ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 20:19
މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން، ނަބާހާއާއި ނަބީހާ
މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން، ނަބާހާއާއި ނަބީހާ
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ބެޑްމިންޓަން އަންހެން ޓީމަށް ރަން މެޑަލްގެ ފުރުސަތު ގެއްލިއްޖެ
ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލުނީ އާދިއްތަ ދުވަހު މޮރިޝަސް އަތުން ބަލިވުމުން

ރަން މެޑަލް ހޯދުމަށް ވަރަށް ބޮޑަށް ތައްޔާރުވެ, މަސައްކަތްކުރި ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމަށް އެފުރުސަތު ގެއްލިއްޖެއެވެ.

ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލުނީ އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަން އަތުން މޮޅުވި ނަމަވެސް, އާދިއްތަ ދުވަހު މޮރިޝަސް އަތުން ބަލިވުމުންނެވެ. ހެނދުނު މޮރިޝަސް އަތުން ބަލިވީ ވާދަވެރި މެޗަކަށްފަހު 3-2ންނެވެ. ފުރަތަމަ ކުޅެން ނިކުމެ ފާތިމަތު ނަބާހާ ވަނީ މޮރިޝަސްގެ ލުޑިކް އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. އެއީ 21-16, 21-11އިންނެވެ. އާމިނަތު ނަބީހާ ވަނީ 2-1 ސެޓުން ލޯނާ ބަލިކޮށް، އުއްމީދު އާކޮށްފައެވެ. އެއީ 19-21, 21-12, 21-16އިންނެވެ. ތިންވަނަ ސިންގަލްސްގައި ކުޅެން ނިކުތީ މައިސާ ފަތުހުﷲއެވެ. މައިސާގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދީ ތިޔާ ބާތުންއެވެ. އެއީ 21-14, 21-15އިންނެވެ. ރާއްޖެއަށް އަލުން އުއްމީދު ހޯދައިދިނީ ނަބާއާއި ނަބީގެ ޕެއަރ ނިކުމެ ވަރަށް ފަސޭހައިން މޮރިޝަސް ޕެއަރ ބަލިކޮށްގެންނެވެ. ވިލީނާއާއި ތިޔާ ބާތުންގެ މައްޗަށް ނަބާއާއި ނަބީ ކުރިހޯދީ 21-9, 21-15އިންނެވެ. އެކަމަކު ފަހު ޓައިގައި މައިސާއާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއަރއަށް ކުރި ނުހޯދުމުން ރާއްޖެ މެޗުން ބަލިވެ, ރަން މެޑަލްގެ ފުރުސަތު ގެއްލުނީއެވެ. މޮރިޝަސް ޕެއަރ ސެޓްތައް ގެންދިޔައީ 21-15, 21-7ންނެވެ.

މޮރިޝަސް އަތުން ބަލިވެ ރަން މެޑަލްގެ ފުރުސަތު ގެއްލުނަސް އަންހެން ޓީމުން ވަނީ މެންދުރުފަހު 4-1ން މަޑަގަސްކަރަ ބަލިކޮށް މެޑަލް ޔަގީންކޮށްފައެވެ. މެޗުގައި ރާއްޖެއަށް ގެއްލުނީ ފަހު ޓައިއެވެ. އެއީ ތިންވަނަ ޓައި ކާމިޔާބުކުރި ފަހުން މައިސާ ފަތުހުﷲއަށް އަނިޔާވެ, ފަހު ޑަބަލްސް ދޫކޮށްލުމުންނެވެ. ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ކުރިހޯދީ ފެނިޓުރާ އެމްޑީއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެއީ 21-10, 21-7ންނެވެ. ދެވަނައަށް ނަބީހާ ކުޅެން ނިކުމެ ސޯނިއައިނާ ބަލިކުރީވެސް ސީދާ ދެ ސެޓުންނެވެ. އެއީ 21-10, 21-14އިންނެވެ. މައިސާ ވަނީ 21-18, 21-15އިން ސެޓެފާނިއާ ބަލިކޮށްފައެވެ. ނަބާއާއި ނަބީ ޑަބަލްސްގައި ނިކުމެ 21-14, 21-8ން ބަލިކުރީ ސްތެފާނިއާއާއި ސޯނިއައިނާގެ ޕެއަރއެވެ.

ރާއްޖޭގެ އަންހެން ޓީމަށް ބާކީ އޮތީ މެޔޯޓްއާ ވާދަކުރާ މެޗެވެ. ލިބޭ މެޑަލް މުޅިން ކަށަވަރުވާނީ އެމެޗަށްފަހުއެވެ. ރަން މެޑަލް ލިބެނީ ރާއްޖެ ބަލިކުރި މޮރިޝަސްއަށެވެ.

- ކޮމެންޓް