ދެކެދެކެވެސް ރައީސް ޔާމީންހާ ޙުދުމުހުތާރުވެރިއެއް ނުދެކެން" ކަމަށާއި އަނދަގޮނޑިޖަހައި ބުރިން ހަންނެގިޔަސް ވޯޓް ދޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ވިދާޅުވެއްޖެއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރިންގެ ސޮއި އަނބުރާ ނެންގެވުމަށް އެޕާޓީން އެންގުމާ ގުޅިގެން ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން މުހައްމާ ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް ދާނީ މުޅި ގައުމުގެ ލާބަޔާ މަންފާ ލިބޭ ގޮތަށް ކަމަށެވެ. ސޮއި އަނބުރާ ގެންދަވަން އެންގީ ރައީސް އަބްދުﷲ ޔާމީނަން ބަލިވާނެކަން ޔަގީން ވުމުން ކަމަށާއި، ގޮނޑި ގެއްލުނަސް ވޯޓް ދޭނީ މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމަށް މުހަންމާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓީމް މޮޅުވެފައި ވަނިކޮށް، ބަލިވާންކަން ޔަގީންވުމުން، މެޗް ނިމިނިމި އޮތްވާ ކޮންމެސް މޮޅު ގަވައިދެއް ހަދައިގެން އެއުޅެނީ، އަޅުގަނޑު ދަންނަވާނީ ގޮނޑިގެއްލުނަސް، އަނދަގޮނޑި ޖަހާ ބުރިން ހަންނެގިޔަސް، މި ނިންމުން އަޅުގަނޑު ބަދަލެއް ނުކުރާނަން، މިފަހަރު އަޅުގަނޑު ވޯޓް ދެނީ މަސީހާ ދެކޮޅަށް" ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މުހަންމާ ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި މުހަންމާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަން އިހްލާސްތެރި އެއްވެސް ބޭފުޅަކު ސަރުކާރުގެ ތެރޭގައި ނެތް ކަމަށެވެ. އަދި މުހަންމާ ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި މަސައްކަތް ކުރާ ސިޔާސީ ލީޑަރުން ވެސް އެމަނިކުފާން ކަންކަން ކުރައްވަނީ އިންސާފުން ބޭރުންކަން ގަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ ، ރައީސް ޔާމީން ވެރިކަން ދިފާއުކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ކިބައިން މާފަށް އެދި ރިވެތި ގޮތުގައި އިސްތިއުފާ ދެއްވުން ކަމަށް މުހަންމާ ވިދާޅުވިއެވެ.
"އަޅުގަނޑު ޕީޕީއެމްގެ ތެރޭގައި މި އުޅުނު ދުވަސްތަކުގައި، ފެނުނު ކަންތައްތަކާއި، ފެނުނު މަންޒަރަށް ބަލާއިރު، އަޅުގަނޑު ދަންނަވާލަން އޮތީ، ދެކެދެކެވެސް ރައީސް ޔާމީންހާ ޙުދުމުހުތާރުވެރިއެއް ނުދެކެން" މުހަންމާ ވިދާޅުވިއެވެ.