ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 23:36
އެމްޑީޕީ އުފެއްދުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރެއްވި މުޒާހަރާއެއްގެ ތެރެއިން
އެމްޑީޕީ އުފެއްދުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރެއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
މަސީހްގެ އިތުބާރު ވޯޓް
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!
އެމްޑީޕީ އުފެއްދުމަށް ހުށައެޅީ 42 މެމްބަރުންގެ ސޮއާއި އެކީ
ރައީސް ޔާމީން ވެރިކަމުގައި ސިޔާސީ ޕާޓީގެ ނިޒާމް ވަނީ ފުނޑާލާފަ
މިއަދު މަޖިލީސް ރައީސް ބޭރު ކުރަނީ ސިޔާސީ ޕާޓީތަކުގެ ދިފާއުގައި

އެއީ މީގެ 37 އަހަރު ކުރިއެވެ. ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމެވެ. ގާނޫނު އަސާސީ އިސްލާހް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއެވެ. ޙައްގުތަކަށް ކަށަވަރުކުރުމަށް އޭރުވެސް ބަޔަކު މީހުން ދިޔައީ އަޑުއުފުލަމުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ގާނޫނު އަސާސީ އިސްލާހް ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ސިޔާސީ ޕާޓީގެ ނިޒާމް ތާއާރަފް ކުރުމުގެ ހިޔާލު ފާޅުކުރުމެވެ. މި ދައްކަނީ 1994 ވަނަ އަހަރުގެ ވާހަކައެވެ. މާޒީގެ ތެރެއަށް ނަޒަރު ހިންގާ ބަލާލަން މިއަދު މިޖެހެނީ ސަބަބެއް ނެތިގެއެއް ނޫނެވެ. 1998 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނު އަސާސީގެ ދަށުން 2001  ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ހުށަހެޅީ 42 މެމްބަރުންގެ ސޮއާއި އެކު ކަމަށް ވާތީއެވެ. އޭރު ވެސް އިސްލާހީ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ދިޔައީ އެމްޑީޕީ އުފެއްދުމަށް 42 މެމްބަރުން ސޮއި ކުރި ހިސާބުންނެވެ.

އޭރުގެ ހާލަތާއި މިހާރުގެ ހާލަތާއި އެއްވެސް ތަފާތެއް ނެތެއެވެ. އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތެއެވެ. ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ތިބީ ސިޔާސީ ހައްޔަރީންނެވެ. ގައުމަށްޓަކައި މޭ އައްޑަނައަކަށް ނެރެގެން މިއަދު އިދިކޮޅު ފަރާތްތަށް މަސައްކަތް ކުރަމުން ދަނީ، ފަރުދީ ފެންވަރެއްގައެއް ނޫނެވެ. ގައުމީ ފެންވަރެއްގައެވެ. އެކަން ދާދި ފަހުން އިދިކޮޅު ފަރާތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުން ހާމަވެއެވެ.

" އަޅުގަނޑުގެ ފަރާތުންވެސް މުހައްމަދު ނަޝީދަށް އެންމެ އެކަށޭނަ ނޫން ގޮތަކަށް ކަންތައްތައް ކުރެވިފަ އޮވެދާނެ. އެމަނިކުފާނަށްވެސް އަޅުގަނޑާއި ބެހޭ ގޮތުން ކަންތައްތަކެއް ކުރެއްވިފަ އޮވެދާނެ. އެކަމަކު އެކަންތައްތަކަކީ މާޒީވެގެން ގޮސްފައިވާ ކަންކަން. އަޅުގަނޑުމެން މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން. ފަރުދީ ކުރިއެރުމަކަށް ނޫން. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންގެ ގައުމަށް،"

އެހެންނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބު ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަންޖެހެއެވެ. މަސީހްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށައެޅުމާއި އެކު މަޖިލީހުގެ ޤަވާއިދަށް ބަދަލުގެނެސްފިއެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅެނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮއާއި އެކުގައެވެ. މިއަދު 45 މެމްބަރުންގެ ސޮއާއި އެކު އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އެވަނީ ވައްދާފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި، އިސްލާހީ މަސައްކަތުގައި އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅާ ކަމުގައިވާ ގާސިމް އިބްރާހިމް ސިފަ ކުރައްވާ ގޮތުގައި 42 އަކުން މަސައްކަތެއް ފަށައިފި ނަމަ ކާމިޔާބު ވާނެއެވެ. ގާސިމްގެ އެވާހަކަތަކުން މާޒީ އިޔާދަކޮށްދެއެވެ.

"މިއީ ކޮން ކަހަލަ ފާލެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް ސާޅީސް ދޭކުން ފެށިއްޖެތަ، އެކަމެއް ކާމިޔާބު ވާނެ،" މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން 42 މެމްބަރުންގެ ސޮއި ބޭނުންވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއި ކުރި 42 މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ ސޮއި ކުރެއްވީވެސް ގާސިމެވެ. އެމްޑީޕީ އުފެއްދުމަށް ހުށައެޅުމާއި އެކު ރައީސް މައުމޫންގެ ވަޒީރުންގެ މަޖިލީހުގައި ސިޔާސީ ޕާޓީގެ ނިޒާމަށް ގާނޫނު އަސާސީ ތަންދޭތޯ، ފުޅާއި ދާއިރާއެއްގައި މަޝްވަރާ ކުރެވެނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާއި ގުޅެގޮތުން ބަހުސްކޮށް ، މެމްބަރުންގެ ހިޔާލު ހޯދެއްވުމަށް ވޯޓެއް ނެންގެވިއެވެ. ވޯޓްގައި ބައިވެރިވަޑައިގެންނެވި 47 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓް ދެއްވީ ސިޔާސީ ޕާޓީ އުފައްދަން ނުފެންނަ ކަމަށެވެ. ސިޔާސީ ޕާޓީ އުފައްދަން ވޯޓް ދެއްވި ހަތަރު މެމްބަރުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ނުލިބުމުން، އިސްލާހީ މަސައްކަތް ރާއްޖެއިން ބޭރުގައި ފެށިގެން ދިޔައެވެ. އެއައްފަހު މާލޭގައި އެމްޑީޕީގެ ހަރަކާތަށް ފެށުމާއި އެކު އެކަމުގައި އިސްކޮށް އުޅުނުި ފަރާތަށް ޖަލަށްލިއެވެ. އެކަމުގެ ހެއްކަކަނީ 2004 ވަނަ އަހަރު އިންޓްރނެޓް މެދުވެރުކޮށް ވޯޓް ނަގައިގެން އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލަވާލުމާއި އެކު ފުލުހުން އެކަމުގައި އިސްކޮށް އުޅުނު މީހުން ހައްޔަރު ކުރި ކުރުމެވެ.

މިއަދު 45 މެމްބަރުންގެ ސޮއިއާއި އެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުމާއި އެކު، މިކަމުގައި އިސްކޮށް އުޅުންވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، މަޖިލީހުގެ މެމްބަރުންނަން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލެއް ވަނީ ބަލަން ފަށާފައެވެ. ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަށް ދަންވަރު ފަށައިފިއެވެ. އިސްކޮށް އުޅޭ މީހުން ހައްޔަރުކޮށްފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. ބައެއް ފަރާތަކުން ސިފަ ކުރާ ގޮތުގައި ސިޔާސީ ފަރާތަކަށް ބިރުދެއްކުމަކީ އިސްލާހީ މަސައްކަތް ކާމިޔާބްވުމުގެ މަލަމައްޗެވެ.

ރައީސް މައުމޫންގެ ވެރިކަމުގައިވެސް ސިޔާސީ ޕާޓީތައް އުފައްދަން މަސައްކަތް ކުރި އިރު ކަންހިނގާދިޔައީ ހަމަ މިގޮތަށެވެ. ސިޔާސީ ޕާޓީ އުފައްދަން ރާއްޖެއިން ބޭރުގައި ކުރި މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބުމުން ކުރީގެ ރައީސް އަދި އޭރުގެ އެމްޑީޕީގެ ޗެއާޕަރސަން މުޙައްމަދު ނަޝީދު މާލެ ވަޑައިން ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ދިވެހިންނަކީ ހޭލުންތެރި ބައެއް ކަމަށެވެ. ސިޔާސީ ޕާޓީ އުފައްދައި، ގާނޫނީ އިމުގެ ތެރެއިން ވެރިކަމާއި ހަވާލުވާނެ ކަމަށެވެ.

ނަތިޖާއެއްގެ ގޮތުން 2005 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން ސިޔާސީ ޕާޓީ އުފައްދާ ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އެއާއި ވިދިގެން، ޕާޓީ އުފެއްދުމަށް ރައީސް މައުމޫންގެ ސަރުކާރުން ހުއްދަ ދިނުމާއި އެކު 2005 ވަނަ އަހަރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރިއެވެ. ބޮޑުތަނުން ރިސްކް ނަންގައިވައިގެން، އެމްޑީޕީ އުފެއްދުމަށް ސޮއި ކުރި 42 މެމްބަރުންގެ މަސައްކަތް ކާމިޔާބު ކުރިއެވެ.

މިއަދު މި ވަނީ 42 މެމްބަރުންނަން ވުރެ ގިނަ މެމްބަރުން ރިސްކް ނަންގަވައިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައެވެ. ސިޔާސީ ޕާޓީގެ ނިޒާމްގެ ދިފާއުގައެވެ.

- ކޮމެންޓް