Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 21:58
ޤާސިމް އިބްރާހިމް - ޤާސިމްގެ ޕާސްޕޯޓް ދޫކޮށްދެއްވުމަށް އާއިލާއިން ވަނީ ގޮވާލައިފަ
ޤާސިމް އިބްރާހިމް - ޤާސިމްގެ ޕާސްޕޯޓް ދޫކޮށްދެއްވުމަށް އާއިލާއިން ވަނީ ގޮވާލައިފަ
މުހައްމަދު ޝަރުހާން
ޤާސިމްގެ ސިއްހީ ހާލުކޮޅު
ޤާސިމް އިބްރާހިމްގެ ޕާސްޕޯޓް ދޫކޮށްދެއްވުމަށް އާއިލާއިން ދިވެހި ސަރުކާރަށް ގޮވާލައިފި
ޤާސިމް އިބްރާހީމްއާ މެދު ބޭއިންސާފުން، އިންސާނިއްޔަތާ ޚިލާފު ޢަމަލު ނުކުރެއްވުމަށް ގޮވާލައިފައިވޭ
ޤާސިމް އިބްރާހީމާމެދު، ޤާނޫނީ ނިޒާމުން ބޭރުން ކުރައްވަމުން ގެންދަވާ އަމުރުތަށް ހުއްޓާލުމަށް ގޮވާލައިފައިވޭ
ކޯޓުންކޮށްފައިވާ އަމުރާއި ގުޅިގެން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ޤާސިމް އިބްރާހިމްގެ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް، އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދެއްވުމަށް ޤާސިމް އިބްރާހިމްގެ އާއިލާއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

 

ޤާސިމް އިބްރާއިމްގެ އާއިލާއިން ނެރިފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާސިމް އިބްރާހީމްއާ މެދު ބޭއިންސާފުން އިންސާނިއްޔަތާ ޚިލާފު ޢަމަލު ނުކުރެއްވުމަށާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނާމެދު ކަންތައްތައް ކުރެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާކަމަށެވެ. އަދި އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް، އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދެއްވުމަށް، ޢާއިލާގެ ފަރާތުން ވަނޯ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.

 

އޭގެއިތުރުން އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤާސިމް އިބްރާހީމާމެދު، ޤާނޫނީ ނިޒާމުން ބޭރުން ކުރައްވަމުން ގެންދަވާ އަމުރުތަކާއި، މުޢާމަލާތު ކުރައްވާ ގޮތްތަކާމެދު ކަންބޮޑުވެ، އެކަން އެގޮތަށް ނުކުރުމަށްވެސް ދިވެހި ދައުލަތަށް އިލްތިމާސް ކުރާ ކަމަށެވެ.

 

އާއިލާއިން ބުނީ، ޤާސިމް އިބްރާހީމްގެ ޕާސްޕޯޓު ހިފަހައްޓާ، އެމަނިކުފާނަށް ދިމާވެފައިވާ ޞިއްޙީގޮތުން ނުރައްކާތެރިކަން ބޮޑު ޙައްސާސީ ޙާލަތަށް ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކުރާ ގޮތަށް ކޯޓުން ކުރައްވާފައިވާ އަމުރާމެދު ޢާއިލާގެ ފަރާތުން ނުހަނު ކަންބޮޑުވާކަމަށެވެ. އަދި ބޭސް ފަރުވާކުރެއްވުމަށް ޤާސިމް އިބްރާހީމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތު ނުދެއްވުމުން، އެއާރޕޯޓުން އެމަނިކުފާނުވަނީ ވަގުތުން އޭ.ޑީ.ކޭ. ހޮސްޕިޓަލަށް ގެންދެވިފައިކަމަށާއި، އެމަނިކުފާނުގެ ސިއްހީ ޙާލަތުގެ ސީރިއަސްކަމުން، އެމަނިކުފާނަށް ޑޮކްޓަރުން ފަރުވާ ދެއްވަމުން ގެންދަވަނީ ހޮސްޕިޓަލްގެ އިންޓެންސިވް ކެއާރ ޔުނިޓް (އައި.ސީ.ޔޫ.) ގައި ބާއްވައިގެންކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

 

2 ޖުލައި 2017 ދުވަހު ޢަމަލުކުރަން ފަށާފައިވާ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވާނަމަ އެކަން ވީއެންމެ އަވަހަކަށް އެމީހަކަށް އަންގަންޖެހެ އެވެ. އެކަން ފާހަގަކޮށް ޤާސިމްގެ އާއިލާއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، ޤާސިމް އިބްރާހީމްގެ މައްޗަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވާކަން ކޯޓުން އަންގާފައިނުވާތީ، ބޭސް ފަރުވާއަށް ފުރާވަޑައިގަތުމަށް 16 ޖުލައި 2017 ދުވަހުގެ 20:00 ގައި އެއާޕޯޓަށް ވަޑައިގަތުމުން، އިމިގްރޭޝަންއިން އެމަނިކުފާނަށް އަންގާފައިވަނީ އެދުވަހުގެ މެންދުރުން ފެށިގެން ފުރުން މަނާކުރެވިފައިވާތީ، ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަނުދެވޭނެކަމަށެވެ. ނަމަވެސް ކޯޓު އަމުރެއް ލިބިފައިވާކަމުގެ އެއްވެސް ލިޔުމެއް ނުވަތަ އެފަދަ ކޯޓު އަމުރެއްގެ ކޮޕީއެއް އިމިގްރޭޝަންއިން ޤާސިމް އިބްރާހީމްއަށް ދައްކާފައިނުވާކަމަށާއި، ކްރިމިނަލް ކޯޓުން އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމުގެ އަމުރު ނެރެ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވަކީލުންނާ ޙަވާލުކޮށްފައިވަނީ 16 ޖުލައި 2017 ވަނަ ދުވަހުގެ 21:34 ގައި ކަމަށް އާއިލާއިން ބުނެ އެވެ.

 

6 ޖުލައި 2017 ދުވަހުގެ މެންދުރެއްހާއިރު އޮނަރަބަލް ޤާސިމް އިބްރާހީމް އޮފީހަށް ވަޑައިގަންނަވަނިކޮށް ދިމާވި ކުއްލި އާލާސްކަންފުޅެއްގެ ސަބަބުން އެމަނިކުފާނުވަނީ ވަގުތުން އެހިސާބާ އެންމެ ގާތުގައި ހުރި މެޑިކާ ހޮސްޕިޓަލްއަށް ގެންގޮސްފައެވެ. އަދި އެމަނިކުފާނު މެޑިކާ ހޮސްޕިޓަލަށް ގެންދިއުމުން ފަރުވާ ދިނުމަށްޓަކައި ޑޮކްޓަރުން ވަނީ އެމަނިކުފާނު އެހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

 

އާއިލާއިން ބުނީ ޤާސިމް އިބްރާހީމަކީ، ވަކި ބަލިތަކަކަށް ގަވާއިދުން ބޭސްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، އަދި އިއްޔެ ދިމާވި ހާދިސާއާ ގުޅިގެން މެޑިކާ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރު ލަފާ ދެއްވާފައިވަނީ، ކުރަންޖެހ އިތުރު ތަޙްލީލުތައްކުރުމަށާއި އެމަނިކުފާނަށް ބޭނުންފުޅުވާ ފަރުވާ ހޯދުމަށްޓަކައި ކަމާ ބެހޭ ޚާއްޞަ ހޮސްޕިޓަލަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް