ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 07:15
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްގެ ކުރިމަތިލުން އެއްވަރު، އިލާންއަށް އިތުރު ރެކޯޑެއް
 
އިލާން ވަނީ ލީގުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދާފައި

ދިވެހި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗެ އެއްވަރުވިއިރު، ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާން އިތުރު ރެކޯޑެއް ހަދައިފިއެވެ.

ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި އިލާން ވަނީ އޭނާގެ ފުރަތަމަ ރެކޯޑް ހަދާފައެވެ. އެއީ ލީގުގައި ގޯލެއް އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ. އެއިރު އޭނާގެ އުމުރަކީ 14 އަހަރާއި ހަ މަހާއި 22 ދުވަހެވެ.

ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި، ވެލެންސިއާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އިލާން ވަނީ ދިވެހި ޕްރިމިއަރ ލީގުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދާފައެވެ. މީގެކުރިން އެ ރެކޯޑު އޮތީ އިލާން އާއެކު ވެލެންސިއާގައި ކުޅޭ އީތަން އިބްރާހީމް ޒަކީ އަތުގައެވެ. އޭނާވެސް ރެކޯޑު ހަދާފައިވަނީ ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއިރު އީތަންގެ އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ. ދިވެހި ޕްރިމިއަރ ލީގުގައި ލަނޑު ޖެހި އަދި އެސިސްޓް ހެދި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މިހާރު އޮތީ އިލާން އަތުގައެވެ.

ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ވެލެންސިއާއަށް ކުރިހޯދަދިނީ ހަސަން ސުފިއާނެވެ. ނަމަވެސް އޭގެ ހަތް މިނެޓުގެ ފަހުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަންސަރު އިބްރާހީމް (އަންކޮ) ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ހަތް މިނެޓުފަހުން އަހުމަދު ރަސްލާން ވަނީ ލަނޑެއް ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ގްރީން ސްޓްރީޓްސްއަށް ކުރިހޯދަދީފައެވެ. ނަތީޖާ ހަމަހަމަކޮށްދިން ޕެނަލްޓީ އިލާން ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެއީ އޭރިއާ ތެރެއިން އަބްދުﷲ ޔާމީން (ޔާނު)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ އަންކޮ އެވެ.

ލީގުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ގްރީން ސްޓްރީޓްސް ހަތް ވަނައިގައި އޮތީ ފަސް ޕޮއިންޓާއެކުއެވެ. އަދި ދެ ޕޮއިންޓާއެކު ވެލެންސިއާ އަދިވެސް އޮތީ ތާވަލުގެ ފުލުގައެވެ. ވެލެންސިއާއަށް ދެ ޕޮއިންޓުވެސް ލިބުނީ ގްރީން ސްޓްރީޓްސް އަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް