އަޔެކްސްގެ މިޑްފީލްޑަރު މުހައްމަދު ކުޑުސް، 38 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމްއަށް ސޮއިކޮށްފިއެވެ.
އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ވަނީ ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި ބުރާސްފަތި ދުވަހު ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން އަޔެކްސް މޮޅުވި މެޗުގައި ހެޓްރިކް ހަދާފައެވެ.
ކުޑުސް ބުނީ، ޕްރިމިއަރ ލީގު ފަދަ ލީގެއްގައި ކުޅުމަކީ ކުޑައިރުންސުރެ ދެކުނު ހުވަފެނެއް ކަމަށެވެ. އަދި ވެސްޓް ހޭމްއަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ. މި މަހުގެ ކުރީކޮޅު ބްރައިޓަން އިންވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް، އޭނާ ނިންމީ ވެސްޓް ހޭމް އަށް ބަދަލުވުމަށެވެ.
ކުޑުސް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ 2018 ވަނަ އަހަރު ޑެންމާކުގެ ކުލަބަކާ އެކުއެވެ. އެޔަށްފަހު، 2020 ވަނަ އަހަރު އަޔަކްސް އަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ޓީމަށް 87 މެޗު ކުޅެދީ، 27 ލަނޑު ޖަހައިދީފައެވެ. މީގެއިތުރުން އޭނާ ވަނީ ނެދަލެންޑްސް ލީގު ދެފަހަރު ކާމިޔާބުކުރުމަށް ޓީމަށް އެހީތެރިވެދީފައެވެ.
ގާނާގެ ގައުމީ ޓީމަށް ކުޑުސް ކުޅެން ފެށީ 2019 ވަނަ އަހަރުއެވެ. އެޔަށްފަހު އޭނާ ވަނީ ގައުމީ ޓީމަށް 24 މެޗު ކުޅެ، ހަތް ލަނޑު ޖަހައިދީފައެވެ. މިދޔަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ވަނީ ގާނާގެ ހުރިހާ މެޗެއްގައި ކުޅެފައެވެ. ދެކުނު ކޮރެއާ ކައިރިން 3-2 ން މޮޅުވި މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފައެވެ.
ކުޑުސް އަކީ އަޔެކްސް އިން ވެސްޓް ހޭމްއަށް ބަދަލުވި ދެވަނަ ކުޅުންތެރިޔާ އެވެ. ދާދި ފަހުން، ވެސްޓް ހޭމް އިން ވަނީ އެޑްސަން އަލްވަރޭޒް 35 މިލިއަން ޕައުންޑަށް ގެނެސްފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މި ހޫނުމޫސުމުގައި އެ ޓީމަށް ސޮއިކުރީ ސައުތެމްޓަންގެ ކުރީގެ ކެޕްޓަން ޖޭމްސް ވާޑް ޕްރޯސް އާއި ސްޓުޓްގާޓް އަށް ކުޅުނު ޑިފެންޑަރު ކޮންސްޓަންޓިނޯސް މަވްރޮޕަނޯސް އެވެ.
އައު ސީޒަން ފެށިގެން، ވެސްޓް ހޭމް އޮތީ ރަނގަޅު ފޯމެއްގައެވެ. ފުރަތަމަ މެޗުގައި ބޯންމައުތު ކައިރިން އެއްވަރުވި ނަމަވެސް، ޖެހިގެން އައި ދެ މެޗުން ޗެލްސީ އާއި ބްރައިޓަން ކައިރިން 3-1 ން ވަނީ މޮޅުވެފައެވެ. ވެސްޓް ހޭމް މިވަގުތު އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ކުރިޔަށް ދެން އޮންނާނީ ހޮނިހިރު ދުވަހު ލޫޓަން ޓައުން އާ ދެކޮޅަށް ކުޅޭ މެޗެވެ.