Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 09:08
ފުލުހުން މ.ސްނޯ ރޯޒްގައި ހަރަކާތްތެރި ވަނީ
ފުލުހުން މ.ސްނޯ ރޯޒްގައި ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
އަޙުމަދު ފާރިސް މައުމޫން
ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށައިފި
ފުލުހުންދަނީ ފާރިސް ދިރިއުޅުއްވާ ގެ މ.ސްނޯ ރޯޒްގައި ހަރަކާތްތެރިވަމުން
ފާރިސްގެ މައްޗަށް ތުހްމަތުކޮށްފައި ވަނީ ރިޝްވަތު ދިނުމުގެ ތުހްމަތު
ފާރިސްގެ މައްޗަށް އެކަށީގެންވާ ހެކި ހުރި ކަމަށް ފުލުހުން ކުރިން ބުނެފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަދެ، ބަލައި ފާސްކުރަން ފަށައިފި އެވެ.

 

ފާރިސް ދިރިއުޅުއްވަމުން ގެންދަވަނީ މުއިވެޔޮ މަގުގައި ހުންނަ، ފާރިސްގެ އަނބިކަނބަލުންގެ ގެ، މ. ސްނޯ ރޯޒްގެ ހަ ވަނަ ފަންގިފިލާގަ އެވެ. މި އެޕާޓްމެންޓް ބަލައި ފާސްކުރަން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ.

 

ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހްމަތުގަ އެވެ.

 

ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރަން ދީފައިވާ ކޯޓް އަމުރުގައި ވަނީ، "ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އިތުބަޔަކު ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެގޮތުގައި ފާރިސް ދީފައި ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި" ކަމަށެވެ.

 

މި އަމުރު ދެއްވާފައިވަނީ ކްރިމިނަލް ކޯޓްގެ ގާޒީ އިބްރާހިމް އަލީ އެވެ. 

 

ކޯޓް އަމުރުގައި ބުނެފައިވާ ގޮތުގައި ފާރިސް ދިރިއުޅުއްވާ ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން، ފާރިސްގެ ލެޕްޓޮޕާއި ޗެކްފޮތްތަކާއި، ބޭންކުތަކަށް ހުށަހަޅާ އެހެނިހެން ލިޔުންތަކާއި ސްޓޯކޭޖް ޑިވައިސްތަކުގެ އިތުރުން މި މައްސަލައާ ގުޅުން ހުރި އެހެން ތަކެތި ވެސް ބަލައި ފާސްކުރުމުގެ ހުއްދަ ދީފައިވެ އެވެ. މި އަމުރުގެ ވަގުތަކީ މިއަދު ހެނދުނު 6:00 އިން ފެށިގެން އިރު އޮއްސި 6:00 އަށެވެ. 

 

ފާރިސްގެ މައްޗަށް ހެއްކާއި ގަރީނާ ހޯދުމަށް ޕާޓްމެންޓާއި ތަކެތި ޗެކްކުރާއިރު، ފުލުހުން ކުރިން ބުނެފައިވަނީ ފާރިސް ރިޝްވަތު ހުށަހެޅިކަމުގެ އެކަށީގެންވާ ހެކި ހުރި ކަމަށެވެ.


ފާރިސް ހައްޔަރުކުރުމުގެ އަމުރެއް ވެސް ފުލުހުން ހޯދާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް މިކަމަށް ފުލުހުންގެ ބަހެއް ނުލިބެ އެވެ. 

 

ޔުމްނާ މައުލޫނުގެ ފިރިކަލުން މުހައްމަދު ނަދީމް ވިދާޅުވީ ފާރިސް ހައްޔަރުކުރުމުގެ އަމުރެއް އަދި ފުލުުހުން ދައްކާފައި ނުވާ ކަމަށެވެ. 

 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޯޓް އަމުރު ރޭ ނެރުނުކަން ފާރިސް އަށް އޮތީ އެނގިވަޑައިގެންފަ އެވެ. ފާރިސް އާއި ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ދެބޭންނާއެވެ. ފާރިސް އާއި އަރީފް ދިރިއުޅުއްވަނީ ވެސް އެއް ގެއެއްގަ އެވެ. 

 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް ޕީޕީއެމްއިން އެންގި ނަމަވެސް، އެ މެމްބަރުން ސޮއި އަނބުރާ ގެންދަވާފައި ނުވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ. ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ވަނަ ފަހަރަށް ހުށަހަޅާފައިވާއިރު، މަޖިލީހުގައި ސަރުކާރަށް އޮތް ބޮޑު މެޖޯރިޓީ ވަނީ ގެއްލިގެން ގޮސްފަ އެވެ. 

 

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަޖިލީހުގެ ރިޔާސަތުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަންކަން ކުރަމުން ގެންދާ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ޖުލައި 2017 | އަންގާރަ 12:41
ކަތީބް
ޔާމީންގެ އަނިޔާވެރި ވެރިކަން ނިމެން ވަރަށް ކައިރިވެއްޖެ ކަމުގެ އަލާމާތްތައް މިދަނީ މިހާރު ފެންނަމުން.
18 ޖުލައި 2017 | އަންގާރަ 12:33
ކަތީބް
ޔާމީންގެ އަނިޔާވެރި ވެރިކަން ނިމެން ވަރަށް ކައިރިވެއްޖެ ކަމުގެ އަލާމާތްތައް މިދަނީ މިހާރު ފެންނަމުން.
18 ޖުލައި 2017 | އަންގާރަ 11:51
އަޙުމަދު
ކުރިޔަށް އޮތްތާގައި ވެރިކަމަށް ކުރިމަތިލާފާނެހެން ހީވާމީހަކު ހުއްޓަސް ހައްޔަރުކުރާނެ.
18 ޖުލައި 2017 | އަންގާރަ 10:23
އާދަނު
ސަރުކާރު ނޭވާހޮޅި އަށް ވެއްޓުނީމާ ދެން ނޭނގޭނެ ހަދާފަ ނަހަދާނެ އެއްޗެއް.. ސާބަސް ތިވަރު ބޮޑުވަރު..
18 ޖުލައި 2017 | އަންގާރަ 09:43
ސާމާނު
އަދި ނަސްރީނާއާއި މައުމޫނުވެސް ޖަލަށް ލައިގެން ކޮއްކޮ ޔާމީނު ޢަބްދުލް ޤައްޔޫމުގެ މިޝަން ނިމޭނީ. މީހެއްވިއްޔާ އަޅެ ގޮތެއްވެސް ހުންނަންވާނެތާ؟ ގާތުގައި ތިބޭއިރު ކޮންމެ ކުށެއްކުރިޔަށް ދައުވާެއް ނުކުރެވޭ. ދުރަށް ދާއިރަށް ނިޔަފަތި ކަނޑާލެވޭގޮތަކުންވެސް ޖިނާޢީދައުވާ ކުރެވޭ. މިހިރަ ވެރިއެއްތާދޯ؟