ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަފްސީލުތައް ހާމަކޮށް، އެ މައްސަލަތައް ތަހުގީގުކޮށް އެމަނިކުފާނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި ފުލުހުންނަށް ހުށަހަޅައިފި އެވެ.
ރައިސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލަތައް އޭސީސީ އާއި ފުލުހުންނަށް އަންގާރަ ދުވަހު ހުށަހަޅާފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިންނެވެ. ޖުމްލަ 10 މައްސަލައެއް ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި ވަނީ ދައުލަތުގެ މިލްކުގައިވާ މުދަލާއި ފައިސާއާއި ތަންތަނުން ނާޖާއިޒު މަންފާ ޙާޞިލުކުރައްވާ ކަމަށް ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.
އެގޮތުން، ދިވެހި ދައުލަތުގެ މިލްކުގައިވާ މުދަލާއި ފައިސާއާއި ތަންތަނުން ނާޖާއިޒު ގޮތުގައި މަންފާ ޙާޞިލުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސައްތައިން ސައްތަ ސަރުކާރުގެ ޙިއްޞާ އޮންނަ ކުންފުނިތައް މެދުވެރިކޮށް މިހާތަނަށް ދިވެހި ތާރީޚުން ފެންނަން އޮތް އެންމެ ބޮޑެތި ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތުގެ ޢަމަލުތައް ހިންގުމަށް ރައީސް ޔާމީނުގެ ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އޮންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަކީ ޓޫރިޒަމް ދާއިރާއާ ގުޅިގެން ދިވެހި ސަރުކާރުން ބޭނުންވާ އިޝްތިހާރުކުރުމާއި މާކެޓިންގގެ ބޭނުމަށް ހިންގަމުންގެންދިޔަ ކުންފުންޏަކަށްވީނަމަވެސް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ޕްރައިވަޓައިޒޭޝަން ބޯޑުން ޢައްޔަނުކުރުވައި، އެކުންފުނިން ޓޫރިޒަމް ޤާނޫނާއި، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވާޢުދުތަކުގެ އިމުގެ ބޭރުން ދިވެހިރާއްޖެގެ ރަށްރަށާއި، ބިންބިމާއި، ފަރުފަރާއި، ހާހަލާއި، ގިރިރި އެކި މީސް މީހުންނާއި ކުންފުނިތަކަށް ކުއްޔަށްދީ، ވިއްކުމަށްޓަކައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ރާވައި، ހިންގައި، ތަންފީޛުކުރުމަށްޓަކައި އުފެއްދި ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއަރއަކީ ރައީސް ޔާމީން ކަމާއި އަދި އެކައުންސިލް ރައީސް ޔާމީން ސީދާ ހިންގަވަމުން ގެންދެވީ ކޯޗެއާރގެ މަޤާމަށް ޢައްޔަނުކޮށްފައިވާ އޭރުގެ ޓޫރިޒަމް މިނިޓަރު އަޙްމަދު އަދީބު މެދުވެރިކޮށްކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ މިލްކުގައިވާ މުދަލާއި ފައިސާއާއި ތަންތަނާ ގުޅުންހުރި ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ބިޑަކާ ނުލައި ޙަވާލުކުރަމުންގެންދިޔައީ ރައީސް ޔާމީނު އިޤްތިޞާދީ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.
އެގޮތުން މިހާތަނަށް އާންމުވެފައިވާ މަޢުލޫމާތުގެ އަލީގައި، ރައީސް ޔާމީނުގެ ސަރުކާރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް 43 ރަށް، ފަޅު، ފަރު ކުއްޔަށްދީ ނުވަތަ ވިއްކާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ބައެއް ރަށްތަކާއި ފަޅުތަކާއި ފަރަށް ދައްކަންޖެހޭ ފުރިހަމަ ކުލި ނުވަތަ އަގާއި. އަދި އެތަންތަނަށް ޤަވާޢިދުން ދައްކަންޖެހޭ "އެކުއިޒިޝަން ފީ" ދެއްކުމަކާ ނުލައި އެތަންތަން ޙަވާލުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުގެ މަތިން ރަށްތަކާއި ފަޅުތަކާއި ފަރު ޙަވާލުކޮށްފައިވަނީ ޢާއިލީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ނުވަތަ މާލީ ގޮތުން ރައީސް ޔާމީނަށް އެހީތެރިވެދޭ ފަރާތްތަކަށް ކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
ދައުލަތުގެ މިލްކުގައިވާ ފައިސާއާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީނަށާއި ރައީސް ޔާމީން ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އެހެނިހެން ފަރާތްތަކަށް ލިބިދެމުން ގެންގޮސްފައިވަނީ މައިގަނޑު ގޮތެއްގައި އެމްއެމްޕީއާރްސީ އާއި އެމްޕީއެލް އާއި އެމްޓީޑީސީ އާއި އަދި ރައީސް ޔާމީނުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންގެ ޢައިލީ މަޞްލަޙަތު ހިމެނޭ އަމިއްލަ ކުންފުނިތައް މެދުވެރިކޮށްގެން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ ބޭނުމަށް ކޮންމެހެން ބޭނުންވާ ޑޮލަރު ކަމަށްބުނެ އެއް މިލިއަން ޑޮލަރު އެމްޓީޑީސީ އިން ހޯދައި އެފައިސާ މޮންޓިލިއަން ނަމަކަށް ކިޔާ ކުންފުންޏަކަށް ލޯނެއްގެ ގޮތުގައި ދޫކުރުމާއި، ދ. އަތޮޅު މާގައުގެ ހެޑްލީސް ރެންޓުގެ ނަމުގައި މޮންޓިލައަންއަށް އިޓަލީގެ ރައްޔިތަކު 2,250,000 (ދެ މިލިއަން ދެލައްކަ ފަންސާސް ހާސް) ޑޮލަރު ދިން ދިނުމުގައި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ކަމާއި؛ މޮންޓިލިއަންގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ގޮތަށް 3,600,000 (ތިން މިލައަން ހަލައްކަ) ރުފިޔާއާއި 6,800,000 (ހަ މިލިއަން އަށްލައްކަ) ޑޮލަރުގެ ފައިސާ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މެދަކާ ހަމައަށް ދައުރުވެފައިވާކަމާއި؛ އަދި 5,000,000 (ފަސް މިލިއަން) ޑޮލަރު ގަތުމުން އެމްޕީއެލް އިން އެމްއެމްޕީއާރްސީ އަށް 77,100,000 (ހަތްދިހަ މިލިއަން އެއްލައްކަ) ރުފިޔާގެ މުޢާމަލާތް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އިސްވެ ބަޔާންކޮށްފައިވާ މުޢާމަލާތްތަކަށް ބަލާއިރު، އެންމެ މުހިންމު އެއްކަމަކީ، ދިވެހި ދައުލަތުގެ މާލިއްޔާއަށް ވަންނަންޖެހޭ ފައިސާގެ ޢަދަދުތައް ހިމަނާ އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ބައެއްް ޗެކްތަކުގައި ނަންޖަހަންޖެހޭ ތަން ހުސްކޮށް ބޭއްވުމާއި، އެމް.އެމް.ޕީ.އާރް.ސީ. ގެ ނަންޖަހާފައިވާ ޗެކްތައް އަމިއްލަ މީސްމީހުންނާއި ކުންފުނިތަކަށް ފައިސާ ނެގޭ ގޮތަށް ނުވަތަ އެފަރާތްތަކުގެ އަމިއްލަ ބޭންކް އެކައުންޓަށް ޗެކް ޖަމާކުރެވޭ ގޮތަށް ޗެކްތައް އެންޑޯޒްކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ." އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ، އެކިއެކި އަމިއްލަ ފަރާތްތަކުން ރައީސް ޔާމީނަށާއި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމަށާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އަށް ނަގުދު ފައިސާ ޙަވާލުކޮށްފައިވާކަމާއި އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް 12 އޮކްޓޯބަރ 2015 ގައި 500,000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
ޤާނޫނުއަސާސީގެ 119 ވަނަ މާއްދާގެ (ހ) ގައި، ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަޞްލަޙަތެއް ބާއްވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް، ރިޕޯޓުގައި ބުނެފައިވަނީ، އެހެންނަމަވެސް، ދައުލަތުގެ ނަމުގައި ހިންގާފައިވާ ގިނަގުނަ މުޢާމަލާތްތަކުގެ މައްޗަށް ރައީސް ޔާމީންގެ މާލީ މަޞްލަޙަތު އޮތްކަމަށް ބަލަންޖެހޭ ކަމަށެވެ.
އަދި މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މައްދާގެ (ށ) އަދި (ނ) އަށް ރިޢާޔަތްކުރާއިރު، ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބް، ރައީސް ޔާމީނަށް ރަން ތާސްބަޔަކާއި އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމަށް 80,000 (އަށްޑިހަ ހާސް) އެމެރިކާ ޑޮލަރުގެ ހުދުކުލައިގެ ބީއެމްޑަބްލިއު ކާރަކާއި 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ އަނގޮޓިއެއް ދިންދިނުމަށާއި، ސައުދީ ސަރުކާރުން ދިވެހި ދައުލަތަށް ހަދިޔާކުރި ކަދުރު، ފާޠިމަތު އިބްރާހިމްގެ ޞަދަޤާތް ފައުންޑޭޝަނުން ނަގައި، އެ ފައުންޑޭޝަނުގެ ނަންޖަހައި ރައްޔިތުންނަށް ބެހިބެހުމަށާއި އަދި ޕީ.ޕީ.އެމް. ގެ ޖަލްސާތަކަށް ޢާންމުން ޙާޟިރުކުރުމަށްޓަކައި ނަގުދު ފައިސާ ދޭދިނުމާއި؛ ރައީސް ޔާމީންގެ އަމިއްލަ ގެ ގ. ދޫވެހި، ސީދާ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް "ރައީސްގެ ރަސްމީ ގެކޮޅު" ގެ ގޮތުގައި ތަރައްޤީކޮށް، ނިންމުމަށްފަހު، މާގިނަ ދުވަސްތަކެއްނުވެ، ރައީސް ޔާމީން އަމިއްލަފުޅަށް ހިލާލީގެއަށް ބަދަލުވެ، ގ.ދޫވެއްސާއި ހ.ނޫފަރު ގޯއްޗާ ލާޖެއްސި ލާޖެއްސުމަށް ބަލާއިރު ގ.ދޫވެހިގެ އަސްލު އަގު އެތައް ގުނައަކަށް އިތުރުވެގެންގޮސްފައިވަނީ ޚުދު ދައުލަތުގެ ފައިސާ ޚަރަދުކުރި ޚަރަދުކުރުމުގެ ސަބަބުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުން ކަމަކަށް އެދިގެންއުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަން އުޅޭ މީހެއްގެ ކިބައިން، އެކަމާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ، ލަސްނުކޮށް އެ އެއްޗެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ ކޮމިޝަނުން ކަނޑައަޅާ ފަރާތަކަށް ރައްދުނުކޮށްފިނަމަ، އަދި އެފަދަ އެއްވެސް އެއްޗެއް ދިނުމަށް ހުށަހެޅުމުން، އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ ކޮމިޝަނުން ކަނޑައަޅާ ފަރާތަކަށް އަންގާފައިނުވުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
ރައީސް ޔާމީން ރަސްމީ ޙައިޘިއްޔަތުން ރަސްމީ ޖަލްސާތަކާއި ޢާންމު އެކިއެކި ބައްދަލުވުންތަކުގައި ދީފައިވާ ޚިޠާބުތަކުގައިވެސް ކޮރަޕްޝަނަށް ހިއްވަރުދޭ ގޮތަށް ވާހަކަ ދައްކާ ހަދާފައިވާ ކަމަށް ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އެގޮތުން، 24 ފެބްރުއަރީ 2016 ވަނަ ދުވަހު އއ.ތޮއްޑޫގައި ރައީސް ޔާމީން ދެއްކި ވާހަކަތަކުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް އަތުން ފައިސާ ނަގަމުން ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދެވުނު ފައިސާއާ ގުޅޭ ގޮތުން "...އެކަމަކު ކާކުތޯ މިއަދު މިތަނުންވެސް އަޅުގަނޑުކައިރީ ވިދާޅުވެ ބައްލަވާ ފައިސާ ފޮއްޗެއް ލިބިއްޖެއްޔާ އޭގައި ނުހިފާނީ ކާކުތޯ؟ އަދި އެ ލިބޭ ފައިސާ އެއީ، އެކަށީގެންވާ ރަނގަޅު ޢަދަދެއްގެ ފައިސާ ވެއްޖެއްޔާ، އެ ފައިސާ ދޭ މީހާކުރެ އަހާނެތޯ ކިހިނެއް ހޯދި ފައިސާއެއް ތޯ؟ ކިހިނެއްތޯ އަހާނީ؟ ޚުދު އަނބި މީހާވެސް ނާހާ، ގޭގެ ޚަރަދު ހިންގަނީ ޙަލާލު ފައިސާއިންތޯ؟ ދެން ކިހިނެތްތޯ މިކަން ކުރާނީ؟..." ވިދާޅުވެފައިވާ ކަމަށެވެ.
ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ނާޖާއިޒު ގޮތުގައި ބާރު ފޯރުވައި ދައުލަތުގެ މިލުކުގައިވާ މުދަލުގެ މައްޗަށް ދައުލަތަށް އޮތް ސިޔާދަތީ ބާރު ބީވެގެންދާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކިއެކި ބިލުތައް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ސިޔާސީ މަޤްޞަދު ޙާޞިލުކުމަށްޓަކައި ޤާނޫނުތައް ހަދައި، ރައީސް ޔާމީން ތަޞްދީޤުކުރެއްވިކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ރައީސް ޔާމިން ބޭނުންފުޅު ވާގޮތަށް ރައްޔިތުންގެ މަޖިލީހުން ބިލްތައް ފާސްކުރަމުން ގެންގޮސްފައިވަނީ ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ކޯލިޝަނުގައި ހިމެނޭ މެންބަރުންނަށް ނަގުދު ފައިސާ ދީގެން ކަމަށާއި އެގޮތުން ޕީޕީއެމްއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލް 9 މާޗް 2016 ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ފައިސާ ގޯނި" ހިފައިގެން މެންބަރުންގެ ގާތަށް ގޮސް ލާރި ބެހިކަމަށާއި، ހުރިހާ އެންމެންވެސް ލާރީގައި ހިފިކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން މާލީ މަޞްލަޙަތު ހިމެނޭ މުޢާމަލާތްތައް ހިންގައިގެން، އެމެންބަރުންގެ ސުޕަރ މެޖޯރިޓީގެ ބޭނުންކޮށް، ފާސްކޮށް ޤާނޫނަށް ހަދާފައިވާ ބިލްތަކާއި، ކޮރަޕްޝަން ހިމެނޭ ގޮތަށް ނާޖާއިޒު ސިޔާސީ މަންފާ ޙާޞިލުކޮށްފައިވާ ކަމަށް ބަޔާންކޮށް ތަފްސީލުތައް ވަނީ ހާމަކޮށްފަ އެވެ.
- ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޢުމުރު 35 އަހަރަށް އޮތް އޮތުން 30 އަހަރާއި 65 އަހަރާ ދެމެދުގެ ޢުމުރަކަށް ބަދަލުކުރުން- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީއަށް މި އިސްލާހު ގެނެސްފައިވަނީ ރައީސް ޔާމީންގެ ނައިބު ރައީސްކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ގެންނަން ބެލިއިރު އެމަނިކުފާނަށް 35 އަހަރު ނުފުރޭތީ އެމަނިކުފާނު ނައިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރާއިރު ރައީސުލްޖުމްހޫރިއްޔާގެ ޝަރުޠު ފުރިހަމަވުން ޤާނޫނު ލާޒިމުކުރާ ލާޒިމުކުރުން ފުރިހަމަކުރުމަށްޓަކައި ކަމަށެވެ.
- އޮޑިޓް ޤާނޫނުގެ 2 ވަނަ މާއްދާގެ އަކުރު (ބ)ގެ ދަށުން އެޤާނޫނަށް ގެނެވެނެވުނު އިޞްލާޙަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސް ޔާމީން ބޭނުންވާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅައި ފާސްކުރާގޮތަށް ހެދުން.- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި އިސްލާހު ގެނެސްފައިވަނީ އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުރި ނިޔާޒު އިބްރާހިމް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ އޮޑިޓް ހަދައި، ރައީސް ޔާމީނުގެ ސަމާލުކަމަށް ގެނައުމުން ނިޔާޒް އިބްރާހިމް މަޤާމުން ވަކިކޮށް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ފާޅުކަން ބޮޑުގޮތެއްގައި ބައިވެރިވެފައިވާ އެމްއެމްޕީއާރްސީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ ބޭބެ ހަސަން ޒިޔަތު އައްޔަން ކުރެއްވުމަށް ކަމަށެވެ.
- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ އިޞްލާޙުކޮށް، ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ޢާއިލާ ދިރިއުޅޭނީ ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީގެ ފިޔަވައި، އެހެންތަނެއްގައިކަމަށްވާނަމަ އެތަނަކަށް ހިނގާ ޚަރަދު ދައުލަތުގެ ބަޖެޓުން ހަމަޖެއްސުން- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ޢާއިލާ ދިރިއުޅުމަށްޓަކައި ދައުލަތުން ފޯރުކޮށްދޭ ރަސްމީގެ ހުރިއިރުވެސް، އެތަނުގައި ދިރިއުޅެން ޚިޔާރުނުކޮށް، ރައީސް ޔާމިންގެ އަމިއްލަގެ، ގ. ދޫވެހި ގޯއްޗާއި ޢިމާރާތަށް ދައުލަތުގެ ބަޖެޓުން ގިނަ ޢަދަދަކަށް ފައިސާ ޚަރަދުކޮށް، އަޕްގްރޭޑްކޮށް އަދި ވަކި މުއްދަތަކަށްފަހު، ގ. ދޫވެހި ހ.ނޫފަރުއާ ލާޖައްސައި، ގޯއްޗާއި ޢިމާރަތް ބަދަލުކުރިއިރު، ގ. ދޫވެހީގެ ބާޒާރުގެ އަގު އެތައްގުނައެއް ބޮޑުވެގެންދިޔަ ކަމަށެވެ.
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ޢައްޔަނު ކޮށްފައިވާ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް ބަދަލުކުރުން- ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު އާއި ފަނޑިޔާރު މުއްތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަޤާމަށް ޤާބިލުނޫންކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުން މަޤާމުން ވަކިކޮށް، މިހާރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އައްޔަންކުރެއްވީ، ރައީސް ޔާމީން ސިޔާސީ ފައިދާ ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ނިންމަން ބޭނުންވާ ނިންމުންތައް ނިންމުމަށް ކަމަށެވެ.
-
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާއި، 7 ވަނަ މާއްދާގައިވާގޮތުގެ މަތިން ދައުލަތުގެ މުދާ ވިއްކާ ވިއްކުން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އޮންނަ އޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައިގެ ދަށުން ހަމަޖެއްސުން- ރިޕޯޓުގައި ބުނެފައިވަނީ އެގޮތަށް ހަމަޖެއްސީ ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކަންކަމަށާއި ބޭނުންވާ މިންވަރަކަށް ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ފަރާތްތަކަށް ދައުލަތުން ގެރެންޓީ ދެވޭގޮތަށް ހަމަޖެއްސުމާއި، ދައުލަތުގެ މިލްކުގައިވާ ތަކެތި ތަޞައްރަފު ކުރުމާއި ދައުލަތުގެ މާލީ މަޞްލަޙާތާއި ދަރަންޏާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީކުރުވުން ހުއްޓުވުމަށް ކަމަށެވެ.
-
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުން ޕަބްލިކް ބޭންކް އެކައުންޓްގެ އިތުރު އެކައުންޓް ނުވަތަ އެކައުންޓްތަކެއް ހުޅުވައި، ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިޚްތިޔާރު ފިނޭންސް މިނިސްޓަރަށް ދިނުމާއި ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަޝްރޫޢުއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށް ހަމަޖެއްސުން- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގޮތަށް ހަމަޖެއްސީ، ދައުލަތުގެ ފައިސާ ދައުރުކުރުމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެނގުމާއި ފެނުމުގެ ތެރެއިން ނާޖާއިޒު ގޮތުގައި ނުފޫޒު ފޯރުވުމާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ މަޝްރުޢޫތަކުގެ މަންފާ ޙާޞިލުކޮށްދީ އޭގެ ބަދަލުގައި ސިޔާސީ މަންފާ ހޯދުމަށް ކަމަށެވެ.
-
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޢާންމު އުޞޫލުގެ ގޮތުގެ މަތިން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅުފަޅާ ކުއްޔަށް ދޭންވާނީ ޢަންމުކޮށް އިޢުލާނުކޮށް، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށް އޮންނަ އޮތުމަށް އިސްތިސްނާއެއްގެ ގޮތުގައި ރަށްރަށާއި ބިންބިމާ ފަޅުފަޅާ ބެހޭ ގޮތުން ހިންގުމަށް ބޭނުންވާ މަޝްރޫޢުތަށް ސީދާ ޓޫރިޒަމް މިނިސްޓަރަށް ހުށަހަޅާ ގޮތަށާއި އަދި އެމިނިސްޓްރީން އެކަމަށް ހުއްދަދޭގޮތަށް ހަމަޖެއްސުން- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގޮތަށް ހަމަޖެއްސީ އާންމުކޮށް އިޢުލާނުކުރެވި ހުޅުވާލެވިގެން ހިންގޭ ބިޑުގެ އުޞޫލު ސަރުކާރު ޙިއްޞާވާގޮތަށް ޖޮއިންޓް ވެންޗަރ ހަދައިގެން ރަށްރަށާއި ބިންބިމާއި ފަޅު ފަޅު ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް ޤާނޫނު އެކަށައަޅާފައިވާ މަޤްޞަދު ޙާޞިލުނުވާގޮތަށް ޢަމަލު ކުރުމާއި ޚުދު ރައީސް ޔާމީނަށާއި ޢާއިލާއަށާއި ސިޔާސީ ފަރާތްތަކަށް މާލީ ފައިދާ ވާގޮތަށް ރަށްރަށާއި ބިންބިމާއި ފަޅުފަޅު ކުއްޔަށް ދިނުމަށް ކަމަށެވެ.
-
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56 ވަނަ މާއްދާގައިވާ ގޮތުން ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާ ގުޅިގެން ސިޓީ ކައުންސިލްގެ ބާރުތަކާއި އަދި ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށް ހަމަޖެއްސުން- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ހަމަޖައްސާފައިވަނީ ގާނޫނުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާރުތަކަކާއި ޚިދުމަތްތަކަކަށްވުމުން، ސަރުކާރަށް ތާއީދުކުރާ ސިޓީ ކައުންސިލްތައް މެދުވެރިކޮށް އެކައުންސިލް ނިސްބަތްވާ ދާއިރާތަކަށް ޚިދުމަތް ފޯރުކޮށްދިނުމާއި ތަރައްޤީއާއި ކުރިއެރުން ޝާމިލުވާ މަޝްރޫޢުތައް ހިންގައި އެދާއިރާތަކުގެ ވޯޓު ހޯދުމަށް މަގުފައިކުރުވުމަށް ކަމަށެވެ.
-
ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ޞަރަޙައްދުގެ އެއްވެސް ބަޔެއް ބޭރުގެ ފަރާތަކަށް މިލްކުކޮށްނުދެވޭ ގޮތަށް އޮންނަ އޮތުމާއި އަދި ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 99 އަހަރަށްކަމަށް އޮތްއޮތުމުގެ ބަދަލުގައި، ފްރީހޯލްޑްގެ އުޞޫލުން ދިވެހި ރާއްޖޭގެ ޞަރަޙައްދުގެ ބިމާއި ކަނޑުގެ ބައިތައް ޙާއްޞަ މަޝްރޫޢުތަކުގެ ދަށުން ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަން ބަދަލުކުރުމަށް ހަމަޖެއްސުން- ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގޮތަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ޞަރަޙައްދުގެ ބައިތައް ސަރުކާރުން ޤަބޫލުކުރާ ޚާއްޞަ މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތަކުން ބިލިއަން ޑޮލަރަށް ވިއްކުމުގެ ސަބަބުން ރައީސް ޔާމީނަށް ނާޖާއިޒު ގޮތުގައި މާލީ މަންފާ ޙާޞިލުކުރެވޭ ގޮތަށް ދިވެހި ދައުލަތުގެ މިލްކުގައިވާ ބިމާއި ކަނޑާއި ތަބީޢީ ގޮތުން އުފެދިފައިހުރި އަގުހުރި ތަކެތީގެ މިލްކުވެރިކަން ތަޞައްރަފުކުރުމާއި ވިއްކުމަށް ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ޤާނޫނުއަސާސީގައި ދިވެހި ދައުލަތުގެ ވެރިކަމުގެ ބާރުތައް ތަރައްތުބުވެފައިވާ ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުވާ ގޮތަށް، އެއްބާރު އަނެއް ބާރު ޖަވާބުދާރީކުރުވައި، ފާރަވެރިވުމަށް އެކުލަވާލާފައިވާ ޢާންމު ނިޡާމުތަކަށް ބުރޫއަރުވައި، ޤާނޫނުގެ ވެރިކަން ހީނަރުވާގޮތަށް ރައީސް ޔާމީންގެ ޢަމަލުތައް ބަހައްޓަމުން ގެންދަވަނީ ދިވެހި ދައުލަތުގެ މިލްކުގައިވާ ބިމާއި ކަނޑާއި ޠަބީޢީ ގޮތުން އުފެދިފައިހުރި އަގުހުރި ތަކެތި އެމަނިކުފާނުގެ ޒާތީ އަދި ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ނާޖާއިޒު މަންފާ ޙާޞިލުކުރުވަނިވި ގޮތްތަކަށް ކަމަށެވެ. އަދި މިފަދައިން ރައީސް ޔާމީން ޢަމަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ޙާއިޡިއްޔަތުން އެމަނިކުފާނު ކުރައްވާފައިވާ ހުވަޔާވެސް ޚިލާފުވުން ކަމަށް ބުނެފައިވެ އެވެ.
އެކަންކަން ފާހަގަކޮށް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައީސް ޔާމީނު ދިވެހި ދައުލަތުގެ މުދަލާއި ފައިސާއިން ނާޖާއިޒު ގޮތުގައި މަންފާ ޙާޞީލުކުރުމުން ގެންދިއުން ހުއްޓުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީގެން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ އޮޑިޓަރ ޖެނެރަލަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ އޭސީސީއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ ފުލުހުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެތިބެ ކުރެވިދާނެކަމެއްކަމަށް ބެލެވެން ނެތް ކަމަށެވެ.
އެ މައްސަލައިގައި އެމްޑީޕީ އިން އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤުކުރުމަށްޓަކައި "މަބްދަޢުޟަރޫރާ" ނުވަތަ ޟަރޫރީ ހާލަތަށް ރިޢާޔަތްކޮށް ޚާއްޞަ ތަޙުޤީޤުކޮމިޓީއެއް އެކުލަވާލައި، އެ ތަޚުޤީޤު ކޮމިޓީން މައްސަލަ ތަޙުޤީޤުކޮށް، ރައީސް ޔާމީނާ ދެކޮޅަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއ