މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި މޮޅެއް ނުލިބި, ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ދެޓީމާއި, ހޭންޑްބޯޅަ ދެޓީމަށްވެސް ގޭމްސް ނިމިއްޖެއެވެ.
ގޭމްސްގައި ފުރަތަމަ ދެ މެޗުން ބަލިވެ, ފިރިހެން ވޮލީ ޓީމްގެ ކުރިން އަންހެން ޓީމް ވަނީ ކަޓާފައެވެ. ފިރިހެން ވޮލީ ޓީމަށް ކުރިއަށް ދިއުމުގެ ފުރުޞަތު ބަންދުވީ ދެވަނަ މެޗުގައި އަންގާރަ ދުވަހު ޏަދަގަސްކަރަ އަތުން ބަލިވުމުންނެވެ. މަޑަގަސްކަރަ އަތުން ބަލިވީ ފުރަތަމަ ސެޓް ރާއްޖެއިން ހޯދާފައި ވަނިކޮށް, ޖެހިގެން އައި ތިން ސެޓްވެސް ގެއްލުމުންނެވެ. މެޗުން މަޑަގަސްކަރަ މޮޅުވީ 3-1 ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 20-25, 25-19, 25-20, 25-21 ނެވެ. މިމެޗުގެ ކުރިން ރާއްޖޭގެ ފިރިހެން ވޮލީޓީމް ވަނީ ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުންވެސް 3-1 ސެޓުން ބަލިވެފައެވެ.
ޤައުމީ ހޭންޑްބޮޅަ ފިރިހެން ޓީމް މުބާރާތުން ކެޓީ އަންގާރަ ދުވަހު މަޑަގަސްކަރަ އަތުން ބަލިވެގެންނެވެ. މެޗުން ރާއްޖެ ބަލިވީ 42-23 ނެވެ. އެމެޗުގެ ކުރިން ރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމް ވަނީ ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން ބަލިވެފައެވެ. އެމެޗުން ބަލިވީ 43-32 ނެވެ. ދެވަނަ މެޗުގައި މޮރިޝަސް އަތުންވެސް ބަލިވީއެވެ. އެމެޗުން ބަލިވީ 28-21 ނެވެ. އަންހެން ޓީމްވެސް ވަނީ ދެ މެޗުންވެސް ބަލިވެފައެވެ.