ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 15:58
ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު
ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް
ގައުމީ ޓީމުން ސީޝެލްސްގެ މައްޗަށް ކުރިހޯދާފައިވަނީ 82-27 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބޮޑުތަފާތަކުން ސީޝެލްސްގެ މައްޗަށް ކުރިހޯދާ، ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގުރޫޕު ސްޓޭޖުގައި ގައުމީ ޓީމު ފުރަތަމަ ވާދަކޮށްފައިވަނީ ރިޔޫނިއަން އާއެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 85-34 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު ފިލާވަޅުތަކާއި ތަޖުރިބާތަކާއެކު ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ގައުމީ ޓީމުން ސީޝެލްސްގެ މައްޗަށް ކުރިހޯދާފައިވަނީ 82-27 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ވާދަވެރި ކުޅުމެކެވެ. މި ކުއާޓާ ނިމުނުއިރު، ރާއްޖެއިން ވަނީ 17-7 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ދެވަނަ ކުއާޓާ ފެށުނީއްސުރެ، ގައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައެވެ. މި ކުއާޓާގައި ރާއްޖެއިން 23 ޕޮއިންޓް ސްކޯ ކޮށްފައިވާއިރު، ސީޝެލްސް އަށް ސްކޯ ކުރެވުނީ ހަތް ޕޮއިންޓެވެ. ދެވަނަ ކުއާޓާ ނިމުނުއިރު، ރާއްޖެއިން ވަނީ 40-14 ގެ ނަތީޖާއަކާއެކު، ފަރަގު ބޮޑުކޮށްފައެވެ.

ގައުމީ ޓީމުން އެންމެ ގިނަ ޕޮއިންޓު ސްކޯ ކޮށްފައިވަނީ ތިންވަނަ ކުއާޓާގައެވެ. އެގޮތުން، މި ކުއާޓާގައި ގައުމީ ޓީމުން ވަނީ 26 ޕޮއިންޓު ސްކޯކޮށް، 42 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ކުއާޓާ ނިމުނުއިރު، ގައުމީ ޓީމު ކުރީގައި އޮތީ 66-22 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަހު ކުއާޓާގައިވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުން މޮޅުވިއިރު، ރާއްޖެއަށް ވަނީ 55 ޕޮއިންޓުގެ ތަފާތުން ކުރި ލިބިފައެވެ. މި މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓު ސްކޯ ކޮށްދީފައިވަނީ އައިޝަތު އިނާޝާ އެވެ. އޭނާ ވަނީ ޖުމްލަ 25 ޕޮއިންޓް ސްކޯ ކޮށްފައެވެ. މީގެއިތުރުން، އާމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އާމިނަތު އިސްރާއު އަބްދުއްޝުކޫރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބުނީ ގުރޫޕު ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނަ ލިބުނީ ރިޔޫނިއަން އަށެވެ. ސެމީގައި ވާދަކުރަން ޖެހޭ ޓީމު ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ގުރޫޕު އޭ ގެ މެޗުތަކަށްފަހުއެވެ.

ފައިވް އޮން ފައިވް އަންހެން ޓީމުގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ތުރީ އޮން ތުރީ އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ޓީމެވެ. ތުރީ އޮން ތުރީ ދެ ޓީމުންވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

- ކޮމެންޓް