ފޮރިން ސެކްރެޓަރީގެ މަޤާމަށް މ ވެސްޓްސައިޑް އަހުމަދު ސަރީރު ރައީސް އަބްދުﷲ ޔާމީން އަންގާރަދުވަހު އައްޔަނު ކުރައްވައިފިއެވެ.
އަހުމަދު ސަރީރު މި މަގާމަށް އައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އަހުމަދު ސަރީރު މިހާތަނަށް ހުންނެވީ އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގައެވެ. އެ މަޤާމު އޭނާ ފުރުއްވަމުން ގެންދަވާފައިވަނީ 10 ޑިސެންބަރު 2012 އިން ފެށިގެންނެވެ. މީގެއިތުރުން، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އޭނާ ގެންދެވީ ފުރުއްވަމުންނެވެ.
އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކުގަޔާއި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމުވެސް އަޙްމަދު ސަރީރު ފުރުއްވާފައިވެއެވެ. އަދި ޚާރިޖީ ދާއިރާގައި އޭނާ ފުރުއްވާފައިވާ ބައެއް އެހެން މަޤާމުތަކުގެ ތެރޭގައި ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ 3 ވަނަ ސެކްރެޓަރީކަމުގެ މަޤާމާއި، އ.ދ. ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 2 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމުގެ މަޤާމާއި، އެސިސްޓެންޓް ޑިރެކްޓަރ، ފޮރިން ރިލޭޝަންސް ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑިރެކްޓަރ ކަމުގެ މަޤާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
އަޙްމަދު ސަރީރަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކުރިން ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަލީ ނަސީރު ވަނީ އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމަށާއި، އެމެރިކާއަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.