Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 23:32
ރައީސް ނަޝީދު: ޝަރީއަތް އިންސާފްވެރި ނޫންކަމަށް ދޭހަވާ އިތުރު ހެކިތަކެއް
ރައީސް ނަޝީދު: ޝަރީއަތް އިންސާފްވެރި ނޫންކަމަށް ދޭހަވާ އިތުރު ހެކިތަކެއް
ޖޭޑް
ރައީސް ނަޝީދު
ރައީސް ނަޝީދަށް އިންސާފް ހޯދައިދިނުމަށް އަދީބަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާ: އެމްޑީޕީ
ރައީސް ނަޝީދަށް ކުރި ހުކުމަކީ ޝަރުޢީ ކޯޓަކުން ލިޔުނު ހުކުމެއް ނޫންކަމަށް އަދީބު ވިދާޅުވޭ
އެ ޝަރީއަތާ ގުޅިގެން މުޅި ދުނިޔެއިން ފާޑު ކިޔާފައިވޭ
އަދީބަށް އެނގިވަޑައިގަންނަވާ މަޢުލޫމާތަކީ ކޮބައިކަން ދެނެގަތުމަކީ މުހިއްމު ކަމެއް

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އިންސާފުން ނޫންކަން ހާމަކޮށްދެއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބު ހުށަހަޅުއްވަން ބޭނުންވާ ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގައި، 13 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ސަރުކާރުން ރާވައިގެންކަމުގައި އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަން ކުރި ގޮތާއި އެކަމުގެ ހެކިތައް އެދުވަސްވަރުގެ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާ ކަމުގައި ބަޔާންކުރައްވައި އަޙްމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީ ފޮނުއްވާފައިވާތީވެ، އެ ހެކިތަކަކީ ކޮބައިކަން ދެނެގަތުމަށް ސުޕްރީމް ކޯޓުން އަޙްމަދު އަދީބަށް ފުރުޞަތު ދެއްވުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތް ހިންގާފައިވަނީ މުޅި ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކަމަށާއި އެކަން ސާބިތުވާނޭ ހެކިތައް އަޙްމަދު އަދީބު އަތުގައި ހުރިކަމުގައި އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޮޑު ޖަރީމާއެއް ހިންގައި ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ނުޙައްޤުން އެންމެ ހިނދުކޮޅަކުވެސް ޖަލުގައި ބަންދުކޮށްފައި ހުރުމަކީ އެމަނިކުފާނަށާއި، އެ ޕާޓީއަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

އަދި ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތަކީ މުޅި ދުނިޔޭގެ ނަޒަރު އެކަމަށް ހުއްޓި، އެކަމާ ގުޅިގެން އދ. ގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަން އާއި، އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ އާއި، އިންޓަނޭޝަނަލް ކޮމިޝަން ފޯ ޖޫރިސްޓްސް އާއި، އެމެރިކާ ސަރުކާރާއި، އިނގިރޭސި ވިލާތާއި، ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕިއަން ޕާލިމަންޓުގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތާ ގުޅިގެން ރާއްޖެއަށް އަމާޒުވި ފާޑުކިޔުންތަކަށް ބީރު ކަންފަތެއްދީ، ރާއްޖެއާ ގުޅުން ބަދަހި އެތައް ޤައުމުތަކާ އޮތް ރަޙްމަތްތެރިކަމަށް ބުރޫ އަރައި މިއަދު ދިވެހިރާއްޖެ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެކަނިވެރިވެ، ޚުދުމުހުތާރު ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެ، ރައްޔިތުންގެ އެތައް ޙައްޤުތަކަކަށް އަރައިގަންނަމުންދާއިރު، ސިޔާސީ ލީޑަރުންނާއި، ބޭއިންސާފުން ޝަރީޢަތްކޮށް ޖަލަށްލާފައިވާ ހުރިހާ މީހުން މިނިވަންކުރަން އެ ޕާޓީން ގޮވާލާ ކަމަށެވެ. މިއަދު އެނގި ހާމަވަމުންދާ ޙަޤީޤަތަކީ ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށްލުން އާންމުވެ، މުޅި ޝަރުޢީ ނިޒާމްވެސް ހައިޖެކް ކުރުމަށް ވަކި މީހަކު މަސައްކަތް ކުރަމުންދާކަން ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގުނު ގޮތުގެ ތަފްޞީލް އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވާ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ އަލުން ބައްލަވައި އަދީބަށް އެނގިވަޑައިގަންނަވާ މަޢުލޫމާތަކީ ކޮބައިކަން ދެނެގަތުމަކީ މުހިއްމު ކަމެއް ކަމުގައި އެ ޕާޓީން ދެކޭކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް