ދިފާއުގައި ދަނޑަށް އެރުމުގެ ހުއްދަދީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ހާއްސަ ސެކިއުރިޓީ އޮފިސަރެއް އޭނާގެ ކުލަބު އިންޓަމިއާމީއިން ހަމަޖައްސައިފި އެވެ.
މި ސެކިއުރިޓީ އޮފިސަރަށް ވަނީ ވަރަށް ގިނަ ބާރުތަކެއްދީފަ އެވެ. މި ގޮތުން އެންމެ ހާއްސަ ކަމަކީ މެސީ އަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ރެފްރީގެ އިޝާރަތާކާނުލައި ވެސް ދަނޑަށް އެރުމުގެ ހުއްދަ ދީފައިވުމެވެ. މިހެންވެ ދަނޑުގައި މެސީ ހުންނަ ދިމާލު ބޭރުގައި އެސިސްޓެންޓް ރެފްރީއާ ވަރަށް ގާތުގައި ހުރެ، މެސީ ފޮލޯކުރަމުން އޭނާ ހިނގާނެ އެވެ. މިހެންވެ އޭނާ އަކީ ދެވަނަ ލައިންސްމަނެއް ވެސް ހީވެދާނެ އެވެ. މެސީގެ ސެކިއުރިޓީ އޮފިސަރަކީ އެމެރިކާގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޔާސީން ޗުއެކޯ ކިޔާ މީހެކެވެ.
މެޗުތަކުގެ އިތުރުން ފަރިތަކުރުންތަކުގައާއި ޗޭންޖިން ރޫމާއި މެޗު ވާމްއަޕް ކުރާއިރު އާއި މެސީ ހަރަކާތްތެރިވާ ހުރިހާ ހިސާބެއްގައި ސެކިއުރިޓީ އޮފިސަރު ނުވަތަ ގާޑް ހަރަކާތްތެރިވާނެ އެވެ. މި ގޮތަށް ހަމަޖެއްސީ މެސީ ކުޅޭ މެޗުތަކުގެ ޑިމާންޑްބޮޑުވެ، އޭނާއާ ބައްދަލުކުރަން ބޭނުންވާ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ބައެއް ސަޕޯޓަރުން ދަނޑަށް އެރުމާއި، މެސީ ދަތުރުކުރާ އުޅަނދާ ކައިރިވާން މަސައްކަތް ކުރާވަރުންނެވެ.
ބާސެލޯނާގައި 20 އަހަރު ހޭދަކުރުމަށްފަހު ފާއިތުވެދިޔަ ދެ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށްފަހު މެސީ އެމެރިކާ ލީގަށް ބަދަލުވުމާއެކު އެލީގުގައި ވާދަކުރާ ކުލަބުތަކަށް ވެސް ވަނީ ސެކިއުރިޓީ ވަރުގަދަ ކުރަންޖެހިފަ އެވެ. އެއީ އިންޓަމިއާމީއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީއާ ކައިރިވާން ބޭނުންވާ ސަޕޯޓަރުންގެ ކިބައިން އޭނާ ސަލާމަތްކުރުމަށެވެ.
މިގޮތުން ސްޓޭޑިއަމް ސެކިއރިޓީ ވަރުގަދަކޮށް، ސްޓޭޑިއަމުގެ ބޭރާއި މުޅި ހިސާބު ޕެޓްރޯލް ކުރުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އިންޓަމިއާމީން ވަނީ މެސީ އަށް ހާއްސަ ހިމާޔަތެއް ދިނުމަށްޓަކައި އެކުލަބުގެ ޓްރޭނިން ދަނޑުގައި އިތުރު ފެންސެއްވެސް ޖަހައިފަ އެވެ. އަދި ޕްރެކްޓިސް ކުރާއިރު ވެސް އެހިސާބުގައު ފޯރިމަރާނެ އެވެ. އެއީ ވެސް މެސީއާ ބައްދަލުކުރުމަށް އެދޭ މީހުން ގިނަވެ، ކުރިމަތިވެދާނެ ނުރައްކަލަކުން އޭނާ ހިމާޔަތްކުރުމަށެވެ.
އިންޓަމިއާމީ އަށް މެސީ ބަދަލުވިއިރު އެކަމަށް އެމެރިކާ ލީގާއި އެކުލަބު ވެސް ތައްޔާރުވެފައިނުވާ ކަމަށް މިއާމީގެ ކުޅުންތެރިއަކު ވެސް ބުންޏެވެ. އޭނާ ބުނީ އިންޓަމިއާމީ އަކީ ސްޓޭޑިއަމްގައި ރަނގަޅު ގޭޓެއްވެސް ނެތް ކުލަބެއް ކަމަށާއި ސަލާމަތީގޮތުން މެސީ އަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިވާހަކަތަކާ ގުޅިގެން ކުލަބުން އޭނާގެ ކޮންޓްރެކްޓް އުވާލި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދާފައިވާ މެސީ އަށް ހާއްސަ ސެކިއުރިޓީ އެއް ހަމަޖެއްސިއިރު އޭނާ އެމެރިކާ ލީގުގެ މެޗުތައް ކަވަރުކުރާ ނޫސްވެރިންގެ އަދަދު ގިނަވެ ޕްރެސް ރޫމްވެސް ވަނީ ބޮޑުކުރަންޖެހިފަ އެވެ. އިންޓަމިއާމީގެ ޕްރެސްރޫމުގެ ޖާގަ އަކީ 60 ނުވަތަ 70 ގޮނޑި އެވެ. ނަމަވެސް މެސީ ކުޅޭ މެޗުތަކަށް 400އާ ގާތަށް ނޫސްވެރިން ވަންނަ ކަމަށް ވެސް އެމެރިކާ ލީގުން ވަނީ ބުނެފަ އެވެ.
އިންޓަމިއާމީގެ ވެރިންގެ ތެރޭގައި މަޝްހޫރު ޑޭވިޑް ބެކަމް ވެސް ހިމެނެ އެވެ. އޭނާ އެމެރިކާ ލީގަށް ބަދަލުވުމާއެކު ވެސް މީޑިއާތަކުގެ ޑިމާންޑްބޮޑުވި އެވެ. މިހެންވެ ވަކިވަކިން ގިނަ ޕްރެސްތަކެއް ދޭން ޖެހުނެވެ. ނަމަވެސް މެސީ އައުމާއެކު ނޫސްވެރިންގެ އަދަދު އިތުރުވެފައިވަނީ ނުކަތާ ވަރަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.