ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭ ގޮތަށް, މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް ސަރުކާރުން ބަދަލުގެނެސްފިއެވެ.
ޓީޗަރުންގެ ސުލޫކީ މިންގަނޑު ކުރިން އޮންނަ ގޮތުން, ކިޔަވައިދޭ ވަގުތު ޓީޗަރުން ތިބެންޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. ނަމަވެސް އަންގާރަ ދުވަހު އުސޫލަށް ގެނައި އިސްލާހުގައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއްގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަންވާނީ ކާކުކަން އެނގޭގޮތަށް ސްޓާފު ކާޑު އަޅައިގެން މޫނު ފެންނަ ގޮތަށް ކަމަށެވެ. އަދި މޫނުބުރުގާ އަޅާ މުވައްޒަފުން ދަރިވަރުންނާ މުއާމަލާތުކުރާ ހުރިހާ ވަގުތެއްގައި ހުންނަންވާނީ ސްޓާފު ކާޑު އަޅައިގެން ކަމަށެވެ.
އުސޫލަށް ގެނައި އިސްލާހާއެކު ޓްވީޓްކުރައްވަމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ކުރީގެ ސަރުކާރުން މުތުލަގަށް މަނާކޮށްފައި އޮއްވާ އަދާލަތު ޕާޓީގެ މަސައްކަތުން ރައީސް ސާލިހުގެ ސަރުކާރުގައި މި ފުރުސަތު ހުޅުވާލައި، އަދި އެކަމާމެދު އެރި އޮޅުންވެސް ފިލައިގެން ގޮސްފައިވާކަމަށެވެ. ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކުރުމަށް ރައީސް ސާލިހާއެކު ފަހި ފުރުސަތެއް އެބައޮތް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން މި އިސްލާހު ގެންނެވިކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއާއި ރައީސުލްޖުމްހޫރިއްޔާއަށް އިމްރާން ވަނީ ޝުކުރު ދަންނަވާފައެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިނުދެވޭ ގޮތަށް އޮތުމާ ދެކޮޅަށް އިހުތިޖާޖުވެސް ކޮށްފައިވެއެވެ.