް ހަމަ ވެވަޑައިގަންނަވާ ލޯބިންތޯޢެވެ؟ އަހަރެއްހާ ދުވަސްވަންދެން، ދާއިރާގެ ރައްޔިތުން މެމްބަރަށް ހަވާލުކުރެއްވި ޒިންމާވެސް އަދާނުކުރައްވައި ރިސޯޓުގައި ހުންނެވީވެސް ހަމަ ގައުމަށް އޮތް ލޯބިފުޅުގެ ބޮޑުކަމުންތޯއެވެ؟ އެއާ ޚިލާފަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށްލައްވައި ބިކަހާލު ޖެހުނަނުދެއްވައި އޯގާތެރިކަމާއެކު އެންމެ ގާތުން ބެލެހެއްޓެވީ ކޮން ބޭފުޅެއްތޯއެވެ؟ އާދެ! އަދުގެ ރައީސް, ރައީސް ސާލިހް ނޫންތޯއެވެ!
ކޮންމެއަކަސް، ދައުލަތުގެ އެކިއެކި މަގާމުތަކުގައި އުޅުއްވާ ބޭފުޅުންނަކީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށާއި ގަވާއިދުތަކަށް އަހުލުވެރިވެވަޑައިގެން ތިއްބެވި ބޭބޭފުޅުންނެވެ. ނުވަތަ އަހުލުވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭބޭފުޅުންނެވެ. ފުންނާބު އުސް ބޭބޭފުޅުންނެވެ. އަދި ގާނޫނުތައް މާނަކުރައްވަން ދެނެވަޑައިގަންނަވާނީ ވެސް ހަމަ އެ ބޭބޭފުޅުންނެވެ. އެހެންނަމަވެސް މިހާރު ހިނގަމުންދާ ކަންކަމާމެދު އެއްޗެއް ދަންނަވާލަން މި ޖެހުނީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނާފަދައިން ނިކަމެތި އަޅުގަނޑަށްވެސް ބާރެއް ލިބިފައި އޮންނާތީއެވެ.
އަނބިއަނބިކަނބަލުންގެ ގޮތުން ފުރިހަމަފުޅުކަމަށް ތިޔަ ވިދާޅުވަނީ އެ މަނިކުފާނުގެ ދިރިއުޅުމުގެ ގޮނޑިކޮޅުތައް ފުރުއްވަން ކުރެއްވި މަސައްކަތާއި އަދި އެ ގޮނޑިކޮޅުތަކުގައި ތިއްބެވި މެމްބަރުން ބަލަހައްޓަވަން ކުރައްވާ މަސައްކަތްޕުޅަކީ، މުޅި ގައުމާއި ހަވާލުވެވަޑައިގެން ރާއްޖޭގެ ރައްޔިތުން ބެލެހެއްޓެވުމާ އެއް ހަމައެއްގެ ކަމެއްތޯ ކަމަނާއަށް ހީފުޅުވެފައި އޮތީތޯއެވެ؟ ކަމަނާއަށް ތަންދޮރު އޮޅުންފިލާވަޑައިގެން ހުންނަވާ ހާލުކޮޅުގައި ތިޔަ ވިދާޅުވާ ކަންކަމަށް އަޅުގަނޑު ބުނެލަން އޮތީ 'ނޭނގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް' މިހެންނެވެ.