އާދީއްތަ ދުވަހު ނިމުނު އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސްޕޭނުގެ މިޑްފީލްޑަރު އައިޓަނާ ބޮންމާޓީ އެވެ. އޭނާ ވަނީ މުބާރާތުގައި މޮޅަށް ކުޅެ، ސްޕޭނަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މިއާއެކު އޭނާ އަށް ކޯޗުންނާއި ކުރީގެ ކުޅުންތެރިންގެ ތައުރީފް ވަނީ އޮހެން ފަށައިފަ އެވެ.
ބޮންމާޓީ އަކީ ބާސެލޯނާގެ ލަމާސިއާއިން ތަމްރީނުވި ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ ބާސްކެޓްބޯޅަ އެވެ. އެކަމަކު އުމުރުން ހަތް އަހަރުގައި ފިރިހެން ކުދިންނާއެކު ފުޓްބޯޅަ ކުޅެ އެމީހުންނަށްވުރެ އޭނާ މޮޅުކަން ދައްކައިދިނެވެ. ލަމާސިއާއިން ފުރުސަތު ލިބުނީ މި ހިސާބުންނެވެ.
ބޮންމާޓީގެ ކުލަބަކީ ބާސެލޯނާ އެވެ. ސީނިއާ ޓީމަށް އޭނާ ނެގީ 2016 ވަނަ އަހަރު އެވެ. މިހާތަނަށް ވަނީ 154 މެޗު ކުޅެދީ 52 ގޯލު ޖަހައިދީފަ އެވެ. ޖެހިގެން އައި އަހަރު ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް 54 މެޗުން ވަނީ 19 ގޯލު ޖަހައިފަ އެވެ.
އުމުރުން އެންމެ 25 އަހަރުގައި ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން ބޮންމާޓީ ވެސް ހުރީ އުފަލުންނެވެ. ހަގީގަތުގައި ބާސެލޯނާގެ ކެޕްޓަން އަދި ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެލެކްސިއާ ޕުޓެޔާސް އަށް ލިބުނު ސީރިއަސް އަނިޔާއިން އޭނާ މުޅިން ފިޓްނުވާތީވެ، ވޯލްޑްކަޕަށް ދިޔައިރު ސްޕޭނުގެ މައި ތަނބަކަށްވީ ބޮންމާޓީ އެވެ. މުޅި ޓީމު އަތުރާފައި އޮތީ އިސްމީހަކީ އޭނާ ކަމަށް ބަލައި ބޮންމާޓީ ވަށައިގެންނެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅެ އޭނާ މުހިންމު ތިން ގޯލު ޖަހައިދިނެވެ.
ބޮންމާޓީ އަށް އެންމެ ބޮޑަށް ތައުރީފްކުރި މީހަކީ އޭނާގެ ކުރީގެ ކޯޗު މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އެވެ. އޭނާ އަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި އެކުލަބުގެ އެންމެ ކާމިޔާބު ކޯޗެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ހުރި އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ ކޯޗުވެސްމެ އެވެ.
އަހަރެން ވަރަށް ކުރިން ފެށިގެން އޭނާ ދަންނަން. އަހަރެން އޭނާ ކުޅޭތަން ބަލަން ލޯބިކުރަން. އޭނާ ކުޅޭ ސްޓައިލް އަހަންނަށް ވަރަށް ކަމުދޭ. އަހަރެން އޭނާއަށް ކޯޗުކޮށްދޭން ޝައުގުވެރިވަން. އަހަރެން ބުނާނީ އޭނާ އަކީ ބާސެލޯނާގެ އަންހެން އިނިއެސްޓާއޭ (ސްޕޭނާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ). ބާސެލޯނާގެ މިހާރުގެ ޓީމު އެދަނީ އަންހެން ފުޓްބޯޅައަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވައި ފުޓްބޯޅަ ބަދަލުކުރަމުންގާޑިއޯލާ
ކޯޗުގެ މިވާހަތަކުގެ ސަބަބުން ބޮންމާޓީ އަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.
ގާޑިއޯލާ އަހަންނާ ބެހޭ ގޮތުން ބުނި ވާހަކަތަކުގެ ސަބަބުން އަހަރެން ވަރަށް ހައިރާންވި. ސަބަބަކީ އޭނާ އަކީ ކޯޗެއްގެ ގޮތުން އަހަރެންގެ އައިޑޮލްއަކަށް ވާތީވެ. އަހަރެން އޭނާ ކުޅުނުތަނެއް ނުދެކެން. އެކަމަކު އަހަރެންގެ ޅަފަތުގެ އެންމެ ރަނގަޅު ދުވަސްތައް ހޭދަކުރީ އޭނާގެ ކޯޗުކަމުގައި ބާސެލޯނާގައި. އޭނާ ކޯޗުކޮށްދިން ބާސެލޯނާގެ ރަންޖީލަކީ ފަހަރުގައި ދުނިޔެ ދެކުނު އެންމެ މޮޅު ޓީމަކަށް ވެސް ވެދާނެ. އޭނާ ކޮންމެ ޓީމެއްގައި ހުއްޓަސް އަހަރެން އަބަދުވެސް ގާޑިއޯލާ ފޮލޯކުރަން. އޭނާ އަހަރެންނާ ބެހޭ ގޮތުން އެދެއްކި ރަނގަޅު ވާހަކަތަކުގެ ސަބަބުން އަހަރެން ވަރަށް އުފާވެއްޖެބޮންމާޓީ
ނިމިދިޔަ ސީޒަނަކީ ބޮންމާޓީ އަކީ ވަރަށް ކާމިޔާބު ސީޒަނަކެވެ. ޕުޓެޔާސް ނެތުމުން ބާސެލޯނާ ލީޑްކުރީ ވެސް އޭނާ އެވެ. ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާ އެވެ. ބޮންމާޓީ ބުނީ ވޯލްޑްކަޕް ކަހަލަ މުބާރާތްތަކުގައި ކޮންމެ ކުޅުންތެރިއަކު ވެސް މޮޅަށް ކުޅެންޖެހޭ ކަމަށާއި ޓީމަށް ކާމިޔާބު ލިބެނީ ޑިފެންސް ވެސް ރަނގަޅުވެގެން ކަމަށެވެ. ސްޕޭން ޓީމުގައި މިކަންކަން ފުރިހަމަވެފައިހުރިއިރު ވޯލްޑްކަޕުގައި ބޮންމާޓީ ފެނުނީ ތަފާތުބޮޑު ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް ބޮންމާޓީ ދެކޭގޮތުގައި ސްޕޭނުގެ ކޮންމެ ކުޅުންތެރިއަކީ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ދެވިދާނެ އެވެ. ފުރަތަމަ 11 އާއި މުޅި ޓީމުގައި ބާސެލޯނާގެ ކުޅުންތެރިން ގިނަވުމުން ވަރަށް ބޮޑަށް ފަސޭހަވި ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ ސަބަބުން ޓީމުގެ ގުޅުން ރަނގަޅުވެ، ޓީމު ލީޑްކުރަން ފަސޭހަވި އެވެ.
އެއްވެސް ކުޅުންތެރިއަކު ވަކި މީހެއްގެ ގޮތުގައި މަސައްކަތް ނުކުރޭ. އެންމެންވެސް މަސައްކަތް ކުރީ ޓީމެއްގެ ގޮތުގައި. ބައެއް މެޗުތަކުގައި އެއްބަޔަކަށް ފުރަތަމަ 11ގައި ކުޅެން ނުލިބޭ. އަނެއް ބަޔަކަށް ލިބުނު. އެއީ އެކި މެޗުތަކަށް ސްޓައިލް ތަފާތު ކުރަންޖެހުމުން. ދެން ބައެއް ކުޅުންތެރިން ވަރަށް ނަސީބު ރަނގަޅު. ހުރިހާ މެޗެއް ކުޅެން ލިބުނު. ބާސެލޯނާގެ ކުޅުންތެރިން ގިނަވުމުން ފަސޭހަވި. އަހަރުމެން އައީ ވަރަށް ގިނަ މެޗު އެކުގައި ކުޅެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްގެން. އަހަރުމެން ބާސެލޯނާގެ ނޭމްޕް ނޯގައި 90000 މީހުންގެ ކުރިމަތީގައި ކުޅުނިން. އެއީ އަންހެން ފުޓްބޯޅައިގެ ރެކޯޑެއް. މިފަދަ ކަންކަމުގެ ސަބަބުން އަހަރުމެން ތިބީ ވޯލްޑްކަޕްގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ތައްޔާރުވެފައިބޮންމާޓީ ބުންޏެވެ.
ގިނަބައެއްގެ ނަޒަރުގައި ސްޕޭން ޓީމުގެ މައިބަދައަކީ އޭނާ އެވެ. ބޮންމާޓީ އަކީ އުމުރުފުރާތަކުގެ ގައުމީ ޓީމުން ފެށިގެން ގައުމީ ޓީމާއެކު ވޯލްޑްކަޕަށް ހުނަރާއި ތަޖުރިބާ އާއި ކާމިޔާބީތަކަކާއެކު އިތުބާރާއެކު ކުރިމަތިލި ކުޅުންތެރިއެކެވެ. އިދިކޮޅު ޓީމު ރޫޅާލައި އަމިއްލަ ޓީމު ލައްވައި ކުޅުވައިދިން އިންޖީނަކީ އޭނާ ކަމަށް ގިނަބަޔަކު އިއްތިފާގުވެ އެވެ. މިއީ ބާސެލޯނާ އާއި ސްޕޭނުގެ ގައުމީ ޓީމުގައި އިނިއެސްޓާ ވެސް އަދާކުރި ރޯލެވެ. މި ދެ ކުޅުންތެރިން އެއްހަމަކުރަން ގާޑިއޯލާ އިސްނެގީ މިހެންވެ އެވެ.