ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 20:44
ރާއްޖޭގެ މުހައްމަދު އަޖްފާން ރަޝީދު: ފޮޓޯ-އެމްއޯސީ/ސުއާދު އަބްދުއް ސައްތާރު
ރާއްޖޭގެ މުހައްމަދު އަޖްފާން ރަޝީދު: ފޮޓޯ-އެމްއޯސީ/ސުއާދު އަބްދުއް ސައްތާރު
އައިއޯއައިޖީ
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
ފިރިހެން ސިންގަލްސްގެ ގަދަ 16 ގައި ރާއްޖެއިން ހަތަރު ކުޅުންތެރިންނާއި އަންހެން ސިންގަލްސްގެ ގަދަ 16 ގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކުރާނެ
މިކްސް ޑަބަލްސްގެ ގަދަ 16 ގައި ރާއްޖޭގެ ހަތަރު ޕެއާ ވާދަކުރާނެ

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން ސިންގަލްސް އަދި މިކްސް ޑަބަލްސްގެ ގަދަ 16 ބުރުން ރާއްޖޭގެ ކުޅުންތެރިން ފުރުސަތު ހޯދައިފިއެވެ.

ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި އަހުމަދު ނިބާލް އަދި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގު (ނަބާ) އާއި އައިމިނަތު ނަބީހާ އަބްދުއް ރައްޒާގު (ނަބީ) ވަނީ ފުރަތަމަ ބުރުގައި ވާދަނުކޮށް، ސީދާ ގަދަ 16 އަށް ކޮލިފައި ވެފައެވެ. އަދި މިކްސް ޑަބަލްސްގެ ގަދަ 16 އަށްވެސް ޒަޔާން އާއި ނަބާގެ ޕެއާގެ އިތުރުން ނިބާލް އާއި ނަބީގެ ޕެއާ ވަނީ ކޮލިފައި ވެފައެވެ.

ބުދަ ދުވަހު ކުޅެފައިވަނީ ސިންގަލްސް އަދި މިކްސް ޑަބަލްސްގެ ފުރަތަމަ ބުރުގެ މެޗުތަކެވެ. ރާއްޖެއިން ވާދަކުރި ހުރިހާ ކުޅުންތެރިންވެސް ވަނީ މެޗު ކާމިޔާބުކޮށް، ގަދަ 16 ބުރުން ފުރުސަތު ހޯދާފައެވެ.

ފިރިހެން ސިންގަލްސްގައި މުޙައްމަދު އަޖުފާން ރަޝީދު ވަނީ ސީދާ ދެ ސެޓުން މަޔޯޓްގެ ކޮރެންޓިން ބަލިކޮށްފައެވެ. އަޖުފާން ދެ ސެޓުވެސް ކާމިޔާބުކުރީ 21-2 ގެ ނަތީޖާއަކުންނެވެ. އަޖުފާންގެ އިތުރުން ފިރިހެން ސިންގަލްސްގެ މި ބުރުގައި ރާއްޖެއިން ވާދަކޮށްފައިވަނީ އަހުމަދު ތާއިފް މުހައްމަދެވެ. ސީޝެލްސްގެ ޖެއި ލުއޯ އާ ވާދަކޮށް، ތާއިފް މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު 21-19 އިން ތާއިފް ކާމިޔާބުކޮށްފައޮވާއިރު، ދެވަނަ ސެޓު 21-19 އިން ކާމިޔާބުކުރީ ސީޝެލްސް ކުޅުންތެރިޔާ އެވެ. ފަހު ސެޓު ތާއިފް ކާމިޔާބުކުރީ 30-29 ގެ ނަތީޖާއަކުންނެވެ.

އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި ރާއްޖެއިން ވާދަކޮށްފައިވަނީ އައިޝަތު ޝަހުރުނާޒް މޫސާ އާއި އައިޝަތު އަފްނާން ރަޝީދު އެވެ. ރިޔޫނިއަންގެ މަރީނާ އާ ވާދަކޮށް އަފްނާން މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 21-11 އިން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 21-16 އިންނެވެ. ޝަހުރުނާޒްވެސް ވަނީ ސީދާ ދެ ސެޓުން މަޔޯޓްގެ ސާރާ ބަލިކޮށްފައެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 21-6 އަދި 21-4 އިންނެވެ.

މިކްސް ޑަބަލްސްގެ ފުރަތަމަ ބުރުގައި އަޖުފާން އާއި މައިސާ ފަތުހުﷲ އިސްމާއިލް ވަނީ ސީދާ ދެ ސެޓުން މަޔޯޓްގެ ޕެއާ ބަލިކޮށްފައެވެ. ރާއްޖޭގެ ޕެއާ އިން ސެޓުތައް ކާމިޔާބުކުރީ 21-3 އަދި 21-8 އިންނެވެ. މި ބުރުގައި ރާއްޖޭގެ ތާއިފް އާއި އަފްނާންގެ ޕެއާވެސް ވަނީ މަޑަގަސްކަރައިގެ ޕެއާ ކައިރިން ސީދާ ދެ ސެޓުން މޮޅުވެފައެވެ. ސެޓުތައް ކާމިޔާބުކޮށްފައިވަނީ 21-9 އަދި 22-20 ގެ ނަތީޖާއަކުންނެވެ.

މިއާއެކު، ފިރިހެން ސިންގަލްސްގެ ގަދަ 16 ގައި ރާއްޖެއިން ހަތަރު ކުޅުންތެރިންނާއި އަންހެން ސިންގަލްސްގެ ގަދަ 16 ގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކުރާނެއެވެ. މީގެއިތުރުން، މިކްސް ޑަބަލްސްގެ ގަދަ 16 ގައިވެސް ރާއްޖޭގެ ހަތަރު ޕެއާ ވާދަކުރާނެއެވެ.

މިއަހަރުގެ މުބާރާތުގައި ގައުމީ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމުންވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ.

- ކޮމެންޓް