އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށެން ކުޑަ ދުވަސްކޮޅަކަށް ވެއްޖެ އެވެ. މި މަހުގެ 25 ވަނަ ދުވަހު މަޑަގަސްކަރައިގައި ފެށުމަށް ތައްޔާރުވެފައިވާ އައިއޯއައިޖީ އަށް ދާ ދިވެހި ޓީމުތަކުން ވެސް އެންމެފަހުގެ ތައްޔާރީތަށް ކުރިއަށް ގެންގޮސްފައިވާއިރު، ހުރިހާ އެތުލީޓުންގެވެސް އުންމީދަކީ 2019 ވަނަ އަހަރުގެ މެޑަލް ޓެލީ އިތުރުކޮށް، ގައުމު ހެއްވާލުމެވެ.
ބާސްކެޓް ޓީމުތަކުގެ ވެސް އުންމީދަކީ އެއީ އެވެ. މި ފަހަރުގެ އަންހެން ޓީމާއި ތުރީ އޮން ތުރީ ޓީމުތައް ވެސް އައިއޯއައިޖީން ފެންނާނެ އެވެ. މިއީ، ތުރީ އޮން ތުރީ އަށް މި ގޭމްސްގައި ތާރީހީ ފެށުމެކެވެ.
އެ ތަޖުރިބާ އަށް ފިރިހެން ތުރީ އޮން ތުރީ ބާސްކެޓް ޓީމުގެ ތަރިން ފުރިހަމައަށް ތައްޔާރެވެ. ކުޅުންތެރިންގެ ވިސްނުމުގައި މެޑަލް ނޫން އެހެން އެއްޗެއް ނެތެވެ. އައިއޯއައިޖީގައި ވާދަކުރާ އެހެން ޓީމުތަކުގެ މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާ ނަމަވެސް، ތުރީ އޮން ތުރީއަށް ދިވެހި އެތުލީޓުންގެ އުންމީދު ބޮޑެވެ. އެއް ސަބަބަކީ ޓެކްނިކަލީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރެވެ.
ފައިވް އޮން ފައިވްގައި މިވާގޮތަކީ ހައިޓް ވަރަށް ބޮޑަށް މެޓާ އެބަކުރޭ. އެކަމަކު ދުނިޔޭގެ ހުރިހާ މުބާރާތްތަކަށް ބަލާލިޔަސް ތްރީ އޮން ތްރީގައި ހައިޓަކީ އެއްވެސް އެއްޗެއް ނޫން. ނަގަން ޖެހޭ އަވަސް ޑެސިޝަންތަކާއި ޓެކްޓިކްސް ރަނގަޅު ކުރުމުން ނަތީޖާ ނެރެވޭނެ. ރާއްޖޭގެ ތްރީ އޮން ތްރީ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް ފާހަގަކުރެވެނީ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން އެކަމަށް ތައްޔާރުވަމުން މި އަންނަނީ. ޓީމު އިންޑިއާއަށް ގޮސް ކުރި ތަމްރީނުތަކާވެސް އެކު، ވަރަށް ރަނގަޅަށް މިއޮތީ. ވަރަށް އެކްސައިޓެޑް މުބާރާތަށް ދާން. ފުރަތަމަ ޓާގެޓަކީ ގްރޫޕް ސްޓޭޖު ކަޑައްތުކުރުން. އިރާދަކުރެއްވިއްޔާ މެޑަލްއެއް ހިފައިގެން މިފަހަރު އަންނާނީއަބުދުالله އަމްޒަރު/ ތްރީ އޮން ތްރީ ފިރިހެން ޓީމްގެ ކުޅުންތެރިއެއް
އަމްޒަރުގެ އިތުރުން ޓީމުގައި ހިމެނޭ ހުވައިލިދު އަލީ (ހުވޭ)އާއި އަލަށް އައިއޯއައިޖީގެ ތަޖުރިބާއަކަށް ނުކުންނަ އިސްމާއިލް ވިލްދާނަށް ވެސް މިފަހަރު ތުރީ އޮން ތުރީގެ މެޑަލްއެއް ގައުމަށް ގެނެވޭނެ ކަމުގެ އުންމީދު ބޮޑެވެ.
ތުރީ އޮން ތުރީއަށް ރެޑްބުލް މުބާރާތުގައި އެންމެ ފުރަތަމަ ރަނގަޅު ޗެލެންޖަކަށް ނުކުތީ. އޭރު ޑިވައިޑެޑްކޮށް ކުޅުނު އިރުވެސް، އެއްކޮށް ޕްރެކްޓިސް ކުރަމުން ދިޔައީ. ދެން އިންޑިއާ ތަމްރީނު ކޭމްޕްގައި ރަނގަޅަށް ކުޅެ، އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައި އައީ. ފުދޭވަރަކަށް ބޮންޑް ރަނގަޅަށް އުޅެނީ. އަލަށް އައިއޯއައިޖީގައި ތުރީ އޮން ތުރީ ކުޅެން މިދަނީ. އެންމެ ރަނގަޅުކޮށް ފެންނަ ފެނުމަށް އޮތީ މަޑަގަސްކަރަ. އެކަމަކު އެޓީމު އޮތީ އަނެއް ފަޅީގައި. ރާއްޖެ ފަޅީގައި އޮތީ ސީޝެލްސް އާއި މަޔޮޓް. ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް އުންމީދު ކުރަނީ. އެންމެ ފުރަތަމަ ޓާގެޓަކީ ގްރޫޕްގެ ޓޮޕް ނެގުންހުވައިލިދު އަލީ/ ފިރިހެން ތްރީ އޮން ތްރީ ޓީމްގެ ކުޅުންތެރިއެއް
ވިލްދާން ބުނީ އައިއޯއައިޖީ އަށް އަލަށް ދާ ނަމަވެސް، މެޑަލްއެއް ހިފައިގެން އާދެވެނޭ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށެވެ. އަންހެން ޓީމުން ވެސް ވޭތުވެދިޔަ މަދު އަހަރުތަކެއްގައި މުހިއްމު ކުރިއެރުންތަކެއް ހޯދާފައިވާ އިރު، ޓީމުގެ ތަރިންގެ ނަޒަރުގައި މިފަހަރުވީ ލޯ މެޑަލް ރަނަށް ބަދަލު ކޮށްލަން ލިބޭނެ ފުރުސަތެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާބާ މުބާރާތުން އަންހެން ޓީމަށް ލޯ މެޑަލް ލިބިފައިވާ އިރު، އެ ލޯ މެޑަލް ރަނަށް ބަދަލުކޮށްލަން ޓީމު ތައްޔާރެވެ.
މިދިޔަ އަހަރުގެ ސާބާ ނިންމާފައި، ކްލަބު މުބާރާތްތައް ނިމުނު ހިސާބުން އައިއޯއައިޖީއަށް މި ތައްޔާރުވަމުންދަނީ. ޓްރައި އައުޓްސްއަށްފަހު މިހާރު މިއޮތީ ސީދާ 12 ކުޅުންތެރިންގެ ސްކޮޑެއް. ސާބާގައި އަސްލު ބޭނުންވި ނަތީޖާއެއް ނޫން ނެރެވުނީ. އެކަމަކު އެ މެޑަލްއާމެދުވެސް އުފާކުރަން. އޭގެ ފަހުން ކުރިއެރުމަށް ކަންކަން ފަހިވެއްޖެ. އިންޑިއާއަށް ގޮސްވެސް އިސްކޮޅުން ދިގު ކުޅުންތެރިންނާ ދެކޮޅަށް މެޗުތަކެއް ލިބި، ރަނގަޅު ނަތީޖާތަކެއްވެސް ނެރެވުނު. ތިން މެޗު ކުޅުނު އިރު ދެމެޗުން މޮޅުވެ، އަނެއް މެޗުން ބަލިވީ ހަނި ތަފާތަކުން. ވަރަށް ރަނގަޅަށް ޓީމް އޮތީ މިހާރު. ވަރަށް ސީރިއަސްކޮށް ރަން މެޑަލް ނަގަން ވެގެން މިއޮތީ. މީގެ ކުރިން ލިބުނު ދެ ލޯ މެޑަލްއާއެކު މިފަހަރު އިރާދަކުރެއްވިއްޔާ މިދަނީ ރަން މެޑަލްއަށް ޓާގެޓް ކޮށްގެންއިސްރާއު އަބްދުއްޝުކޫރު / ޤައުމީ އަންހެން ބާސްކެޓް ޓީމްގެ ކުޅުންތެރިއެއް
ޒުވާން ކުޅުންތެރިޔާ ރާއީ ހަމްޒާގެ ނަޒަރުގައި ވެސް ޓީމަށް އުންމީދު އެބައޮތެވެ. އޭނާ ބުނީ ފަރިތަކުރުންތައް ވަރަށް ވަރުގަދަކޮށް ކުރިއަށް ގެންދިޔަ ކަމަށާއި، އައިއޯއައިޖީއަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ހާއްސަކޮށް ސާބާގެ ލޯ މެޑަލް އަކީ ޓީމަށް އިތުބާރު ލިބުމަށް މަގުފަހިވި މެޑަލް އެއް ކަމަށް ވެސް ރާއީ ފާހަގަކުރިއެވެ.