އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ތްރީ އޮން ތްރީ އަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ފިރިހެން ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ގައުމީ އަންހެން ތްރީ އޮން ތްރީ ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ. އަދި ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު އަދި ޒަކަރިއްޔާ އަބްދުލް ލަތީފް އެވެ.
އަންހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުން މޮޅުވެގެނެވެ. ފުރަތަމަ މެޗުގައި އަންހެން ޓީމު ކުޅެފައިވަނީ ސީޝެލްސް އާއެވެ. މި މެޗު ގައުމީ ޓީމުން ކާމިޔާބުކުރީ 14-7 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ޒުހާ އާއި އިފާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މެޗުގެ ކުރީކޮޅު ރާއްޖެއިން ވަނީ ބޮޑު ލީޑެއް ނަގާފައެވެ.
ދެވަނަ މެޗުގައި އަންހެން ޓީމު ނިކުތީ މަޔޯޓް އާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 13-10 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގައުމީ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ކައިލީން އެވެ. މެޗުގެ ކުރީކޮޅު ގައުމީ ޓީމުން ތިން ޕޮއިންޓުގެ ލީޑެއް ނެގުމަށްފަހު، މުޅި މެޗުގައި ވަނީ އެ ލީޑު ދަމަހައްޓާފައެވެ.
ފިރިހެން ޓީމުވެސް ދެ މެޗުގައި ކުޅެފައިވަނީ ސީޝެލްސް އާއި މަޔޯޓް އާއެވެ. ފުރަތަމަ މެޗުގައި ސީޝެލްސް އާ ވާދަކޮށް، ފިރިހެން ޓީމު މޮޅުވީ 15-12 އިންނެވެ. މެޗުގެ ކުރީކޮޅުގައި ޒަކަރިއްޔާގެ މޮޅު ކުޅުމާއެކު ގައުމީ ޓީމުން ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް، ސީޝެލްސް އިންވަނީ ކުޅުން ރަނގަޅުކޮށް، ފަރަގު ކުޑަކޮށްފައެވެ. ފަހުވަގުތު، ރާއްޖޭގެ އަމްޒަރުވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ދެވަނަ މެޗުގައި މަޔޯޓް އާ ވާދަކޮށް ރާއްޖެ ވަނީ 21-16 އިން ބަލިވެފައެވެ. މަޔޯޓްއިން ވަނީ މެޗުގެ ކުރީކޮޅު ލީޑުނަގައި، މުޅި މެޗުގައި އެ ލީޑު ދަމަހައްޓާފައެވެ. މި މެޗުގައި ގައުމީ ޓީމުގެ ހުވައިލިދު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މުބާރާތުގެ އަންހެން ސެމީ ފައިނަލް މެޗާއި ފިރިހެން ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.