ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 07:20
ބެނާޑޯ ސިލްވާ
ބެނާޑޯ ސިލްވާ
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ބެނާޑޯ ސިލްވާ، މެންޗެސްޓަރ ސިޓީއާއެކު އެއްބަސްވުން އައުކޮށްފި
 
އައު އެއްބަސްވުމާއެކު، އޭނާ 2026 ވަނަ އަހަރާ ހަމައަށް ކްލަބުގައި މަޑުކުރާނެ

ބެނާޑޯ ސިލްވާ، މެންޗެސްޓަރ ސިޓީއާއެކު އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕޯޗުގަަލްގެ މިޑްފީލްޑަރު ސިޓީއާއެކު ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުއެވެ. އައު އެއްބަސްވުމާއެކު، އޭނާ 2026 ވަނަ އަހަރާ ހަމައަށް ކްލަބުގައި މަޑުކުރާނެއެވެ. މިދިޔަ ދެ ހޫނު މޫސުމުގައި ވެސް އޭޭނާ ހޯދުމުގެ މަސައްކަތް ބާސެލޯނާއިން ވަނީ ކޮށްފައެވެ. އަދި ރިޕޯޓުތައް ބުނާގޮތުން އޭނާ ހޯދުމުގެ މަސައްކަތް ޕީއެސްޖީ އާއި ސައުދީގެ އަލް ހިލާލުންވެސް ވަނީ ކޮށްފައެވެ.

ސިލްވާ ބުނީ ސިޓީއާއެކު ކާމިޔާބު ހަ އަހަރު ހޭދަކުރުމަށްފަހު، އަނެއްކާވެސް އެއްބަސްވުން އައުކުރެވުމުން އުފާވާކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ޓްރެބަލް ކާމިޔާބުކުރެވުން އެއީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ.

ސިޓީގެ ކޯޗު ކަމާ 2017 ވަނަ އަހަރު ޕެޕް ގާޑިއޯލާ ހަވާލުވީއްސުރެ ކުޅުނު ފަސް ސީޒަނުގައިވެސް ސިލްވާ ވަނީ ސިޓީއަށް ކުޅެފައެވެ. ސިލްވާ ބާސެލޯނާއަށް ބަދަލުވުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގެ ސަބަބުން އޭނާ އަކީ ބަދަލުނުކުރެވޭނެ ވަރުގެ ކުޅުންތެރިއެއް ކަމަށް މިދިޔަ އަހަރު ގާޑިއޯލާ ވަނީ ބުނެފައެވެ.

މިދިޔަ ސީޒަނުގައި ސިލްވާ ވަނީ ސިޓީއަށް 55 މެޗު ކުޅެދީ، ހަތް ލަނޑު ޖަހައި، އަށް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޑެ ބްރޫނާ އަށް އަނިޔާވެ، ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހުމުން، ސިލްވާގެ މުހިންމުކަން ގާޑިއޯލާއަށް އިތުރު ވާނެއެވެ.

ސިޓީއިން ވަނީ އައު ސީޒަނުގެ ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އާދިއްތަ ދުވަހު ސިޓީ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް